ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި އުރީދޫ މޯލްޑިވްސްއިން ޑެސްޓިނޭޝަން މާރކެޓިންގް ކެމްޕޭނެއް ލޯންޗްކޮށްފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަނާއި، ޓޫރިޒަމް މިނިސްޓްރީ އަދި އޯރކާ މީޑިއާ ގްރޫޕުންވެސް ބައިވެރިވެގެން ކުރިއަށްގެންދާ މި ކެންޕެއިންގައި ދުނިޔޭގެ 10 ގައުމަކުން 117 މިލިއަން މީހުންނަށް ވާސިލްވުމަށް އަމާޒުހިފާފައިޥާކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫގެ ބައިނަލްއަގުވާމީ ނެޓްވޯރކްގެ ކަސްޓަމަރުންނަށް، އުރީދޫ އާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އުރީދޫގެ މީޑިއާ ޕާރޓްނަރުންގެ މީސްމީޑިއާ ޕްލެޓްފޯރމްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރެވިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ. އަދި މީސްމީޑިއާގައި ހިއްސާކުރެވޭ މި ޕޯސްޓް ތަކަށް ކޮމެންޓްކޮށް ޝެއާ ކުރާ ފަތުރުވެރިންގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ރާއްޖޭގެ ހޮޓެލްތަކުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބި، ތަފާތު އެކި ހަދިޔާތައް ލިބުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

މި ކެމްޕެއިންއާއި ގުޅިގެން އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވީ ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް އުރީދޫއިން ކުރިއަށް ގެންދާ ޑެސްޓިނޭޝަން ކެންޕެއިންގައި ބައިވެރިވުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށެވެ. ކެންޕެއިންގެ ކާމިޔާބާއެކު ރާއްޖޭގެ ރީތިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަވާލެވިގެންދާނެކަމަށާއި، އަދި މީގެ ސަބަބުން ގިނަ ޓުއަރިސްޓުންތަކެއް ރާއްޖެ އައުމަށް ހިތްޖެހިގެންދާނެކަމަށް ތޮއްޔިބު ވަނީ ވިދާޅުވެފައެވެ. ކޮވިޑްގެ މި ހާލަތުގައިވެސް ރާއްޖެއަކީ ފަތުރުވެރިން ޒިޔާރަތްކުރަން ރައްކާތެރި މާހައުލެއްކަމަށާއި، ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްއެތަކެއް ފިޔަވަޅުތަކެއްއަޅާފައިވާކަން ތޮއްޔިބު ފާހަގަކުރެއްވިއެވެ.

އުރީދޫގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ ނަޖީބު ޙާން ވިދާޅުވީ، ކޯވިޑް 19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ހީނަރުކަން އައިސް، ގިނަ އާއިލާތަކަކަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށްޓަކައި މި ކެންޕެއިންގެ ސަބަބުން އެހީތެރިވެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަށް އައިސްފައިވާ ލޮޅުމާއި ގުޅިގެން އެތަކެއް އާއިލާއަކަށް ވަނީ ދަތިތަކާ ކުރިމަތިވެފަ. އެހެންކަމުން މިދަތިތަކުން އަރައިގަތުމަށް ގައުމީ އެއްބާރުލުމަކާއެކު އަޅުގަނޑުމެން "ވިސިޓް މޯލްޑިވްސް ނައު" ޑެސްޓިނޭޝަން ކެންޕެއިން މި ފަށައިގަންނަނީ ރާއްޖޭގެ ރީތިކަން ޕްރޮމޯޓްކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށާއި އެތަކެއް އާއިލާއަކަށް ފާގަތިކަން ގެނުވައިދިނުމުގެ އުއްމީދުގަ
ނަޖީބު ޙާން

"ވިޒިޓް މޯލްޑިވްސް ނައު" ކެންޕެއިންގެ މަގްސަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބާރު ސްޕީޑެއްގައި ފަށައިގަނެ އަލުން އިއާދަކުރުމެވެ. މި ކެންޕެއިން ކުރިއަށްދާނީ ސެޕްޓެންބަރު 2020 އިން ފެށިގެން 2021 ގެ ކުރީކޮޅުގެ ނިޔަލަށެވެ. ކޯވިޑް19 ޕެންޑަމިކްގެ ސަބަބުން ދިމާވެފައިވާ މި ހާލަތާއި ގުޅިގެން، އެމްއެމްޕީއާރުސީން ވަނީ ހުރިހާ މާރކެޓިންގ ހަރަކާތްތައް ޑިޖިޓަލް ޕްލެޓްފޯމްތަކަށް ބަދަލުކޮށް، ޑެސްޓިނޭޝަން މާރކެޓިންގ ހަރަކާތްތައް ފުޅާކޮށްފައެވެ.