ކަފަ ދަނޑުތަކުގަ އާއި ބޯޓު ދެލި ނެގުމުގައި މީހުން ގެންގުޅުނު އުސޫލުން މުވައްޒަފުން ބަންދުކޮށްގެން ރިސޯޓުތަކުގައި ގެންގުޅެވިދާނެ ކަމަށް ގަބޫލުކޮށް އެވާހަކަ ދެއްކުމަކީ މާ ބޮޑު ނުރައްކަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

މެމްބަރު ހިސާން މިފަދަ މޭރުމަކުން ޓްވީޓު ކޮށްފައި މިވަނީ ދުލަށް އަންނަހާ އެއްޗެއް ވައުދަށްވެ އެ ވައުދުތައް ގާނޫނަކަށްވުމަކީ ހުދުމުހުތާރު ނުރައްކާތެރި ސިގުނަލެއް ކަމަށް މަޖިލީހުގެ ހިތަދޫ ދެކުނު ކުރީގެ މެންބަރު އަލީ ނިޒާރު ވިދާޅުވެފައިވަނިކޮށެވެ.

ހިސާން ކުރެއްވި ޓްވީޓޭއްގައި ވަނީ ކަފަ ދަނޑުތަކުގަ އާއި ބޯޓު ދެލިނެގުމުގެ މަސައްކަތުގައި މީހުން ގެންގުޅުނުހެން މުވައްޒަފުން ބަންދުކޮށްގެން ރިސޯޓުތަކުގައި ގެންގުޅެވިދާނެ ކަމަށް ގަބޫލުކޮށް އެވާހަކަ ދެއްކުމަކީ މާ ބޮޑު ނުރައްކަލެއް ކަމަށާއި ވަޒީފާގެ ގަޑި ނިމުމުން ވަކި ތަނެއްގައި ހުރުމަށް މަޖުބޫރު ކުރެވިގެން ނުވާނެ ކަމަށެވެ. އަދި މިއީ 2020 ވަނަ އަހަރު ކަމަށްވެސް މެމްބަރު ހިސާން ކުރެއްވި ޓްވީޓުގައިވެއެވެ.

ރިސޯޓްތަކުގެ މުވައްޒަފުންނަށް ޑިއުޓީ ނިންމާފައި ރަށަށް ދިއުމުގެ ފުރުސަތު ލިބިދޭ ގޮތަށް ގާނޫނު އިސްލާހުކުރީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

ގާނޫނަށް މި އިސްލާހު ގެންނަން ހުށަހެޅުއްވީވެސް މެމްބަރު ހިސާން ހުސެއިން އެވެ. ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާތަން ދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާ ކަމަށެވެ. ހިސާން ހުށަހެޅުއްވި އިސްލާހާ ގުޅިގެން އޭނާ ކުރެއްވި ޓްވީޓުގައި ވަނީ ވަޒީފާ އަދާކުރާ މީހާ، ވަޒީފާ އަދާކުރަން ޖެހޭ ގަޑި ނިމުމުން، ވަޒީފާ އަދާކުރާ ތަނުގައި އޭނާ ހުރުން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.

އަދި އެތަނަށް އައިސް ދިޔުމާއި ފުރާ ދުއްވާ އުޅަނދެއް އެ ރިސޯޓަކަށް އެރުމުގެ ހުއްދަވެސް ދޭން ޖެހޭނެ ކަމަށް ހިސާން ކުރެއްވި ޓްވީޓުގައިވެއެވެ.