ޗައިނާގައި ބޭސްއުފައްދާ ކުންފުންޏެއް ކަމަށްވާ ސިނޮވެކް ބަޔޯޓެކުން އުފެއްދި ވެކްސިން، އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނާއި، އެ މުފައްޒަފުންގެ އާއިލާތަކަށް ދީފިއެވެ.

ސިނޮވެކް ބަޔޯޓެކުން ތަރައްގީކޮށް އުފެއްދި ވެކްސިނަށް ދީފައިވާ ނަމަކީ "ކޮރޯނާވެކް" އެވެ.

ސިނޮވެކް ބަޔޯޓެކްގެ ތަރުޖަމާނު ލިއު ޕީޗެންގް ވިދާޅުވީ، އެ ކުންފުނިން އުފެއްދި ވެކްސިން، އެކުންފުނީގެ ގާތްގަނޑަކަށް 3،000 މުވައްޒަފުންނާއި، އެ މުފައްޒަފުންގެ އާއިލާތަކަށްވެސް މިހާރު ދީފައިވާ ކަމަށެވެ.

ކުންފުނީގެ ހުރިހާ މުވައްޒަފުންނާއި، މުވައްޒަފުންގެ އާއިލާތަކަށް ދީފައިވާއިރު "ކޮރޯނާވެކް" ވެކްސިންގެ މިހާރު ކުރިއަށްދަނީ އެންމެފަހު ނުވަތަ ތިންވަނަ ފިޔަވަހީގެ ކްލިނިކަލް ޓްރައިލްސްއެވެ.

ފަހު ފިޔަވަހީގެ ޓްރައިލްސްގައި ވެކްސިން ޓެސްޓްކުރަމުންދަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 35،000 ރައްޔިތުންނަށް ދީގެން ކަމަށްވެސް ބުނެފައި ވެއެވެ.

މިހާރު ކުރިއަށްދާ ކްލިނިކަލް ޓްރައިލްސް ނިމުމުން، އާންމުކޮށް ބަޒާރަށް ނެރުމަށްޓަކައި ވެކްސިން އުފައްދަން ފަށާނެކަމަށް ސިނޮވެކް ބޔޯޓެކުން ބުނެފައި ވެއެވެ. މިއީ، އެ ކުންފުނީގެ އަމިއްލަ ވެކްސިނެކެވެ.

ސިނޮވެކް ބަޔޯޓެކް ނިސްބަތްވާ ޗައިނާ ނޭޝަނަލް ބަޔޯޓެކް ގްރޫޕް (ސީއެންބީޖީ) ގެ މެނޭޖަރ ޒަންގް ޔިނާން، ސައުތު ޗައިނާ މޯނިންގ ޕޯސްޓަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ޚުދު އޭނާވެސް ވެކްސިން ޖަހާފައިވާ ކަމަށެވެ.

ޗައިނާގެ ބައެއް ކުންފުނިތަކުން ކޮވިޑް-19 ގެ ވެކްސިން ޓެސްޓްކުރުމުގެ އެންމެފަހު މަރްހަލާތައް ފަށާފައިވާއިރު، ރަޝިޔާގެ ކުންފުންޏަކުވެސް މިހާރުދަނީ ފަހު މަރްހަލާގެ ކްލިނިކަލް ޓްރައިލްސްއަށް ތައްޔާރުވަމުންނެވެ.

ރަޝިޔާގެ ގަމާލިޔާ ރިސާޗް އިންސްޓިޓިއުޓުން އުފެއްދި ވެކްސިން، ރަޝިޔާ ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައިވާއިރު، ރަޝިޔާގެ ވެކްޓަރ އިންސްޓިޓިއުޓުން އުފެއްދި ވެކްސިން ޓެސްޓުކުރުމުގެ ފުރަތަމަ މަރްހަލާތައް މިމަހު 30 އަށް ނިމޭނޭ ކަމަށްވެސް ރަޝިޔާއިން ހާމަކޮށްފައި ވެއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯރޑް ޔުނިވަރސިޓީއާއި، އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ކްއީންސްލޭންޑާއި އެސްޓްރަޒެންކާ ގުޅިގެން ތަރައްގީކުރި ވެކްސިންވެސް މިހާރުވަނީ ފަހުގެ މަރްހަލާގެ ޓްރައިލްސްގައެވެ.

ދުނިޔޭގެ އެހެން އެތައް ކުންފުންޏަކުންވެސް ގެންދަނީ ކޮވިޑަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.