އޯޓިޒަމް ހުންނަ އެކުއްޖާއަށް ވާހަކަދައްކާކަށް ކުރިއަކުން ނޭނގެއެވެ. އަމިއްލަ ދުނިޔެއަށް ގެއްލިފައި އެތައް އިރެއް ވާންދެން އިނދެއެވެ. އަމިއްލަ ބޭނުންތައްވެސް ބުނެދޭކަށް ނޭނގެއެވެ. އެކަމަކު މީގެ އަހަރެއް ކުރިން ހޮސްޕިޓަލުން ދޭންފެށި ތެރަޕީތަކުން ރަނގަޅު ބަދަލުތަކެއް ފެންނާން ފެށިއެވެ. ބައެއް ބަސްތައް ކިޔަން ފެށިއެވެ. ބޭނުންވާ ކަންކަން އިޝާރާތުން ކިޔައިދެއެވެ. މުޅި އާއިލާއަށް އުފާވެރިކަން ގެނުވިއެވެ. އުއްމީދުގެ ހުޅުކޮޅު ދިއްލުނެވެ.

އެކަމަކު އެ ކުރިއެރުންތަކަށް ހުރަހަކަށްވީ ކޮވިޑް-19 އެވެ. ފަރުވާތެރިކަމާއެކު ދެމުން އައި ތެރަޕީތައް ހުއްޓުމާއެކު ކުއްޖާގެ ކުރިއެރުންތަކަށް ވެސް ހުރަސްއެޅުނެވެ. މިއަދު އޮންލައިންކޮށް ތެރަޕީތައް ނަގަމުން އައި ނަމަވެސް ފުރިހަމަ ނަތީޖާއެއް ނުފެނެއެވެ. އެކުއްޖާގެ ފަރުވާއަށް ހުރަހަކަށްވީ ކޮވިޑެވެ. މިހާލަތެވެ.

މިއީ އެންމެ ކުއްޖެއްގެ ވާހަކައެވެ. ކޮވިޑުގެ މިހާލަތާ ގުޅިގެން ފަރުވާގެ ފުރުސަތުން މަހުރޫމް ވެފައި ތިބޭނީ އެފަދަ ކިތައް ކުދީންތޯ އެވެ؟ އެކަމުގެ ހިތާމަކުރަމުން ގެންދާނީ ކިތައް މަންމައާއި ކިތައް ބައްޕަ ހެއްޔެވެ؟

މިދިޔަމަހު އެކަނިވެސް ރާއްޖެއިން 4000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުނެވެ. ރާއްޖޭގައި މިބަލި ޖެހިފައިތިބި މީހުންގެ ޖުމްލަ 8500 އިންމައްޗަށް އަރައެވެ. ދުވާލަކު 100 އަށް ވުރެ ގިނަމީހުން އެބަ ޕޮޒިޓިވްވެއެވެ.

އެންމެ ފަހުން އަތޮޅުތެރެއަށްވެސް ބަލިފެތުރެމުން އެދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށެވެ. މިހާރުވެސް 35 ރަށެއްގައި ކޮވިޑަށް ޕޮޒިޓިވް 98 މީހަކު އެބަތިއްބެވެ. ދެރަށެއް އޮތީ މޮނީޓަރިންގައެވެ. ބަލީގައި މަރުވި މީހުންގެ އަދަދު 30 އަށް އަރަނީއެވެ.

ހާލަތުގެ ނާޒުކުކަން ވަރަށްވެސް ބޮޑެވެ. އިތުރުމީހުން މަރުވެ، ހާލަތު އަދިވެސް ދަށަށް ދާނެކަމުގެ ނުރައްކާތެރި ރަނގަބީލުގެ އަޑު ގައުމުގެ ހަފަރާތުން ދަނީ އިވެމުންނެވެ. މި އަޑުތަކާއި ފާއިތުވި ހައެއްކަ މަހުން ލިބުނު ތަޖުރިބާއަށް ބަލާއިރު، ސަމާލުވާންޖެހޭ ކަންކަން ގިނައެވެ. ފަރުދީ ފެންވަރުގައި ވެވުނު އިހުމާލުން ހޯދަންޖެހޭ އިބުރަތް ގިނައެވެ. ގައުމު އޮޔާ ދާން ދޫކޮށްލުން "އޯކޭ" ވެގެން ވާކަށް ނެތެވެ.

ގައިދުރުކަމެއްނެތި، ރެއާއި ދުވާލު ޒުވާނުން އެތިބެނީ ކޮފީގައެވެ. ކެފޭ ރެސްޓޯރެންޓުތައް އޮންނަނީ ފުރި ބާރުވެފައެވެ. އެކުވެރި ރަހުމަތްތެރީންނާއި އާއިލާތައް ޓީމުޓީމަށް ބީޗުތަކަށް ޕިކުނިކު ދިއުމާއި ޕާޓީތައް ބޭއްވުން މިއޮތީ އާންމު ކަމަކަށް ވެފައެވެ. މަގުތަކަށް ބެލި ނަމަވެސް ހަމަ އެމަންޒަރެވެ. ފިނިބުރު ޖަހައިލަން ނުކުމެއުޅޭ މީހުންގެ އަދަދުވެސް އެތައް ހާހަކުން ގުނޭނެއެވެ. ޒުވާނުން ވީމާ ބަލީގެ ނުރައްކަލެއް ނެތޭ ބުނެ ފަރުޖައްސައިލަގެން ތިބެވޭކަށް ނެތެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދުން ބަލާނަމަ މެޖޯރިޓީއަކީ އުމުރުން 18 އަހަރާއި 45 އަހަރުގެ މީހުންނެވެ. ނޫކަށިފުރައިގެ ޒުވާނުންނެވެ. ބޭރަށް ނުނިކުމެ ގޭގެ ބަލި އެނދުގައި އޮތް ކާފައާއި މާމަޔަށް އަދި ލޮބުވެތި މަންމަ އާއި ބައްޕައާ ހަމަޔަށް ކޮވިޑު އުފުލައިދޭ ސަވާރީއަކަށްވެސް މިއަދު ވެފައިވަނީ ޒުވާނުންނެވެ. މިއީ އެއްވެސް ހާލެއްގައި "އޯކޭ" ކަން ކަމެއް ނޫނެވެ.

ރާއްޖެއިން ބަލިޖެހުނު 60 އަހަރުންމަތީގެ މީހުން އަދަދު މިހާރުވަނީ 350 އިން މައްޗަށް އަރައިފައެވެ. މަރުވި ގިނަ މީހުންނަކީވެސް އުމުރުން ދުވަސްވީ މީހުންނެވެ. މިއީ ކޮންމެވެސް މީހެއްގެ ކާފައެކެވެ. މާމައެކެވެ. މަންމައެއް ނޫނީ ބައްޕައެކެވެ. ނުވަތަ އެއްބަނޑު ތިމާގެ މީހެކެވެ. އެހެންކަމުން ކޮވިޑު ފެތުރޭނެ ގޮތަކަށް ފެތުރޭން ދޫކޮށްލައިގެން ތިބެ އިތުރު އެތައް ބަޔަކު މަރުވެގެންދާ މަންޒަރު ބަލާން ތިބުން އެއްގޮތަކަށް ވެސް "އޯކޭއެއް" ނޫނެވެ.

ސްކޫލުތައް ނުހުޅުވި ދަރިވަރުން ގޭގައި ތިބެންޖެހުމުން އެކުދިންނަށް ވަމުންދާ ގޮތް ވިސްނައިލަމާތޯއެވެ. ސްކޫލު މާހައުލުން ދަސްވާ އެތައް ކަމަކުން އެކުދިން އެތިބީ މަހުރޫމްވެފައެވެ. ގިނަ ކުދިންނަށް އޮންލައިންކޮށް ކިޔެވުމަކީ ދަތިކަމެކެވެ. ގޮންޖެހުން އިންތިހާއެވެ. ގޭތެރޭގެ މާހައުލުގެ ސަބަބުން ކިޔެވުމަށް އުނދަގޫވާ ކުދިން ގިނައެވެ. ކިޔަވާ ކުދީންގެ ހަޔާތުން އަހަރެއް ގެއްލުނީކަމަށް ބުނުމަކީ ގޯހެއް ނޫނެވެ. ކޮވިޑާ ގުޅިގެން ގެއިން ބޭރަށް ނުދެވި ތިބި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާމެދު ވިސްނާލިންތޯއެވެ. އެތައްހާސް ބަޔަކު ގޭބަންދުގައި ތިބޭތާ ހަމަސް ވަނީއެވެ. އެކަމުގެ ސަބަބުން އެތައް ބަޔަކު ނަފްސާނީ ގޮތުން ބަލިވެއްޖެއެވެ. ޑިޕްރެޝަންއަށް ވެއްޓިއްޖެއެވެ. ނަފުސާނީ ބަލިމީހުންގެ ބަލީގެ ހާލަތު ގޯސްވެއްޖެއެވެ. މިހާލަތު ދެމިގެންދަންޏާ ދެން ވާނެ ގޮތެއް ނޭނގެއެވެ. އެހެން ކަމުން ފަރުވާކުޑަކޮށްލުން "އޯކޭއެއް" ނޫނެވެ.

ވަށައިޖަހަމުން މިދިޔަ އާންމު ދިރިއުޅުމުން ބޭރަށް ޖެހިލަމާ ހިނގާށެވެ. ގައުމުގެ ވާހަކައެވެ. ކޮވިޑާއެކު ޓޫރިޒަމް ހުއްޓުނީއެވެ. ރިސޯޓްތައް ބަންދުކުރީއެވެ. ވިޔަފާރިތައް އިނދަޖެހުނީއެވެ. ބަނގުރޫޓުވީއެވެ. އެތައްބަޔަކު ވަޒީފާއިން ވަކިކުރަން މަޖުބޫރުވީއެވެ. މުސާރަ ކުޑަކޮށް އަތާއި އަނގަޔާ ދިމާނުވީއެވެ. ގޭގެ ކުލި ނުދެއްކި އެތައްބަޔަކު ބިކަވެ، އާއިލާތައް އެކީ މަގުމަތިވީއެވެ. އުމުރު ދުވަހުގެ މަސައްކަތުން ބިނާކުރަމުން އައި ދިރިއުޅުން ދޫކޮށް ވީހާލެއްގައިވާން ރަށަށް ބަދަލުވާން މަޖުބޫރު ވީއެވެ.

ގައުމުގެ ލޮލުން އޮހެނީ ކަރުނައެވެ. ގައުމުގެ ހާލުގެ ދުލުން އެދި ގޮވަނީ މިހާލަތުން ސަލާމަތް ކޮށްދިނުމަށެވެ. ގައުމުގެ ދަރީން ފަރުދީ ޒިންމާ އަދާކޮށްދިނުމަށެވެ. އެކަމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. ޒުވާނުންގެ އަތްމަތީގައެވެ. އަމަލުތައް ބަދަލުކޮށް އާންމު ހާލަތަށް ގައުމު ގެނައުމުގެ ގައުމީ ވާޖިބު އެޅިފައި އޮތީ އަހަރެމެން އެންމެންގެ ކޮނޑުގައެވެ. މިހާލަތުގައި ދިރިއެއް ނޫޅެވޭނެއެވެ. މިހާލަތު ދެމިގެން ދާން ކެތެއް ނުކުރެވޭނެއެވެ. މިއިން އެއްވެސް ހަގީގަތެއް ގަބޫލުނުކޮށް ބޭނުންހާ ގޮތަކަށް އުޅުން "އޯކޭއެއް" ނޫނެވެ.

އަހަރެންގެ ޒިންމާ އަހަރެން އަދާ ކުރާނަމެވެ. ތިބާވެސް ތިބާގެ ޒިންމާ އަދާކޮށްދެއްވާށެވެ. "އޯކޭ" ވާންވީ ކޮވިޑުން ސަލާމަތްވާން ކުރަންޖެހޭ ކަންކަމަށެވެ.

--

ނޯޓު: މިއީ، ދިވެހި މީޑިއާ ގުޅިގެން ކުރިއަށްގެންދާ "ކޮވިޑް ހުއްޓުވާނީ އަހަރެން" މި ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.