ސްރީލަންކާ ކައިރިން ތެޔޮ ޓޭންކަރުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށްފަހު، ޓޭންކަރަށް ލިބިފައިވާ ގެއްލުންތައް ވަޒަންކުރަން ފަށައިފިއެވެ.

ސްރީލަންކާ ކަނޑުގެ ސިފައިން ބުނެފައިވަނީ، އަލިފާނުގެ ހާދިސާގެ ސަބަބުން ޓޭންކަރަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދަނީ ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ ޓީމަކުން ކަށެވެ.

ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ "ނިއު ޑައިމަންޑް" ގައި މިދިޔަ ބުރާސްފަތިދުވަހު އަލިފާން ރޯވިއިރު، 27،000 ޓަނުގެ ސާފުނުކުރާ ތެލާއި، ޑީސަލް އޭގައި ހުއްޓެވެ.

ތެޔޮ ޓޭންކަރު ދަތުރުކުރަމުންދިޔައީ ކުވައިތުން ފުރައިގެން އިންޑިއާގެ ޕަރަދިޕް ބަނދަރަށް ދިއުމަށެވެ.

ޓޭންކަރުގެ އިންޖީނު ރޫމްގައި އަލިފާން ރޯވީ އެއްޗެއް ގޮވި އަޑުފަށްގަނޑާ އެކުގައެވެ. އިންޖީނު ރޫމްގައި އެއްޗެއް ގޮވި ހާދިސާގައި އެވަގުތު އިންޖީނު ރޫމްގައި ހުރި ފިލިޕީންސްގެ ކުރޫއެއް މަރުވެފައި ވެއެވެ.

ތެޔޮ ޓޭންކަރުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވަނީ މިދިޔަ ހުކުރުދުވަހުއެވެ.

ސްރީލަންކާ ކަނޑުގެ ސިފައިންގެ ކޮމާންޑަރ ނިޝާންތާ އުލުގެޓެންނާ ވިދާޅުވީ، ސްރީލަންކާ ކަނޑުގެ ސިފައިންނާއި، އިންޑިއާގެ ކޯށްޓްގާރޑު ގުޅިގެން ކުރި މަސައްކަތުން އަލިފާން މިހާރު އެއްކޮށް ނިއްލާވާފައިވާ ކަމަށެވެ.

"އަލިފާން އެއްކޮށް ނިއްވާލެވިއްޖެ. އެކަމަކު، ސްޓީލްގަނޑު އަދިވެސް ވަރަށް ހޫނު. އެހެންވެ، އަލުން ހުޅު ރޯވުމުގެ ރިސްކް ވަރަށް ބޮޑަށް އެބައޮތް"
ނޭވީ ކޮމާންޑަރ ނިޝާންތާ އުލުގެޓެންނާ

އިންޑިއަން ކޯސްޓްގާރޑުން ކުރި ޓްވީޓެއްގައިވެސް ބުނެފައިވަނީ، މިހާރު އަލިފާނެއް އަދި ދުމެއްވެސް ފެންނާކަށް ނެތް ކަމަށެވެ.

އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ފަށާފައިވަނީ، ރައްކާތެރި ފިޔަވަޅެއްގެގޮތުން ޓޭންކަރު ޓޯކޮށްގެން ސްރީލަންކާގެ އިރުމަތިން 25 މޭލު ދުރަށް ގެންގޮސްގެންނެވެ. ސްރީލަންކާއާ ދުރަށް ޓޭންކަރު ގެންދިޔައީ، އޭގެން ކަނޑަށް ތެޔޮ ފޭބި ނަމަވެސް، ސްރީލަންކާގެ އައްސޭރިފަށަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށެވެ.

އަލިފާންގަނޑު، ޓޭންކަރުގައި ހުރި ތެޔޮތަކާ ހަމައަށް ދިއުމުގެކުރިން ކޮންޓްރޯލް ކުރެވުމަކީ ތިމާވެށީގެ ބޮޑު ކާރިޘާއަކުން ސަލާމަތްވުން ކަމަށް ސްރީލަންކާއިން ދެކެއެވެ.

އަލިފާން ރޯވި ތެޔޮ ޓޭންކަރުގެ ހަލްގަނޑުގެ ފެނުންމަތިން ދެމީޓަރުގެ ދިގުމިނަށް ތަންގަނޑެއް ފަޅައިގެންގޮސްފައި ވީނަމަވެސް، އެތަނުންވެސް ތެޔޮ ބޭރު ނުވަކަމަށް ސްރީލަންކާ ކނޑުގެ ސިފައިން ބުނެއެވެ. އަދި ކަނޑަށް ތެޔޮ ފޭބުމުގެ އެއްވެސް ބިރެއް ނެތްކަމަށްވެސް ބުނެއެވެ.