ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް 1،145 އެއާޓްރެފިކް މޫމަންޓް ރެކޯޑުކުރެވިފައިވާ ކަމަށް އެ އެއާޕޯޓުން ބުނެފިއެވެ.

ވީއައިއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޖުލައިމަހުގެ 15 އިން 31 އަށް އިންޓަނޭޝަނަލް މޫމަންޓުގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ 196 މޫމަންޓެވެ. އެ މުއްދަތުގައި 1991 ޑޮމެސްޓިކް މޫމަންޓް ރެކޯޑު ކުރެވިފައިވެއެވެ.

މިދިއަ އޮގަސްޓުމަހު 432 އިންޓަނޭޝަނަލް މޫމަންޓް ވަނީ ރެކޯޑު ކުރެވިފައެވެ. އަދި އެމަހު 326 ޑޮމެސްޓިކް މޫމަންޓް ރެކޯޑު ކުރެވިފައި ވެއެވެ.

ބޯޑަރު ހުޅުވާލިފަހުން ޖުލައި މަހުގެ 15 އިން 31 ގެ ނިޔަލަށް ވީއައިއޭ އިން އިންޓަނޭޝަނަލް 2،890 އެރައިވަލްސް އަދި 1،954 ޑޮމެސްޓިކް އެރައިވަލްސް ރެކޯޑު ކުރެވިފައިވެއެވެ. އަދި އޮގަސްޓުމަހު ރެކޯޑުކުރެވިފައިވަނީ 11،186 އިންޓަނޭޝަނަލް އެރައިވަލްސް އަދި 3،282 ޑޮމެސްޓިިކް އެރައިވަލްސްއެވެ.

ޖުލައި 15 އިން 31 ގެ ނިޔަލަށް 4،106 އިންޓަނޭޝަނަލް ޑިޕާޗާސް، 2،555 ޑޮމެސްޓިކް ޑިޕާޗާސް ވަނީ ރެކޯޑު ކުރެވިފައެވެ.

އަދި އޮގަސްޓުމަހު 14،045 އިންޓަނޭޝަނަލް ޑިޕާޗާސް އަދި 3،438 ޑޮމެސްޓިކް ޑިޕާޗާސް ވަނީ ރެކޯޑު ކުރެވިފަ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އޮގަސްޓްމަހު ރާއްޖެއަށް ޖުމުލަ 7628 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިއާއެކު، ބޯޑަރު ހުޅުވާލިފަހުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު މިވަނީ 9297 އަށް އަރާފައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ރާއްޖޭން ބޭރުގެ ބައެއް އެއާލައިން ތަކަކުން އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.