• ރާއްޖޭގައި ތިބި ދިވެހި ޑޮކްޓަރުންނަށް އިތުބާރުކުރައްވާ: ޑރ. އާޒިމް
  • މިހާހިސާބަށް އައުމުގައި ޑރ. ހަބީބު ވެދެއްވި އެހީތެރިކަން ފާހަގަކުރަން
  • ރައްޓެއްސެއްގެ ފައި ބިންދައިގެން ދިޔަ ދުވަހު ނިންމިން އެހެންތަނަކަށް މޫވްކުރަން
  • ލެޓަރޖޭ އޮޕަރޭޝަން މިކުރެވުނީ އަލަށްކަމެއް ނޭނގެ އޭރު: ޑރ އާޒިމް

ސްކޫލުގައި އުޅުނު ދުވަސްވަރުން ފެށިގެންވެސް ޑޮކްޓަރަކަށްވުމަކީ މަންމަގެ ވަރަށް ބޮޑު ހުވަފެނެއް.
ޑރ. އާޒިމް

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެޓަރޖޭ އޮޕަރޭޝަނެއް ކުރެއްވި، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަށީގެ ޚާއްސަ ޑޮކްޓަރު، ޑރ. އަހްމަދު އާޒިމް އަބްދުއްޝަކޫރު މިވާހަކަ ފެއްޓެވިގޮތެވެ.

މަންމަގެ މި ހުވަފެން ސީދާކުރެއްވުމަށް ޑރ. އާޒިމް ފެއްޓެވި ދަތުރު ވީނިއުސްއާ ހިއްސާކުރައްވަމުން، އުމުރުން އެންމެ 35 އަހަރުގެ ޒުވާން ޑރ. އާޒިމް ވިދާޅުވީ، ސްކޫލުގައި އުޅުއްވި އިރުއްސުރެ ޑޮކްޓަރަކަށްވުމުގެ އުންމީދު ކުރެއްވި ކަމަށާއި އަދި އެއީ މަންމަ، އައިމިނަތު އާރިފާގެވެސް އެންމެ ބޮޑު ހުވަފެން ކަމަށެވެ.

ޑޮކްޓަރަކަށްވެ ކުރިއަރައިގެންދާން ބޭނުންވާތީ، އުފަންރަށް، ގދ ތިނަދޫން އޯލެވެލް ނިންމާވާ ލެއްވުމަށްފަހު، މާލެއިން އޭލެވެލް ނިންމެވީވެސް ޑޮކްޓަރަަކަށްވުމަށް އަމާޒުކޮށްގެންނެވެ. އެކަމަށް ޚާއްސަ މާއްދާތައްވެސް އަމިއްލަގޮތުން ކިޔަވާ ވިދާޅުވުމަށްފަހު، 2006 ގައި ބަގްލަދޭޝްއިން ލިބުނު ސްކޯލަރޝިޕެއްގައި 5 އަހަރު އެގައުމުގައި ހޭދަކުރެއްވިއެވެ.

ބަންގްލަދޭޝުން ކިޔަވާ ވިދާޅުވިއިރު އެގައުމަކީ ގިނަ އެކްސިޑެންޓްތަކާއި ކަންކަން ހިނގާ ތަނަކަށްވުން އެއީ ކަށީގެ ޚާއްސަ ޑޮކްޓަރަކަށްވުމަށް ޑރ. އާޒިމަށް ލިބިގެންދިޔަ އިތުރު ހިތްވަރެކެވެ.

ޑރ. އާޒިމްގެ ހިތުގައި އަމިއްލަ އުފަންރަށްދެކެ އޮތް ލޯތްބަކީ، ބަންގްލަދޭޝުން ކިޔަވާ ވިދާޅުވުމަށްފަހު، 2012 ގައި ރާއްޖެ ވަޑައިގެން ފުރަތަަމަވެސް އެމްބީބީއެސް ޑޮކްޓަރެއްގެ ގޮތުގައި ގދ. ތިނަދޫގައި ހުންނަ ރީނަޖަލް ހޮސްޕިޓަލުގައި މަސައްކަތް ފެށްޓެވުމެވެ.

ކަށީގެ ބަލިތަކަށް ޚާއްސަވުމުގައި ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރ މުޙައްމަދު ހަބީބުގެ ނަން، ޚާއްސަގޮތެއްގައި ޑރ. އާޒިމް ފާހަގަކުރައްވައެވެ. ޚާއްސަ ޑޮކްޓަރަކަށް ވުމަށްޓަކައި ކުރެއްވި ދިގު ދަތުރު ފެށިފައިވަނީ ޑރ. ހަބީބުގެ އަރިހުންނެވެ.

ޑރ.ހަބީބުގެ ކްލިނިކަލް އެސިސްޓެންޓެއްގެ ގޮތުގައި، އަދި ކަށީގެ ޑިޕާޓްމަންޓްގައިވެސް ކްލިނިކަލް އެސިސްޓެންޓަކަށް ޑރ. އާޒިމް އުޅުއްވިއެވެ. މިއީ ކަށީގެ ޚާއްސަ ޑޮކްޓަރަކަށްވުމަށް ޝައުޤުވެރިކަން އުފެދުނުގޮތެވެ.

އޭލެވެލް ނިންމާފައި ޑޮކްޓަރުންނަށް ވާންބޭނުންވާ ގިނަ ކުދިން ކްލިނިކަލް އެސިސްޓެންޓެއްގެ ގޮތުގައި ނުވަތަ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ އައިޖީއެމްއެޗްގައި. އަޅުގަނޑުވެސް ކްލިނިކަލް އެސިސްޓެންޓެއްގެ ގޮތުގައި 2 އަހަރެއް ވަރު އުޅުނިން. މިހެން އުޅޭއިރު ކޮންމެވެސް ވަަރަކަށް ޑޮކްޓަރުންނާއި އެކީގައި މަސައްކަތްކުރަންޖެހޭ. ބައެއް ފަހަރު ވޯޑްތަކަށްގޮސް، ބަލިމީހުންބަލާ، ބައެއްކަހަލަ އޮޕަރޭޝަންތައްކުރާއިރުވެސް އެތަނުގައި ތިބެންޖެހޭ. އެގޮތަށް އުޅުމުގައި ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދުނީ ކަށީގެ ދާއިރާއަށް. ޑރ. ހަބީބާއި އެކީގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އުޅެވުނު. ޑރ.ހަބީބުގެ ކްލިނިކަލް އެސިސްޓެންޓަކަށް އަދި ކަށީގެ ޑިޕާޓްމަންޓްގައިވެސް ކްލިނިކަލް އެސެިސްޓެންޓަކަށް އުޅެވުނު.
ޑރ. އާޒިމް

މިދަތުރުގައި ކަށީގެ ޚާއްސަ ޑޮކްޓަރަކަށްވުމަށް ކިޔަވަން ނޭޕާލުން ފުރުސަތު ލިބިލައްވާފައި ވަނީވެސް ޑރ. ހަބީބުގެ އެހީތެރިކަމާ އެކުގައެވެ.

އަތޮޅުތަކުގެ ހޮސްޕިޓަލުތައް ތަރައްޤީކުރެއްވުމަށް ޑރ. ހަބީބު ކުރެއްވި މަސައްކަތްތަކުގެ ނަތީޖާ ވަރަށްވެސް ފުރިހަމައެވެ. ގިނަ ދަރިވަރުންނަށް ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ވުމުގެ ފުރުސަތު ނޭޕާލުން ޑރ. ހަބީބު ހޯއްދަވައިދެއްވިއިރު އޭގެތެރޭގައި ޑރ. އާޒިމްވެސް ހިމެނުނެވެ.

ރާއްޖޭގައި ކަށީގެ ޚިދުމަތް ދިނުމުގައި ގޮންޖެހުންތައް ހުންނަކަން ފާހަގަކުރެވޭއިރު ޚާއްސަކޮށް އަތޮޅުތަކުގައި މިމައްސަލަ އިތުރުކަން ފާހަގަކުރެވެއެވެ.

އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ އާލާތްތައް ނުލިބުމަކީ އެންމެ ބޮޑު ގޮންޖެހުމެވެ. ކިޔަވައި ނިމިގެންވެސް ރަށަށް ޚިދުމަތް ކުރެއްވުމަށް ބޭނުންވާތީ ޑރ. އާޒިމްވަނީ މިދާއިރާގައި ހުރި ގޮންޖެހުންތަކަށް ވިސްނަވައި، ކަށީގެ ދާއިރާއިން ހާއްސަވާން ވަޑައިގެންނެވުމުގެ ކުރިންވެސް ހެލްތް މިނިސްޓްރީގެ އިސްބޭފުޅުންނާއި ރަށު ހޮސްޕިޓަލްގެ އިސްބޭފުޅުންނާއިވެސް އެވާހަކަތައް ހިއްސާކުރައްވާފައެވެ.

އެގޮތުން އޮޕަރޭޝަންތަކަށް ޚާއްސަ އާލާތްތައް ބޭނުންވާނެކަމާއި، އެކަންކަން ހަމަޖައްސައި ދެއްވުމަށް އެދި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނެވިކަން ޑރ. އާޒިމް ފާހަގަކުރެއްވިއެވެ. ކިޔަވައި ވިދާޅުވެގެން ވަޑައިގެންނެވިއިރުވެސް އެތަކެތި ހަމަވެފައި ނުވާކަން ފާހަގަކުރައްވާ ޑރ. އާޒިމް ވިދާޅުވީ، ފުރަތަމަކޮޅު ވަރަށްވެސް ގިނަ އުނދަގޫތަކާއި ދިމާވި ކަމަށާއި އޮޕަރޭޝަނަަކަށް ބޭނުންވާ އެއްވެސްކަހަލަ އާލާތެއް އެތަނުގައި ނެތްކަމަށެވެ.

ފުރަތަމަ ކޮޅު ވަރަށް ދަތިކޮށް އުޅުނީ. ކިޔަވައި ނިންމާފައި ރަށަށް އައިއިރުވެސް އެއްވެސް ކަހަލަ އިކުއިޕްމަންޓެއް ނެތް. ވަރަށް ކުދި ކުދި އޮޕަރޭޝަންތަކަށްވެސް ބޭނުންވާ އެއްޗެއްސެއް ނެތް. އެހެންވެ އިސްކުރެއް ޖަހާލަންވެސް އާލާތްތަައް ނެތިގެން ހުންނާނެ އަތުބުރުމާ ބޭނުން ކޮށްގެން އޮޕަރޭޝަންތައް ކޮށްފަވެސް. އެހެންނަމަވެސް ވަރަށް ގިނަ މަސައްކަތްކޮށްގެން މިދިޔަ އަހަރު ވަރަށް ގިނަ އިކުއިޕްމަންޓްސްތައް ލިބުނު.
ޑރ. އާޒިމް

އޮޕަރޭޝަނަށް ބޭނުންވާ އާލާތްތައް ލިބުމާއިއެކު ބަލިމީހުން މާލެ ނުފޮނުވައި، ބައެއްކަހަލަ އޮޕަރޭޝަންތައް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ކުރަން ފެށުނެވެ. އައިޖީއެމްއެޗުން ބައެއް އާލާތްތައް ގެންގޮސްގެންވެސް ބައެއް އޮޕަރޭޝަންތައް ކޮށްފައިވާއިރު އެއީވެސް ދަތި އުނދަގޫކަމެއްކަން ޑރ. އާޒިމް ފާހަގަކުރެއްވިއެވެ.

ޑރ. އާޒިމްގެ ހަޔާތުން އެންމެ ހިތްދަތިވި، ހަނދާނުން ފޮހެލަންދަތި ދުވަހަކީ ރައްޓެއްސެއްގެ ފައިބިންދައިގެން ދިޔުމުން، އެ އޮޕަރޭޝަންކުރަން ބޭނުންވާ އާލާތްތައް ރަށުން ލިބެން ނެތުމުގެ ސަބަބުން މާލެ ފޮނުވާލަންޖެހި، އުންމީދު ކެނޑުނު ދުވަސްކަމަށް ޑރ. އާޒިމް ފާހަގަކުރެއްވިއެވެ.

އެދުވަހު ނިންމިން ހޮސްޕިޓަލު ދޫކޮށް އެހެންތަނަކަށް މޫވްކުރަންވެސް. އޮޕަރޭޝަންކުރެވޭނެ އެއްވެސް ގޮތެއް ނުފެނުނު އެދުވަހު. ނަމަވެސް ފަހުން އައިޖީއެމްއެޗުން އެތަކެތި ގެނެސް އެ އޮޕަރޭޝަން ކުރެވުނު. އެ ހާދިސާއަށްފަހު ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތްފެށުނު.
ޑރ. އާޒިމް

2018 އިން ފެށިގެން މިހާތަނަށް މޭޖަރ 200 އަށްވުރެ ގިނަ އޮޕަރޭޝަން ކުރައްވާފައިވާ ޑރ. އާޒިމްއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެޓަރޖޭ އޮޕަރޭޝަނެއް ކުރެއްވި ކަށީގެ ޚާއްސަ ޑޮކްޓަރެވެ.

އިއްޔެ ޑރ. އަބްދުއްސަމަދު ހޮސްޕިޓަލުގައި ކުރެވުނު އޮޕަރޭޝަނަކީ 30 އަށްވުރެ ގިނަފަހަރު ކޮނޑުހުޅު ނެއްޓިފައިވާ އުމުރުން ދުވަސްވީ މީހެއްގެ އޮޕަރޭޝަނެކެވެ.

ޑރ. އާޒިމް ވިދާޅުވީ މި އޮޕަރޭޝަން މީގެކުރިންވެސް ކުރަން އުޅުއްވި ކަމަށާއި ނަމަވެސް ބަލިމީހާގެ ހާލަތު ތަންނުދިނުމުގެ ސަބަބުން އެކަން ނުވެއޮތީ ކަމަށެވެ.

އެހެން ހުއްޓާ އަނެއްކާވެސް ކޮނޑުހުޅު ނެއްޓިގެން ގެނައުމުން ހޭނައްތާ ޑޮކްޓަރާއި އާއިލާއާއި މަޝްވަރާ ކުރެއްވުމަށްފަހު ކޮނޑުހުޅު އެޅުވުމާއެކު އެހާލަތަށް ބަލައި، އެގޮތަށް އެ އޮޕަރޭޝަން ކުރައްވަން ނިންމެވީ ކަމަށްވެސް ޑރ. އާޒިމް ވިދާޅުވިއެވެ.

މި އޮޕަރޭޝަަން ކުރެއްވިއިރު ޑރ. އާޒިމްއަށް ދިމާވި ދައްޗަކީ، ކަށީގެ އިތުރު ޑޮކްޓަރެއްގެ އެހީއާއިނުލާ އެކަނި އޮޕަރޭޝަން ކުރަންޖެހުމެވެ. އާންމުގޮތެއްގައި ބޭރުގެ އިތުރު ޑޮކްޓަރެއް އެ ހޮސްޕިޓަލުގައި ހުރެއެވެ.

އެންމެ ފާހަގަކޮށްލެވޭކަމަކީ މި އޮޕަރޭޝަން ކުރެއްވިއިރު މިއީ ރާއްޖޭގައި އަލަށް ކުރެވުނު އޮޕަރޭޝަނެއްކަން ޑރ. އާޒިމަށް އެނގިލައްވާފައި ނެތުމެވެ.

އޮޕަރޭޝަން ނިންމާފައި ކަށީގެ އެހެން ޑޮކްޓަރުންނާއި މަޝްވަރާކުރުމުން މި އެނގުނީ އަލަށްކަން މިކަން މިކުރެވުނީ. މާލެއިން ބޭރުގައި، އަތޮޅުތެރޭގެ ރަށެއްގައި މި އޮޕަރޭޝަން ކުރެވުން މިއީ ފާހަގަކުރަންޖެހޭކަމެއް. އަދި ރާއްޖޭގައިވެސް މި އޮޕަރޭޝަން ކުރެވޭކަން އެނގުން މިއީ މުޖުތަމަޢުއަށް ދެވުނު އުންމީދެއް. ޚާއްސަކޮށް ދިވެހި ޑޮކްޓަރުންނަށް މިކަން ވާނެކަން އެނގުން އެއީ ވަރަށް އުފާކުރާކަމެއް.
ޑރ. އާޒިމް

ޑރ. އާޒިމް ހުންނެވީ އޮޕަރޭޝަންތަކަށް ބޭނުންވާ ހުރިހާ އާލާތްތަކެއް ހަމަވެ، އެ ހޮސްޕިޓަލަކީ އިތުރު އޮޕަރޭޝަންތައްވެސް ކުރެވޭ ހޮސްޕިޓަލަކަށްވުމުގެ އުންމީދުގައެެވެ.

އަދި ރާއްޖެއަކީ ކަށީގެ ބަލިތަކަށް ޚާއްސަ ކުޅަދާނަ ޑޮކްޓަރުން ތިއްބެވި ގައުމަކަށްވެފައި، ގިނަ ކުރިއެރުންތަކެއް ހޯދަމުންދާ ގައުމަކަށްވާއިރު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ކަށީގެ ބަލިތަކަށް ފަރުވާ ހޯދުމަށް އަންނާނެ ހޮސްޕިޓަލަކަށްވުމުގެ އުންމީދަކީވެސް ޑރ. އާޒިމް ކުރައްވަމުންދާ އުންމީދެކެވެ.

ގިނަ ބައެއްގެ އެހީތެރިކަމުން ޑރ. އާޒިމްއަށް މިހާރު އާދެވިފައިވާ ހިސާބަށް ވާސިލުވުމަށް ހިތްވަރަކަށްވިއިރު އެންމެ ބޮޑު ޝުކުރެއް ޑރ. އާޒިމް ވަނީ އޭނާގެ މަންމައަށް އަދާކުރައްވައި، އެކަނި ކުރެއްވި ހިތްވަރު ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. މިއާއިއެކު މުޅި އާއިލާއިން ވެދިން އެހީތެރިކަމާއި، އަނބިކަނބަލުންގެ ހިތްވަރާއި، ދެއްވި އެއްބާރުލެއްވުން ޝުކުރުވެރިކަމާއެކު ޑރ. އާޒިމް ފާހަގަކުރައްވައެެވެ. މިހުރިހާ ޝުކުރެއްގެ އެންމެ ބޮޑު ހައްޤުވެރިއަކީ ޑރ. ހަބީބުކަން، ޑރ. އާޒިމްވަނީ އުފަލާއިއެކު ފާހަގަކުރައްވާފައެވެ.

2008 ގައި ކައިވެނި ބައްލަވައިގެން މިހާރު 2 ކުދިން ލިބިލައްވާފައިވާއިރު ދާއިރާގެ ގޮތުން، ދިރިއުޅުމުގައި އާއިލާއަށް ވަގުތު ދިނުމުގައި ގިނަ އުނދަގޫތަކެއް ޑރ. އާޒިމަށް ކުރިމަތިވެއެވެ.

މަންމައަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ކުޑަކުޑައިރުއްސުރެ 4 ބެއިން އެކަނިމާއެކަނި ބަލަަައިބޮޑުކުރީ. މަންމަ އެކުރި ހިތްވަރަށް ސާބަސްދެން. އަދި އާއިލާގެ އެހެން ފަރާތްތަކުން އެންމެ ކުޑައިރުއްސުރެ މިއަދާއިހަމައަށް ދެމުންދާ އެއްބާރުލުމަށް ޝުކުުއަދާކުރަން. ކައިވެނިކުރުމަށްފަހު ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރީ. ކިޔަަވަން އުޅުނު ދުވަސްވަރަކީ އެންމެ އުނދަގޫ ދުވަސްވަރު. ވައިފްގެ ވަރަށް ބޮޑު އެހީތެރިކަމަކާއިއެކު ކިޔަވާ ނިންމާލެވުނީ. ވައިފް ދުރުގައި ހުރެވެސް ދިން އެއްބާރުލުމަށް ޝުކުރު އަދާކުރަން. އާއިލާއަށް ދޭން ބޭނުންވާ ވަރަށް ނުދެވޭ ވަގުތެއް. މި ދުވަސްވަރު އަދި އެކަނި އުޅެންޖެހޭތީވެސް އަބަދު އޮންކޯލްގަ އުޅެންޖެހެނީ. ބައެއް ފަހަރު އާއިލާއަށް ވަގުތުވެސް ނުދެވޭ.
ޑރ.އާޒިމް

ޑރ. އާޒިމް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ އެންމެ ކަމަކަށެވެ. ރާއްޖޭގައި ތިބި، ދިވެހި ޑޮކްޓަރުންނަށް އިތުބާރު ކުރެއްވުމަށެވެ.

އަމިއްލަފުޅަށް ބޭނުންވެގެން އުފަން ރަށްދެކެ ލޯބިވާތީ، ރަށުގައި ޚިދުމަތްކުރަން ބޭނުންވާ ޑރ.އާޒިމްފަދަ ދަރިންގެ ޚިދުމަތްތައް ފާހަގަކުރަންޖެހެއެވެ. ބޮޑެތި ގޮންޖެހުންތަކާއިއެކުވެސް ތިނަދޫއަށްޓަކައި އެ އަތޮޅަށްޓަކައި، ޚާއްސަކޮށް ޤައުމަށްޓަކައި ކުރައްވަމުންދާ ބުރަ މަސައްކަތް ތިނަދޫގެ ރައްޔިތުން ވަނީ ހިތުގެ އަޑިން ބަލައިގެންފައެވެ.