މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކާތެރި ހާލަތާއެކު މުބާރާތް ކުރިޔަށްގެންދެވޭނެ އިތުރު ގޮތެއް ނެތުމުން މިއަހަރު މުބާރާތް އޭއެފްސީން ކެންސަލްކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި އޭއެފްސީގެ ކޮމްޕެޓިޝަން ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިންނެވެ. މި ބައްދަލުވުމުގެ ތެރެއިން އޭއެފްސީ ކަޕް ކެންސަލްކޮށްފައިވާއިރު، އޭއެފްސީ ފުޓްސަލް ކުލަބު ޗެމްޕިއަންޝިޕާއި އޭއެފްސީ ސޮލިޑާރިޓީ ކަޕުވެސް ވަނީ ކެންސަލްކޮށްފައެވެ.

އޭއެފްސީ ކަޕު ކެންސަލްކުރި ނަމަވެސް އޭއެފްސީ ޗެމްޕިއަންސް ލީގުގެ ބާކީހުރި މެޗުތައް މިއަހަރު ކުޅޭނެއެވެ. އެގޮތުން ފައިނަލް މެޗު ޑިސެމްބަރު 19 އަށް ވަނީ ކުޅުމަށް ތާވަލުކޮށްފައެވެ.

އޭއެފްސީ ކަޕް ކެންސަލްކުރުން ވެގެންދާނީ މި މުބާރާތުގެ ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖުގައި ހިމެނޭ ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކުލަބަށް ލިބޭނެ ބޮޑު ގެއްލުމަކަށެވެ. އެއީ ފައިސާގެ ގޮތުން މި ދެ ޓީމުންވެސް މިހާތަނަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވާއިރު އޭއެފްސީ ކަޕާއި އަމާޒުކޮށް ގިނަ ޕްލޭނުތަކެއް މި ދެ ޓީމުން ވަނީ ރާވާފައެވެ.

ރާއްޖޭގެ ދެ ޓީމަކާއެކު އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރޭވިއިރު މި މުބާރާތުގެ ބާކީހުރި މެޗުތައް މާލޭގައި ކުޅުމަށް ކުރި ބިޑުވެސް ވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް އެހެން ޒޯންތަކުގެ މެޗުތައް ކުޅޭނެ ގައުމެއް ކަނޑަނޭޅުނީ މުބާރާތް ބާއްވަން އެއްވެސް ޤައުމަކުން ޝައުގުވެރިކަން ފާޅުނުކުރުމުންނެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ޓީސީ ވަނީ މާޗު މަހު 12 ވަނަ ދުވަހު ވާދަކޮށްފައެވެ. އެ ދުވަހު ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ޓީސީ ކުޅުނު މެޗުން އެޓީމު ވަނީ 5-1 ން ބަލިވެފައެވެ. އަދި އިންޑިއާގައި މާޒިޔާ ވަނީ އެ ގައުމުގެ ޗެންނާއީ ސިޓީ އެފްސީއާ 2-2 ން އެއްވަރުކޮށްފައެވެ.

އޭއެފްސީ ކަޕު މިއަހަރު ކެންސަލްކުރި އިރު އަންނަ އަހަރުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރާނެ ދެ ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބް އީގަލްސްއެވެ.