ކޮވިޑް-19 ރާއްޖެއިން ފެނުމުގެ ކުރިންވެސް، ހަލުވިކަމާއެކު ފެތުރޭ މި ބަލީގެ އަލާމާތްތަކާއި، ވައިރަހުން ރައްކާތެރިވާން ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އައީ ފޯރުކޮށްދެމުންނެވެ. ޓީވީތަކުންނާއި، ނޫސްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށެވެ. މާސްކް އަޅާނެ ގޮތާއި ރަނގަޅަށް އަތް ދޮންނާނެ ގޮތްވެސް ބުނެދިނެވެ. ވައިރަހަށް ދިވެހިންގެ ހޭލުންތެރިކަން ބޮޑުކަން، އެދުވަސްވަރު ރާއްޖެ އައި ދެކުނު އެފްރިކާގެ ޑޮކްތަރުންގެ ޓީމުން ފާހަގަކުރުމުން، މިކަމުގައި ކަމާބެހޭ ފަރާތްތައް ކުރި މަސައްކަތް ކާމިޔާބުކަން ހާމަވެއެވެ.

މާލެއިން ކޮވިޑް-19 ފެނުމާއެކު ފެނުނީ ވަރުގަދަ ފިޔަވަޅުތަކެއް އެޅި ތަނެވެ. މާލެ ސަރަހައްދު ފުރަބަންދުކޮށް، އޮފީސްތަކުގެ މަސައްކަތްތައް ހުއްޓުމަކަށް ގެނައެވެ. ކެފޭ، ހޮޓާ، ރެސްޓޯރަންޓުތަކާއި ޖިމްފަދަ ތަންތަނުގައި ބަންދުބޯޑު އެޅުވިއެވެ. ޕާކުފަދަ ފިނި މައިޒާންތައް މީހުންނަށް މަނާކުރިއެވެ. ބިދޭސީންގެ މެދުގައި ބަލި ފެތުރޭތީ، ތޮއްޖެހިގެން އުޅެމުން ހުއްޓުވަން އެކި ތަންތަނަށް ބަދަލުކުރިއެވެ. މީހުންގެ މޫވްމަންޓުތައް މުޅިންކަހަލަ ގޮތަކަށް ހުއްޓި، މާލޭގެ ކާރޫބާރޫ ބޮޑު މަގުތައް ހިމޭންވެލިއެވެ.

ބަލި ފެތުރުން އޭރު ކޮންޓްރޯލްވުމުން ފުރަބަންދުގެ ހާލަތު މުޅިންކަހަލަ ގޮތަކަށް ނިމުމަކަށް ގެނައެވެ. މާލޭގެ މަންޒަރު ބަދަލުވީ މިހިސާބުންނެވެ. ތިރިވެފައި އިން ގްރާފުގެ "ގުދު" ކުއްލިއަކަށް މައްޗަށް އަރައިގެންދިޔައީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ދެން ފެނުނީ ދުވާލެއްގެ މައްޗަށް 100 އިން މަތީގެ އަދަދުތަކުން ކޭސްތައް އިތުރުވިތަނެވެ. އެއާއެކު ދެން ޖެހުނީ ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށް، ވަކި ގަޑިތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށް ކާފިއު ހިންގާށެވެ.

މަންޒަރު މިގޮތަށް ބަދަލުވެގެން މިދިޔައީ ކީއްވެގެން ހެއްޔެވެ؟ އާންމުންނަށް އެކަށީގެންވާ މައުލޫމާތު ނުލިބިގެން ހެއްޔެވެ؟ ނުވަތަ އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅިގެން ހެއްޔެވެ؟ ނޫނީ އެ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ނުކުރެވިގެން ހެއްޔެވެ؟ ނުވަތަ އާންމުން އެ ފިޔަވަޅުތަކަށް ބޯނުލަނބާތީ ހެއްޔެވެ؟

ފިޔަވަޅުތައް ތަންފީޒު ނުކުރެވޭ ކަމަކަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ގަބޫލެއް ނުކުރައްވައެވެ.

"ކޭސްތައް މަދު ނުވަނީ ފިޔަވަޅުތައް ތަންފީޒު ނުވާތީއެކޭ ނުބުނެވޭނެ. ތަންފީޒު ކުރެވޭ. ފުލުހުންނާއި އެޗްޕީއޭގެ އިންސްޕެކްޝަން ޓީމުތަކުންވެސް ގަވާއިދުން ޗެކް ކުރޭ. ހުރިހާ ވަގުތެއްގައި، ހުރިހާ ތަނެއްގައި ފުލުހުންނަކަށް ނުތިބެވޭނެ. އެކަމަކު ހަމަ ރަނގަޅަށް ތަންފީޒު ކުރޭ. ނަސޭހަތްދީ ޖޫރިމަނާ ވެސް ކުރޭ."
ޑރ. ނަޒްލާ ރަފީގު

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވެގެން މިހާތަނަށް 8000 އެއްހާ މީހުންނަށް ވަނީ ނަސޭހަތްދީފައެވެ. އަދި 3000 އަށް ވުރެ ގިނަ މީހުން ވަނީ ޖޫރިމަނާކޮށްފައެވެ.

އެއްބަޔަކު ގަބޫލުކުރާ ގޮތުގައި ބަލި ކޮންޓްރޯލް ނުވެގެން އުޅެނީ އާންމުން ފިޔަވަޅުތަކަށް ކިޔަމަން ނުވާތީއެވެ. އަނެއްބަޔަކު ގަބޫލުކުރާ ގޮތުގައި ބަލި ކޮންޓްރޯލް ނުވަނީ ސިޔާސަތުތަކާއި ފިޔަވަޅުތައް ދޯދިޔާކަމުންނެވެ. ފިޔަވަޅުތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރާއި، އެއިން ލިބެނީ ކިހާވަރެއްގެ ގެއްލުމެއްކަން، ސިޔާސަތު އެކަށައަޅަން ތިބޭ މީހުންނަށް ނުވިސްނެނީއެވެ. "ތާކުންތާކު ނުޖެހޭ" ފިޔަވަޅުތަކަށް ބޯލަނބަން އުނދަގޫ ވަނީ އެހެންވެގެންނެވެ.

ނަމަވެސް ޑރ. ނަޒްލާ ވިދާޅުވީ އަޅާފައިވާ ފިޔަވަޅުތައް ރަނގަޅު ކަމަށެވެ. އަދި ފިޔަވަޅު އަޅަނީވެސް ހާލަތާ އެކަށީގެންވާ ގޮތަށް އެކަށީގެންވާ މިންވަރަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ގިނަ މީހުން ފިޔަވަޅުތަކަށް ބޯލަނބާއިރު އުސޫލުތަކާ ހިލާފުވަނީ ވަރަށް މަދު ބައެކެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން ދިރިއުޅުމަށް ބަދަލުތައް ގެންނަން ވަގުތު ނަގާނެކަންވެސް. މީހުން އުޅުން ބަދަލުކުރަން ވަގުތު ނަގާނެ. ދިރިއުޅުމަށް ވެސް ދަތިވާނެ. މި ދަތިތަކާއެކު ވެސް ވަރަށް ގިނަ މީހުން ތަބާވޭ. ވަރަށް ރަނގަޅު،"
ޑރ. ނަޒްލާ ރަފީގު

ކޮންމެ ދުވަހަކުވެސް 100 އިން މަތީގައި ކޭސްތައް ހުރުމަށްފަހު، ފާއިތުވި ތިންދުވަހު ކޭސްތައް ވަނީ 100 އިން ދަށްވެފައެވެ. މި ނަންބަރު ތަކާއެކު ކޮންމެވެެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބެއެވެ. އަދި މިމަހުގެ ފަހުކޮޅަށް ދާއިރު ކޭސްތައް ދަށްވާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ލަފާކޮށްފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކުޑަކޮށްވެސް "ނޯމަލް" އަށް އަލުން ދެވޭނީ ބަލި ކޮންޓްރޯލް ކުރެވިގެން ކަމަށެވެ. އެހެންކަމުން ދަތި ނަމަވެސް، ފިޔަވަޅުތަކަށް ބޯލަނބައި، އެޗްޕީއޭއިން ތަކުރާރުކޮށް އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ދެމުން އަންނަ އިރުޝާދުތަކަށް ހުރިހާ ރައްޔިތުންވެސް ބޯލެނބުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

އާންމުންނަށް ލުއިވާނެ ގޮތަކަށް ފިޔަވަޅުތަކަށް ބަދަލު ގެނެވޭނީވެސް ބަލިޖެހޭ މީހުންނާއި، ކޮންޓެކްޓުންގެ އަދަދު ވަރަށް ބޮޑުތަން ދަށް ކުރެވިގެންނެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެޗްއީއޯސީގެ މަގުސަދަކީ އާންމު ސިއްހަތު ރައްކާތެރިކުރުން ކަމަށެވެ. ގޮންޖެހުންތަކާ އެކުވެސް ރައްޔިތުންގެ އިޖުތިމާއީ އަދި އިގްތިސޯދީ މައްސަލަތައް ވީހާވެސް މަދުކޮށް، އާންމުންގެ ސިއްހަތު ރައްކާތެރިކުރުމެވެ.

އެޗްޕީއޭ އާއި ސަރުކާރުގެ އެހެން ވުޒާރާތަކާއި އިދާރާތައް ގުޅިގެން ކުރާ ގައުމީ މަސައްކަތަށް އެއްވެސް ކަހަލަ ސިޔާސީ ނުފޫޒެއް ފޯރުވުމުގެ ޖާގަ ނުދެއްވާނެ ކަމުގެ ޔަގީންކަންވެސް ޑރ. ނަޒްލާ ދެއްވިއެވެ.

އޭނާ ވިދާޅުވީ ހާލަތާ ބައްދަލު ފިޔަވަޅުތައް އަޅާ، ތަންފީޒުކުރުމުގައި ކަމާބެހޭ ފަރާތްތަކުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އެހެންކަމުން އާންމު ރައްޔިތުންވެސް އެމީހުންގެ ރޯލު އެންމެ ފުރިހަމައަށް އަދާކުރަން އެދިވަޑައިގަތެވެ.

އަތް ދޮންނާށެވެ. ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭރަށް ނުދާށެވެ. ދާނަމަ މާސްކް އަޅާށެވެ. ގައިދުރުކަން ބަހައްޓާށެވެ. އަޑުއަހާށެވެ. ތަބާވާށެވެ. މި ބަލި ކޮންޓްރޯލް ކުރެވެންއޮތީ އެންމެން އެކުގައި މަސައްކަތް ކޮށްގެންނެވެ. ނޫންނަމަ މި ދަތިކަމުގައި ތިބެން ޖެހޭނީ ކިހާ ދުވަހަކު ކަމެއްވެސް ނޭނގެއެވެ.

ނޯޓު: މިއީ، ދިވެހި މީޑިއާ ގުޅިގެން ކުރިއަށްގެންދާ "ކޮވިޑް ހުއްޓުވާނީ އަހަރެން" މި ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.