މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.9 ބިލިއަނަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ރާއްޖޭގެ އެތެރޭގެ ދަރަނި 36 ބިލިއަން ރުފިޔާ ވަނީ އަރާފައެވެ. އަދި ބޭރުގެ ދަރަނި 37.7 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

މީގެއިތުރުން ގެރެންޓީދީފައިވާ ދަރަނީގެ އަދަދު 16.6 ބިލިއަނަށް ވަނީ އަރާފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 އިންސައްތައިގައެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ޖުލައިމަހުގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީ ހުރީ 68.3 ބިލިއަން ރުފިޔާގައެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހައިންސައްތައިގެ އިތުރުވުމެކެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ދަރަނި ހުރީ 69.4 ބިލިއަން ރުފިޔާގައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރު ސަރުކާރުން، 12 ލޯނެއް ނަގައިފައި ވެއެވެ.

މީގެ ތެރޭގައި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (އޯފިޑް) އާއި އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކް (އައިޑީޕީ) އާއި އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓް އާއި އޭޝިއަން އިންފްރާސްޓަކްޗާ އިންވެސްޓްމަންޓް ބޭންކް (އައިއައިއައިބީ) އިން ނަގާފައިވާ ލޯނުތައް ހިމެނެއެވެ.

މީގެ ތެރެއިން ބައެއް ތަންތަނުން ދެފަހަރަށްވެސް ލޯނު ނަގާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގެ ދަރަނި ވަރަށް ބޮޑަށް މައްޗަށް އަރާފައިވާއިރު، ދަރަނި ނުދެއްކޭނެ ހާލަތަކަށް ނުދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައި ވެއެވެ.