މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހީމް ސުޖާއު މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ބުނީ އިބްރާހީމް ސުޖާއުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވި މާލޭ ސިޓީގެ ގޯއްޗަކުން އަމިއްލަފަރާތަކަށް ލިބިފައިވާ 250 އަކަފޫޓުގެ ބިމުގައި، މާލޭ ޕްލޭނިންގ ގަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތްކުރުމަށް، އިމާރާތުގެ ކުރެހުން ފާސްކޮށް، އިމާރާތްކުރުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދޫކޮށްފައިވާކަމަށް ބުނާ މައްސަލައެއްގައި ކަމަށެވެ.

އޭސީސީން ތަހްގީގުކޮށް ނިންމައި، އެމައްސަލައިގައި ދައުވާކުރުމަށްޓަކައި 08 ސެޕްޓެންބަރު 2020 ގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.

އެގޮތުން އޭނާގެ މައްޗަށްމި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ގާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާގެ ގޮތުގައި ކަމަށްވެސް އޭސީސީން ބުނެއެވެ.

މިމައްސަލާގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު މާލޭ ސިޓީގައި އިމާރާތް ކުރުމުގެ ހުއްދައަށް އެދޭ ބިމުގެ ބޮޑުމިނަކީ 250 އަކަފޫޓުކަމާއި އެބިމުގައި، މާލޭ ޕްލޭނިންގ ގަވާއިދާ އެއްގޮތަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަށްކަން މައްސަލައިގެ ލިޔުންތަކުން އެނގޭކަމަށް އޭސީސީން މައުލޫމާތު ދެއެެވެ.

އަދި އެބިމުގައި މާލޭ ޕްލޭނިން ގަވާއިދާ ޚިލާފަށް 12 މީޓަރަށް އިމާރާތް ކުރުމުގެ ހުއްދަދީ 15 ޖަނަވަރީ 2014 މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން "އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން" އަދި "އިމާރާތް ކުރުމުގެ ހުއްދަ" ދޫކޮށްފައިވާ ކަމަށާއި، ދެވުނު ހުއްދަތަކަކީ ކުރީގެ ޑެޕިއުޓީ މޭޔަރ އިބްރާހީމް ސުޖާއު ސޮއިކޮށް ދޫކޮށްފައިވާ ހުއްދަތަކެއްކަމަށް އޭސީސީގެ ތަހުގީގަށް އެނގެން އެބަހުރިކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެ ބިމުގައި އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ، އެބިމުގައި "4 ފަންގިފިލާއަށް އިމާރާތް ކުރުމަށް މާލޭ ސިޓީކައުންސިލްގެ އިދާރާއިން 1995 ވަނަ ހުއްދަ ދީފައިވާކަމަށް" މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ އިބްރާހީމް ސުޖާޢު، 14 ޖަނަވަރީ 2014 ސޮއިކޮށްފައިވާ ލިޔުމަކަށް ބިނާކޮށެވެ.

އެބިމުގައި އިމާރާތްކުރުމަށް އެފަދަ ހުއްދައެއް ދީފައި ނުވާކަމާއި، އެލިޔުމަކީ، މާލޭ ޕްލޭނިންގ ގަވާއިދާ އެއްގޮތަށް އެބިމުގައި އިމާރާތް ކުރެވޭ އުސްމިނަށްވުރެ އުސްކޮށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް ކުރީގެ ޑެޕިއުޓީ މޭޔަރ އިބްރާހީމް ސުޖާއު ސޮއިކޮށްފައިވާ ލިޔުމެއްކަން ތަހްގީގަށް އެނގޭ ކަމަށް އޭސީސީން ބުނެއެވެ.

އެހެންކަމުން، އެ ބިމުގައި 4 ފަންގިފިލާއަށް އިމާރާތްކުރުމަށް 1995 ވަނަ އަހަރު ހުއްދަ ދީފައިވާކަމަށް ބުނެ ލިޔުމެއް ދޫކޮށް، މާލޭ ޕްލޭނިންގ ގަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތްކުރުމުގެ ހުއްދަދީފައިވަނީ، އިބްރާހީމް ސުޖާއުއަށް އެނގިހުރެ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއްނެތް މިންވަރަށް ކޮމިޝަންގެ ތަހުގީގަށް ސާބިތުކުރެވޭތީ، އިބްރާހީމް ސުޖާއުގެ މައްޗަށް، ދައުވާ ކުރުމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިމައްސަލަ ފޮނުވުމަށް ނިންމީ ކަމަށް އޭސީސީން ބުނެއެވެ.