އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ފަސްކުރުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެސްޑީއެފްސީން މިއަދުން ފެށިގެން އެ ފުރުސަތު ހުޅުވާލާފައިވާއިރު، މި މަހުން ފެށިގެން ހަތަރު މަހަށް މޮރެޓޯރިއަމްގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

އެ ހިދުމަތަށް އެދުމުގެ އެންމެ ފަހު މުއްދަތަކީ މި މަހުގެ 25 އެެވެ. އެސްޑީއެފްސީއިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން މިއަހަރުގެ ނިޔަލަށް ވަނީ ފަސްކޮށްދީފަ އެވެ.

އެސްޑީއެފްސީއިން ބުނެފައިވަނީ މި މަހުގެ 25 ކުރިން އެ ހިދުމަތަށް އެދިފައި ނުވާނަމަ ބަލާނީ މޮރެޓޯރިއަމް ބޭނުން ނުވާ ކަމަށެވެ.

މޮރެޓޯރިއަމްއަށް އެދުމަށް ހަމަޖެހިފައިވަނީ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން ޕޯޓަލް އިންނެވެ.

ކޮވިޑް-19 އާއެކު އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާ ގުޅިގެން އެސްޑީއެފްސީން ވަނީ މާޗު މަހުން ފެށިގެން ހަ މަސްދުވަހުގެ ނިޔަލަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދީފައެވެ. އަދި މި ހަ މަސްދުވަހުގެ އިންޓްރެސްޓް ރޭޓް ހަތަރު ޕަސެންޓަށް ވަނީ ކުޑަކޮށްދީފަ އެވެ.

2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި، ފައިނޭންސިން ވިޔަފާރި ކުރުމަށް ބޭނުންވާ ފައިނޭންސިން ބިޒްނަސް ލައިސަންސް ދޫކޮށްފައިވާއިރު، އެސްއެމްއީ ބޭންކް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. އެއާއެކު ކުދިއަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ލޯނުތައް ދޫކުރަން ފެށިއެވެ.

އެސްއެމްއީ ބޭންކުން ލޯނު ދޫކުރަނީ މައިގަނޑު ފަސް ދާއިރާއަކުންނެވެ. އެއީ ދަނޑުވެރިކަމާއި މަސްވެރިކަން އަދި ރަށު ފަތުރުވެރިކަމާއި އައިސީޓީ އަދި އުފެއްދުންތެރިކަމާ ގުޅުންހުރި ދާއިރާތަކެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.