ކޮރޯނާވައިރަސްގެ މައްސަލާގައި އެއްވެސްކަމެއް ސިއްރު ނުކުރައްވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

ކޮވިޑާ ދެކޮޅަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގެ ކުރީސަފުގައި އާދަޔާ ޚިލާފް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ 4 ބޭފުޅަކަށް ޝަރަފްވެރިކަމުގެ އެވޯޑު ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝީ ޖިންޕިން ވިދާޅުވީ، ކޮރޯނާވައިރަސް ފެނުމާއެކު ޗައިނާއިން މަސައްކަތް ކުރަމުން ގެންދިޔައީ، ހުޅުވާލެވިފައިވާ ގޮތެއްގައި އަދި އެތެރެފެންނަ ގޮތަށް ކަމަށެވެ. ޗައިނާއިން ދުނިޔެއަށް އެއްވެސް ކަމެއް ސިއްރު ނުކުރާ ކަމަށެވެ.

ޗައިނާގެ ވުހާން ސިޓީން އެންމެ ފުރަތަމަ ވައިރަސް ފެނިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅުއެވެ.

ނަމަވެސް، މިހާރު މިބަލިވަނީ ދުނިޔޭގެ ހުރިހާ ބިތަކަށް ފެތުރިގެން ގޮސްފައެވެ.

ބަލީގެ ހާލަތު ގޯސްވެ މުޅި ދުނިޔެއަށް ފެތުރިގެންދިޔައީ، މިބައްޔާގުޅޭ އެކަށީގެންވާ ތެދު މައުލޫމާތު ޗައިނާއިން ހާމަ ނުކޮށް ސިއްރު ކުރުމުގެ ސަބަބުން ކަމަށް ބުނެ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ޗައިނާ ކުށްވެރި ކުރަމުން ގެންދެއެވެ. އެ ގައުމުތަކުގެ ތެރޭގައި އެމެރިކާ، އޮސްޓްރޭލިއާފަދަ ގައުމުތައްވެސް ހިމެނެއެވެ.

އެހެން ގައުމުތައް ބައްޔާ ހަނގުރާމަކޮށް، ގައުމުތަކުގެ އިގްތިސާދުތައް އިނދަޖެހެމުންދާއިރު، ޗައިނާއިންވަނީ ބަލި ފެތުރުން ކޮންޓްރޯލް ކޮށްފައެވެ.

ބެއިޖިންގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ، ބަލީގެ ހާލަތާ ގުޅިގެން އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ޗައިނާއިން ވަރަށް ހަރުދަނާ މަސައްކަތްތަކެއްކޮށް، ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

ޗައިނާ ސަރުކާރުންދޭ އެންމެ މަތީ އަދި އެންމެ ޝަރަފްވެރި އެވޯޑު "މެޑަލް އޮފް ދަ ރިޕަބްލިކް" ދެއްވާފައިވަނީ، ނޭވާލާ ނިޒާމުގެ ބަލިތަކާބެހޭ ޗައިނާގެ އެންމެ އިސް ތަޖުރިބާކާރު ޒޮންގް ނަންޝަންއަށެވެ.

ޒޮންގް ނަންޝަންއަކީ، ވުހާން ސިޓީން ވައިރަސް ފެނުމާ ގުޅިގެން އެ ވައިރަސް ދެނެގަތުމަށް އެންމެ ފުރަތަމަ ވުހާންއަށްދިޔަ ތަޖުރިބާކާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

"ދަ ޕީޕަލްސް ހީރޯ" އެވޯޑު ދެއްވާފައިވަނީ ހަކީމީބޭހުގެ ތަޖުރިބާކާރެއް ކަމަށްވާ ޒަންގް ބޮލީއަށެވެ. އޭނާއަކީ، ޗައިނާގެ ބޭސްވެރިކަމާއި، ހުޅަނގުގެ ބޭސްވެރިކަން ބޭނުންކޮށްގެން ކޮވިޑަށް ބޭހެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ އިސް މޭސްތިރިއެވެ.

ޝަރަފްވެރިކަމުގެ އެވޯޑު ދެން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، ވުހާން ސިޓީގައި ކޮވިޑް ބަލިމީހުންނަށް ފަރުވާދޭން ކަނޑައެޅި ޖިނިއިންޓަން ހޮސްޕިޓަލްގެ ވެރިޔާ ޒަންގް ޑިންގޫއާއި، ކޮވިޑަށް ވެކްސިނެއް ހޯދުމަށް ކުރެވޭ މަސައްކަތަށް މުހިންމު ދިރާސާތަކެއް ހެއްދެވި އަސްކަރީ ސައިންޓިސްޓެއް ކަމަށްވާ ޗެން ވެއި އަށެވެ.