ދައުލަތުގެ އާމްދަނީ އާއި ހަރަދުތައްވެސް މިދިޔަ ހަފްތާގެ ނިޔަލަށް ދަށްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވަނީ 8.8 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 16.6 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިއަހަރުގެ މިހާތަނަށް 17.7 ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ހަރަދުކޮށްފައިވަނީ 18.3 ބިލިއަން ރުފިޔާ އެވެ.

އެންމެ ބޮޑު ހަރަދެއް މުސާރަ އާއި އިނާޔަތްތަކަށް ގޮސްފައިވާއިރު، މިއަހަރުގެ މިހާތަނަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް 6.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ދައުލަތަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ޓެކުހުންނެވެ. ޓެކްސް އާމްދަނީގެ ގޮތުގައި މިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 7.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ލޯނު ދެއްކުމަށް މިއަހަރުގެ މި ހާތަނަށް 636 މިލިއަން ހޭދަކޮށްފައިވެ އެވެ. އަދި ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ދެ ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ގޮސްފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު، އެންމެ ބޮޑަށް ބަރޯސާވެފައިވާ އޮތް ފަތުރުވެރިކަމުގެ ސިނާއަތް ތިން މަސް ދުވަހަށް މެދުކަނޑާލަން ޖެހުމުންނެވެ. ޖުލައި މަހުގެ 15 އިން ފެށިގެން ރާއްޖެގެ ބޯޑަރު ހުޅުވަލާފައިވާއިރު، މިހާތަނަށް ރާއްޖެ ޒިޔަރާތްކޮށްފައިވަނީ 11،629 ފަތުރުވެރިންކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.