ޔުނިވަރސިޓީ އޮފް އޮކްސްފޯޑާ ގުޅިގެން އެސްޓްރަޒެނެކާއިން ތަރައްގީކުރަމުންދާ ވެކްސިންގެ ކްލިނިކަލްސް ޓްރައިލްސް މެދުކަނޑާލައިފިއެވެ.

ވެކްސިންގެ ކްލިނިކަލް ޓްރައިލްސް މެދުކަނޑާލީ، ވެކްސިންޖެހި ވޮލަންޓިއަރަކު ކުއްލިގޮތަކަށް ވަރަށް ބޮޑަށް ބަލިވުމާ ގުޅިގެންނެވެ.

އެސްޓްރަޒެނެކާއިން ބުނެފައިވަނީ، ކްލިނިކަލް ޓްރައިލްސް ހުއްޓާލީ އަމިއްލަ އިޚްތިޔާރުގައި ކަމަށާއި، ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރާ ކޮމިޓީން މިހާރު އެކަން ބަލަމުންދާ ކަމަށެވެ.

އަދި ވެކްސިންދިން މީހަކު ބަލިވީ ކީއްވެގެންތޯއާއި، މިއީ ވެކްސިންގެ ސައިޑްއިފެކްޓްގެ ކަމެއްތޯވެސް ގެންދަނީ ބަލަމުންނެވެ.

އޮކްސްފޯޑުން ތަރައްގީ ކުރަމުންދާ ވެކްސިންއަކީ ދުނިޔޭގެ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ އަދި ގިނަ ބައެއްގެ އުންމީދާ ގުޅިފައިވާ ވެކްސިނެކެވެ.

އެސްޓްރަޒެނެކާއިން ވެކްސިންގެ ކްލިނިކަލް ޓްރައިލްސް ވަގުތީގޮތުން ހުއްޓާލުމާ ގުޅިގެން، ވަރަށްގިނަ ފަރާތްތަކުން އެކަމުގެ ޝުއޫރުތައް ފާޅުކުރަމުން އެބަގެންދެއެވެ.

ޑަބްލިޔޫއެޗްއޯގެ ޗީފް ސައިންޓިސްޓް ޑރ. ސޫމްޔާ ސްވާމިނަތަން:

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯގެ އެންމެ އިސް ސައިންޓިސްޓް، ޕްރޮފެސަރ ސޫމްޔާ ސްވާމިނަންތަން ވިދާޅުވީ، ކޮވިޑަށް އުފައްދާ ކޮންމެ ވެކްސިނެއްގެ އެންމެ ފުރަތަމަ ކަށަވަރު ކުރަންޖެހޭނީ އޭގެ ރައްކާތެރިކަން ކަމަށެވެ.

"އަވަސް އަރުވާލައިގެން ކަންކަން ކުރުމުގެ ވާހަކަތައް ދެއްކި ނަމަވެސް، އޭގެ މާނައަކީ ވެކްސިން އުފެއްދުމުގައި ކަންކަން ދޫކޮށްލުމެއްނޫން. ވެކްސިން އުފެއްދުމުގެ ކަންކަން ދާންޖެހޭނީ އެ އޮންނަ އުސޫލުގެ ތެރެއިން. އިންސާނުން ބޭނުންކުރަން އުފައްދާ ބޭހާއި ވެކްސިންގެ އެންމެ ފުރަތަމަވެސް ޓެސްޓުކުރަންޖެހޭނީ އޭގެ ރައްކާތެރިކަމަށް"
ޕްރޮފެސަރ ސޫމްޔާ ސްވާމިނަންތަން

އެސްޓްރަޒެނެކާއިން އުފައްދާ ވެކްސިންގެ އިންތިޒާރުގައި އިނގިރޭސިވިލާތްވެސް އޮތްއިރު، ވެކްސިން ޓެސްޓުކުރުން މަޑުޖައްސާލި މައްސަލާގައި އިނގިރޭސި ސިއްހަތާބެހޭ ވަޒީރު މެޓް ހެންކޮކް ވިދާޅުވީ، މިއީ ނާއުންމީދުވާންޖެހޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ކުރިމަތިވި ގޮންޖެހުމެއް ކަމަށް ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ޑެޕިއުޓީ ޗީފް މެޑިކަލް އޮފިސަރ ކޯޓްސްވޯރތު ވިދާޅުވީ، ވެކްސިން ޓެސްޓުކުރުމުގެ މަސައްކަތް މެދުކަނޑާލުމަކުން ކަންބޮޑުނުވާ ކަމަށެވެ. ވަގުތީގޮތުން ކްލިނިކަލް ޓްރައިލްސް މެދުކަނޑާލުމަކީ ވެކްސިން އުފެއްދުމުގެ މަސައްކަތް ހުއްޓާލުން ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.