ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގައި ހުރި މައްސަލަތައް ދެނެގަތުމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑާޝިޕާއި އިލެކްޝަން ކޮމިޝަނުން ބައްދަލުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޑީއާރުޕީއާއެކު މަޝްވަރާ ކޮށްފައިމިވަނީ ޑީއާރްޕީ އަތުން ޖޫރިމަނާ ފައިސާ ހޯދަން އިލެކްޝަންސް ކޮމިޝަނުން ދައުވާކޮށްފައިވާ ވަގުތެއްގައެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ވީނިއުސްއާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ، އެއީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ކަންތައްތައް އެމުއްދަތުގެ ތެރޭގައި ޑީއާރުޕީއަށް ކުރުމުގައި ދަތިތަކެއް ދިމާވެ އެކަންކަން ނުކުރެވިދާތީ އެކަންކަމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކެއް ކަމަށެވެ.

މި ބައްދަލުވުމުގައި ޑީއާރުޕީއަށް ދިމާވެފައިވާ ދަތިތަކުގެ ތަފްސީލް ހިއްސާކޮށްފައިވާ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އެގޮތުން ޑީއާރުޕީގެ ލީޑާޝިޕް ބަދަލުވުމުގެ ސަބަބުން ގިނަ ޑޮކިއުމެންޓްތައްވެސް ގެއްލިފައިވާ ކަމަށާއި ދަރަނީގެ ވާހަކަތައްވެސް ޑީއާރުޕީން ފާހަގަކުރި ކަމަށް އަކްރަމް ވިދާޅުވިއެވެ.

"ޑީއާރުޕީގެ ހުށަހެޅުންތަކަށް ބަލާފަ ކޮމިޝަނުން މަޝްވަރާކުރުމަށް ފަހު ޑީއާރުޕީއަށް ޖަވާބެއްދޭނަން."
އަހުމަދު އަކްރަމް

އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގައި ޑީއާރުޕީގެ މައްސަލަ ސިވިލް ކޯޓަށް ވެއްދީ ތިން އަހަރުގެ އޮޑިޓު ރިޕޯޓާއި، އަހަރީ ރިޕޯޓު ހުށަހަޅާފައި ނުވާތީ ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައިވާ ގޮތުގައި އޮޑިޓް ރިޕޯޓު ހުށަނާޅާނަމަ 20،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.