މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ރަޝިޔާ އާއި ސީއައިއެސް ޤައުމުތަކުގެ ޓުއާ އޮޕަރޭޓަރުންނަށް ޙާއްސަކޮށްގެން ފެށި އީ-ލަރނިންގ ޕްލެޓްފޯމް އަލުން ލޯންޗުކޮށްފިއެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މި ޕްލެޓްފޯމްގެ މަޤްސަދަކީ ރަޝިޔާ އާއި ސީއައިއެސް ޤައުމުތަކުގެ ޓުއާ އޮޕަރޭޓަރުންނަށް ރާއްޖޭގެ ރިސޯޓް، ގެސްޓްހައުސް އާއި ލިވަބޯޑުތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ފަތުރުވެރިންގެ މެދުގައި މަޤްބޫލު ގުދުރަތީ ރީތި ތަންތަނާއި އާސާރީ ތަންތަނުގެ އިތުރުން ދިވެހި ސަގާފަތާ ބެހޭ މައުލޫމާތު ހިއްސާކުރުންކަމަށެވެ.

އެގޮތުން ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ރާއްޖެއަށް ގިނަ ފަތުރުވެރިން ގެނައުމަކީ ވެސް މި ޕްލެޓްފޯމްގެ އަމާޒެއްކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

އެމްއެމްޕީއާރުސީއިން ބުނީ ރަޝިއާގެ ޕްރޮފީ ޓްރެވަލް އާ ގުޅިގެން ކުރިއަށްގެންދާ މި ކެމްޕެއިންގެ ދަށުން 2000 ޓުއާ އޮޕަރޭޓަރުން ތަމްރީންދޭނެކަމަށެވެ. މިތަމްރީންގައި ބައިވެރިވާ ޓުއާ އޮޕަރޭޓަރުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ފޮނުވާ 3 ފަރާތަކަށް ދިވެހިރާއްޖޭގެ ތިން ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ރަޝިއާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.

އެމްއެމްޕީއާރުސީއިން މިއަހަރު ފެބްރުއަރީމަހު ފެށި އީލާރނިން ޕްލެޓްފޯމް މެދުކަނޑާލާފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް 19 އާ ގުޅިގެނެވެ.