ބ. އޭދަފުށި މަގުތައް ހެދުުގެ މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އަޅުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގެ 87 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމފައިވާއިރު، މިހާރު ކުރިއަށްދަނީ ފެން ހިންދުމަށްޓަކައި ޕަމްޕް ސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ތެރޭގައި 22،942 އަކަމީޓަރު ހިމެނޭ ގޮތަށް 19 މަގެއްގައި ތާރު އެޅުމާއި، ފެންހިންދާ ނިޒާމް ހަރުކުރުމުގެ އިތުރުން ގްރެވިޓީ ޕައިޕްނެޓްވޯކް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ބ. އޭދަފުށީގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ކުރީކޮޅު އެމްޓީސީސީއާއި ހަވާލުކޮށްފައިވާއިރު އޭދަފުށީ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 34.4 މިލިއަން ރުފިޔާއަށެވެ.