ކޮވިޑް ބަލީގެ ހާލަތު އިތުރަށް ގޯސްވެ، ހޮސްޕިޓަލްތައް ފުރޭންފެށުމާ ގުޅިގެން ސިއްހީ ކުއްލި ހާލަތު ހިންގައި، އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާ އަލުން ލޮކްޑައުންކުރަން ނިންމައިފިއެވެ.

ޖަކާޓާގެ ގަވަރްނަރު އަނީން ބަސްވެދާން ވިދާޅުވީ، އަލުން ލޮކްޑައުންއަށް ދިއުންނޫން ގޮތެއް ނެތް ކަމަށެވެ.

ބަލިޖެހޭ މީހުންގެ ނިސްބަތަށް ބަލާއިރު، ފިޔަވަޅުތައް ނާޅައިފިނަމަ މި ސެޕްޓެމްބަރު މަހުގެ 17 ހިސާބުގައި ޖަކާޓާގެ ހޮސްޕިޓަލްތައް ފުރިދާނެ ކަމަށް ގަވަރްނަރު ވިދާޅުވިއެވެ.

ކޮވިޑްބަލި މީހުންނަށް ޚާއްސަކޮށްފައިވާ އެނދުތަކުގެ %77 މިހާރު ފުރިފައިވާ ކަމަށް ގަރަވްނަރު ވިދާޅުވިއެވެ.

"އިމަޖެންސީގެ ބުރަކި ޖެއްސުން ނޫން އިތުރު އިޚްތިޔާރެއް އަޅުގަނޑުމެންނަކަށް ނެތް. ސަބަބަކީ، މަރުވާ މީހުންނާއި، އެނދުމަތިކުރާ މީހުންގެ ރޭޓުދަނީ އިންތިހާއަށް މައްޗަށް. ވެރިރަށް މިވަނީ ކުއްލި ނުރައްކަލުގެ ހާލަތަށް އައިސްފައި"
ގަވަރްނަރ އަނީސް ބަސްވެދާން

ޖަކާޓާ އަލުން ލޮކްޑައުންކޮށް މިފެށޭ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ހުރިހާ އޮފީސްތައް ބަންދުކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

އަދި 11 ބާވަތެއްގެ ވިޔަފާރި ފިޔަވައި، އެހެން ހުރިހާ ވިޔަފާރިތަކެއް ބަންދުކުރުމަށްވެސް ވަނީ ނިންމާފައެވެ. ޚާއްސަ ހުއްދައިގެ ދަށުން ހުޅުވައި ހިންގަމުން ގެންދިޔަ ބޮޑެތި ޝޮޕިން މޯލްތައްވެސް ބަންދުކުރުމަށްވަނީ ނިންމާފައެވެ.

މީގެއިތުރުން، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގާ ތަންތަން ބަންދުކޮށް، އާންމު އެއްވުންތައް ބޭއްވުންވެސް މަނާކުރުމަށް ވަނީ ނިންމާފައެވެ. އަދި ރެސްޓޯރަންޓުތަކުންވެސް ޑެލިވަރީގެ ޚިދުމަތް ދިނުން ފިޔަވައި، ކެއިންބުއިމުގެ ޚިދުމަތް ދިނުން ހުއްޓާލުމަށްވެސް ވަނީ ނިންމާފައެވެ.

ދީނީ އެކިއެކި ހަރަކާތްތައްވެސް ބޭއްވޭނީ ކުދިކުދި އަވަށްތަކުގައި، އަވަށު ފެންވަރުގައި އަވަށްތަކުގައި އެކަނި ކަމަށްވެސް، ޖަކާޓާގެ ގަވަރްނަރު އަނީސް ބަސްވެދާންވަނީ ކަނޑައަޅުއްވާފައެވެ.

އާންމު ދަތުރުފަތުރުގެ ނިޒާމު ލިމިޓްކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

ގަވަރްނަރް ވިދާޅުވީ، މިބަލިމަޑުކަމުގެ ހާލަތުގެ ކުރީކޮޅު ކަންކުރި ފަދައިން ޖަކާޓާ އަލުން އެނބުރި މިދަނީ ގޭގައިތިބެ މަސައްކަތްކުރުމާއި، ގޭގައި ތިބެ ކިޔެވުމާއި، ގޭގައި ތިބެގެން އަޅުކަން ކުރުމުގެ ހާލަތަށް ކަމަށެވެ.

ކޮވިޑް-19 ބަލީގައި އިންޑޮނޭޝިޔާއިން މިހާތަނަށް 8،336 މީހުންވަނީ މަރުވެފައެވެ. މިއީ، ދެކުނު އިރުމަތީ އޭޝިޔާގެ އެންމެމަތީ އަދަދެވެ.

އިންޑޮނޭޝިޔާއިން މިހާތަނަށް 203،342 މީހުންނަށް ކޮވިޑްބަލި ޖެހިފައި ވެއެވެ.

ބަލި ފެތުރުން ހުއްޓުވަން ޖަކާޓާ އެންމެ ފުރަތަމަ ލޮކްޑައުންކޮށް ފިޔަވަޅުތައް ހަރުކަށިކުރީ މިއަހަރުގެ އޭޕްރީލްމަހުއެވެ. ބަލި ފެތުރުން ކޮންޓްރޯލްކުރެވި މަދުކުރެވުމާއެކު ލޮކްޑައުންއަށް ލުއިދޭން ފަށާފައިވަނީ ޖޫންމަހުން ފެށިގެންނެވެ.

ނަމަވެސް، މިފަހުން އަނެއްކާވެސްވަނީ ހަލުވިކަމާއެކު ބަލި ފެތުރޭން ފަށާފައެވެ.