މެރުމަށް ހުކުމްކޮށްފައިވާ ސިޔާސީ ބޭފުޅަކު ސްރީލަންކާ ޕާލަމެންޓް މެމްބަރުކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

މިއީ، ސްރީލަންކާގެ ތާރީޚްގައިވެސް ކުށްވެރިއެއްގެގޮތުގައި ހުރެ މީހަކު ޕާލަމެންޓް މެމްބަރުކަމުގެ ހުވާ ކުރެއްވި ފުރަތަމަ ފަހަރު ކަމަށްވެއެވެ.

ޕާލަމެންޓް މެމްބަރުކަމުގެ ހުވާ މިއަދު ކުރެއްވީ، ވެރިކަންކުރާ ސްރީލަންކާ ޕޮޑުޖަނަ ޕާޓީއަށް ނިސްބަތްވާ ޕްރެމަލާލް ޖަޔަސޭކަރައެވެ. ޕޮޑުޖަނަ ޕާޓީއަކީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ޕާޓީއެވެ.

ޕްރެމަލާލް ޖަޔަސޭކަރަ މެމްބަރުކަމުގެ ހުވާ ކުރައްވަން، ސަލާމަތީ އޮފިޝަލުންގެ ބެލުމުގެ ދަށުން ޖަލުން ސީދާ ޕާލަމެންޓަށެވެ.

ޕްރެމަލާލް ޖަޔަސޭކަރަގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.

އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ، 2015 ވަނަ އަހަރު އިދިކޮޅު ޕާޓީން ކެމްޕެއިން އެއްވުމެއް ބާއްވަން ސްޓޭޖް ތައްޔާރުކުރަމުން ދަނިކޮށް، އެތަނަށް ވަޑައިގެން އިދިކޮޅު އެކްޓިވިސްޓެއްގެ ގަޔަށް ބަޑިޖަހައި މަރާލިކަމުގެ ކުށް ސާބިތުވެގެންނެވެ.

ޕްރެމަލާލް ޖަޔަސޭކަރަގެ މައްޗަށް ކޯޓުން މަރުގެ ހުކުމް އިއްވާފައިވަނީ، މިއަހަރުގެ އޮސްޓް 5 ގައި ބޭއްވި އާންމު އިންތިޚާބުގައި ވާދަކުރަން ޕޮޑުޖަނަ ޕާޓީގެ ފަރާތުން އޭނާގެ ނަން ނޮމިނޭޓްކުރި ފަހުން ކަމަށްވާތީ، އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ވަނީ ދީފައެވެ. އަދި އޭނާ ގޮނޑި ކާމިޔާބުވެސް ކުރެއްވިއެވެ.

އަލަށް އިންތިޚާބު ކުރެވުނު ޕާލަމެންޓުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ އޮގަސްޓުމަހުގެ 20 ވަނަ ދުވަހުއެވެ.

ނަމަވެސް، އެދުވަހުގެ ޖަލްސާއަށް ޕްރެމަލާލް ޖަޔަސޭކަރަ ހާޟިރުވެވަޑައެއް ނުގަންނަވައެވެ. އެއީ، ޖަލު ބަލަހައްޓާ އިދާރާއިން އޭނާ ޕާލަމެންޓަށް ގެންދިއުމާ ދެކޮޅު ހެދުމުންނެވެ.

ޕްރެމަލާލް ޖަޔަސޭކަރަ ޕާލަމެންޓް މެމްބަރުކަމުގެ ހުވާ މިއަދު ކުރެއްވީ، ޖަލު ބަލަހައްޓާ އިދާރާގެ ނިންމުން ކޯޓު އޮފް އެޕީލްއަށް އޭނާ ހުށަހެޅުމުން، އިންތިޚާބީ މެމްބަރެއްގެ ހައްގު އަދާކުރުމަށް އޭނާ ޕާލަމެންޓަށް ގެންގޮސްދޭން އެޕީލް ކޯޓުން ނެރުނު ވަގުތީ އަމުރެއްގެ ދަށުންނެވެ.

ޕްރެމަލާލް ޖަޔަސޭކަރަ މެމްބަރުކަމުގެ ހުވާ ކުރައްވަން ޕާލަމެންޓަށް ވަޑައިގެންނެވިއިރު، އިދިކޮޅު މެމްބަރުން ތިއްބެވީ ކަލުކުލައިގެ ސްކާފް އަޅުއްވައިގެންނެވެ. އަދި ޕްރެމަލާލް ޖަޔަސޭކަރައާ ދިމާއަށް ހަޅޭފަޅޭލައްވައި، ނުރުހުން ފާޅުކުރެއްވިއެވެ.

އިދިކޮޅު ގިނަ މެމްބަރުންވަނީ ޖަލްސާ ދޫކުރައްވައި ވަޑައިގެންފައެވެ.

ޕާލަމެންޓްގެ މިއަދުގެ ޖަލްސާގެ ތެރެއިން:

ޕާލަމެންޓުގެ މިއަދުގެ ސެޝަން ނިމުމާއެކު، ސަލާމަތީ އޮފިޝަލުންގެ ބެލުމުގެ ދަށުން ޕްރެމަލާލް ޖަޔަސޭކަރަ ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.

ޕްރެމަލާލް ޖަޔަސޭކަރައަކީ 2001 ވަނަ އަހަރުން ފެށިގެން ސްރީލަންކާ ޕާލަމެންޓް މެމްބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މެރުމަށް ކޮށްފައިވާ ހުކުމް ޕްރެމަލާލް ޖަޔަސޭކަރަ އިސްތިއުނާފް ކޮށްފައިވާއިރު، ކޯޓުތަކުން މަރުގެ ހުކުމް އިއްވި ނަމަވެސް 1976 ވަނަ އަހަރުން ފެށިގެން ސްރީލަންކާގައި މަރުގެ ހުކުމް ތަންފީޒެއް ނުކުރެއެވެ.

ސްރީލަންކާގެ ޕާލަމެންޓް އެހެން މެމްބަރެއް ކަމަށްވާ ސިވަނެސަތުރައި ޗަންދްރަކާންތަންވެސް މިހާރު ހުންނެވީ، މީހަކު މެރިކަމުގެ ތުހުމަތުގައި ޝަރީއަތް ފެށެންދެން ޖަލުގައި ބަންދުކޮށްފައެވެ. އޭނާވެސް ޕާލަމެންޓް ޖަލްސާއަށް ގެނައީ، ސަލާމަތީ އޮފިޝަލުންގެ ބެލުމުގެދަށުން ސީދާ ޖަލުންނެވެ.

ދެކުނު އޭޝިޔާގެ ބައެއް ގައުމުތަކުގައި ޝަރީއަތުން މީހަކު ކުށްވެރިވުމަކީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށްއޮތް ހުރަހެއް ނޫނެވެ.

އިންޑިއާގެ ޕާލަމެންޓަށް އެންމެފަހުން އިންތިޚާބުވެވަޑައި ގެންނެވި ބޭފުޅުންގެ %40 އަކީ ތަފާތު ޖަރީމާތައް ހިންގެވުމުގެ ދައުވާ އުފުލިފައިވާ ބޭފުޅުންނެވެ. ބައެއް މެމްބަރުންގެ މައްޗަށް މީހުން މެރުމާއި، ރޭޕްގެ ދައުވާތައްވެސް އުފުލިފައިވާ ކަމަށް އެސޯސިއޭޝަން ފޮރ ޑީމޮކްރަޓިކް ރިފޯމްއިން ބުނެއެވެ.