ފަލަސްތީނުގެ އާންމު އިންތިޚާބާއި، ރިޔާސީ އިންތިޚާބު މިއަހަރުގެ ފަހުކޮޅު ބޭއްވުމަށްޓަކައި ތާރީޚެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް، ފަލަސްތީނުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގައި ވެރިކަންކުރާ ފަތުހު ޖަމާއަތުގެ ސެންޓްރަލް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ޖިބްރީލް ރަޖޫބު، ފަލަސްތީނު ސަރުކާރުން ހިންގާ ޓީވީއަކަށް މިއަދު ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، ފަލަސްތީނުގެ އެތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ނިމުމެއް ގެނެވެންއޮތީ އިންތިޚާބު ބާއްވައިގެން ކަމަށެވެ.

އިންތިޚާބު ބޭއްވުމާމެދު ޣައްޒާގައި ވެރިކަންކުރާ ހަމާސްއާއި، ފަލަސްތީނުގެ އެހެން ޖަމާއަތްތަކާ ދެމެދު މިހާރު މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި، އެކަމުގައި ޖަމާއަތްތަކުން އެއްބަސްވާ ގޮތެއް ވަރަށް އަވަހަށް އިޢްލާން ކުރެވޭނޭ ކަމަށްވެސް ޖިބްރީލް ރަޖޫބު ވިދާޅުވިއެވެ.

"ފަލަސްތީނުގެ އެތެރޭގެ މައްސަލަތަކަށް ހައްލު ލިބެން އަންނަނީ ރިޔާސީ އިންތިޚާބާއި، ޕާލަމެންޓް އިންތިޚާބު ބޭއްވިގެން"
ޖިބްރީލް ރަޖޫބު

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވަނީ، މި ސެޕްޓެމްބަރު މަހުގެ 3 ވަނަދުވަހު، ފަލަސްތީނުގެ ޖަމާއަތްތަކުގެ ވެރިންނާއެކު އޮންލައިން ބައްދަލުވުމެއްވެސް ބާއްވާފައެވެ.

ފަލަސްތީނުގެ 14 ޖަމާއަތެއްގެ ލީޑަރުންނާއި، ސެކްރެޓަރީ ޖެނެރަލުން މި ބައްދަލުވުމުގައި ބައިވެރިވިއިރު، އޭގެ ތެރޭގައި ހަމާސްއާއި، ފަތުހު ޖަމާއަތްވެސް ހިމެނެއެވެ.

2007 ވަނަ އަހަރުން ފެށިގެން ހަމާސްއިން ޣައްޒާގައި ވެރިކަން ކުރަމުން އަންނައިރު، ފަލަސްތީނުގެ މައި ސަރުކާރު އޮންނަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައެވެ. މައި ސަރުކާރު ހިންގަނީ މަހްމޫދު އައްބާސްގެ ފަތުހު ޖަމާއަތުންނެވެ.

ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ހުއްޓުވައި އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ޑީލް އޮފް ދަ ސެންޗަރީ" ހުއްޓުމަކަށް ގެނެވޭނީ، މުޅި ފަލަސްތީނު އެއްބައިވަންތަވެ، 13 އަހަރުވެފައިވާ ބައިބައިވުންތައް ނިމުމަކަށް ގެނެސް، ޚާއްސަކޮށް ހަމާސްއާއި ފަތުހު ޖަމާއަތް އެއްގަލަކަށް އަރައިގެން ކަމަށް، ސެޕްޓެމްބަރު 3 ގައި ބޭއްވި ބައްދަލުވުމުގައި ޖަމާއަތްތަކުގެ ވެރިންވަނީ އެއްބަސްވެވަޑައި ގެންފައެވެ.

ރިޔާސީ އިންތިޚާބާއި، ޕާލަމެންޓް އިންތިޚާބު ބާއްވަން ފަލސްތީނުން މަސައްކަތް ކުރަމުން ގެންދާއިރު، ފަލަސްތީނުގައި އެންމެފަހުން ޕާލަމެންޓް އިންތިޚާބު ބާއްވާފައިވަނީ 2006 ވަނަ އަހަރުއެވެ.

ފަލސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ މަގާމުގެ މުއްދަތު 2013 ވަނަ އަހަރު ހަމަވެފައިވާއިރު، ރައީސްކަމުގައި އަދިވެސް ހުންނެވީ މަހްމޫދު އައްބާސްއެވެ.

މަހްމޫދު އައްބާސް މުސްކުޅިފުޅު ވުމުންނާއި، ސިއްހީ ހާލުކޮޅު މިފަހަކަށްއައިސް ވަރަށްބޮޑަށް ދެރަވެފައިވުމާ، އަވަސް އަވަހަށް ހޮސްޕިޓަލުގައި އެޑްމިޓްކުރާން ޖެހުމުން، ރިޔާސީ އިންތިޚާބުގައި މަހްމޫދު އައްބާސް ވާދަ ނުކުރައްވާނެ ކަމަށް ބެލެވިފައި ވެއެވެ.

މަހްމޫދު އައްބާސްއަށްފަހު ފަލަސްތީނުގެ ވެރިކަމަށް ވަޑައިގެންފާނެ ކަމަށް ބެލެވޭ 8 ބޭފުޅަކު އެބަތިއްބެވިއެވެ. އޭގެ ތެރޭގައި ފަތުހު ޖަމާއަތުގެ ސެންޓްރަލް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ޖިބްރީލް ރަޖޫބާއި، މިހާރުގެ ބޮޑުވަޒީރު މުހަންމަދު ޝްތައްޔާވެސް ހިމެނިވަޑައި ގަންނަވައެވެ.