ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނު ފަސްކޮށްދިނުމަށް އެދި ދެވަނަ ފަހަރަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލް އިން ބުނީ ނަގާފައިވާ ލޯނާއި ފައިނޭންސިންގ އަށް ފައިސާދެއްކުން ދެވަނަ ފަހަރަށް ފަސްކުރުމަށް ހުޅުވާލާ ފުރުސަތުގެ ދަށުން ސެޕްޓެމްބަރު މަހު ފައިސާ ދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށް އެ ފުރުސަތު މިއަދު ހުޅުވާލައިފައި ވާކަމަށެވެ.

މި ފުރުސަތު ލިބޭނީ މިހާރުވެސް ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންނަށްކަމަށް އެބޭންކުން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓްގައިވާ މޮރަޓޯރިއަމް ޕޯޓަލް މެދުވެރިކޮށް ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ދެވަނަފަހަރަށް އެދި ހުށަހަޅެނޭއެވެ. މި ޕޯޓަލްގައި ދެވަނަފަހަރަށް ފައިސާ ދެއްކުން ފަސްކޮށްދެވޭނެ ލޯނުގެ ތަފްސީލާއި ލޯނަށް ފައިސާ ދައްކަންޖެހޭ އަދަދުތައް ހިމެނހިފައިވާނެކަމަށް ބޭންކުން ބުނެއެވެ. އަދި ދެވަނަ ފަހަރަށް ލޯނަށް ފ ލޯނަށް އަނބުރާދައްކަން ޖެހޭ އަދަދުތަކުގެ ތަފްސީލް ފެންނާނެކަމަށެެވެ.

ލޯނު އަނބުރާދެއްކުން ދެވަނަ ފަހަރަށް ފަސްކުރުމަށް އެދި ހުށަހަޅާ ހުށަހެޅުން އެޕްރޫވްވުމާއެކުޑިސެމްބަރު މަހާ ހަމަޔަށް ބޭންކަށް އެއްވެސް ފައިސާ އެއް ދައްކާކަށް ނުޖެހޭނެެއެވެ.

ބީއެމްއެލް އިން ބުނީ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު ފައިސާ ދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށް އެ ފުރުސަތު 8 އޮކްޓޯބަރު އަދި 8 ނޮވެމްބަރުގައި ހުޅުވާލެވޭނެކަމަށެެވެ.

ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ނަގާފައިވާ ފައިނޭންސަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ދެވަނަފަހަރަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުާ ބެހޭ މައުލޫމާތު ބޭންކުން ފަހުން ހާމަކުރާނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ލޯނަށް އަނބުރާދައްކަން ޖެހޭ ފައިސާ ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ލޯނަށް ފައިސާ ދެއްކޭނެ ކަސްޓަމަރުން ދެވަނަ ފަހަރަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ކޮންމެހެން ހުށަހަޅަން ނުޖެހޭނެކަމަށްވެސް ބޭންކުން ބުނެއެވެ.