ޖުލައިމަހުގެ ނިޔަލަށް ދައުލަތުގެ އޮފީސްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ މުދަލުގެ ތަފްސީލް، މި ހިނގާ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހިއްސާކުރުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރެފައިވާ ސަރކިއުލަރއެއްގައި ބުނެފައިވަނީ ދައުލަތުގެ ހަރުމުދަލުގެ ފުރިހަމަ ރަޖިސްޓްރީއެއް ހެދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރަމުންދާކަމަށެވެ. އެހެންކަމުން ދައުލަތުގެ އޮފީސްތަކަށް މިއަހަރުގެ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ޖުލައިމަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ މުދަލުގެ މައުލޫމާތު ހޯދުމަށް އީމެއިލްގެ ޒަރިއްޔާއިން އަންގާފައިވާކަމަށެވެ.

ނަމެވެސް މި މައުލޫމާތު ފޯރުކޮށްދީފައިވަނީ ވަރަށް މަދު އޮފީސްތަކަކުންކަމަށް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައިވަނީ ފާހަގަކޮށްފަ އެވެ.

މި މައުލޫމާތަކީ ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓްރީގެ ގޮތުގައި ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ރެކޯޑްކުރުމަށް ބޭނުންވާ މައުލޫމާތެއްކަމަށް އެ މިނިސްޓްރީން ބުނެއެެވެ. އެހެންކަމުން ދައުލަތުގެ އޮފީސްތަކަށް ހިލޭ އެހީގެ ގޮތުގައި މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ލިބިފައިވާ މުދަލުގެ މައުލޫމާތު މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް އެ މިނިސްޓްރީން ވަނީ ސަރުކާރު އޮފީސްތަކަށް އަންގާފައެވެ.

މާލިއްޔަތު ޤަވައިދުގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ ކެޕިޓަލް ބަޖެޓުން ޚަރަދުކޮށްގެންނާއި، އެހީގެ ގޮތުގައި ލިބޭ ހަރުމުދަލާއި އެނޫން ގޮތްގޮތުން ދައުލަތަށް ލިބޭ މުދާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި ކުރެވޭ މަސައްކަތް ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނައިގެން ބަލަހައްޓަންވާނެކަމަށެވެ.