ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާގެ މެންބަރުންގެ މެދުގައި ހިލޭ ކޮންފަރެންސް ކޯލު ކުރުމުގެ ހިދުމަތް މިއަހަރުވެސް ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ފޯރުކޮށްދޭން ނިންމައިފިއެވެ.

2016 ވަނަ އަހަރުން ފެށިގެން ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްއަށް ހިލޭ ފޯރުކޮށްދެމުން އަންނަ މި ހިދުމަތަކީ ދިރާގުން އެ ޖަމިއްޔާ އަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ ޚިދުމަތްތަކެވެ.

ދިރާގުން ބުނީ އެހެނިހެން އިޖުތިމާއީ ޖަމިއްޔާތައް ހިންގުމުގައި މެދުވެރިނުވާ ގިނަ ގޮންޖެހުންތައް ބީވީއައިއެސްއެމް އަށް ދިމާވާކަމަށެވެ. ޖަލްސާތައް ބާއްވަން ނުވަތަ އެންމެން އެއްތަނަކަށް އެއްކޮށްގެން މީޓިން ބޭއްވުމަކީ ފަސޭހަ ކަމަކަށް ނުވާ ކަމަށާއި، ދިރާގުން މި ޚިދުމަތް ހިލޭ ފޯރުކޮށްދިނުމުން، ފަސޭހަކަމާއިއެކު ޖަމިއްޔާ ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭކަމަށް ދިރާގުން ބުނެއެވެ. އަދި މިހިދުމަތް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ 200 ޖަމިއްޔާގެ މެންބަރުންނަށް ޖަމިއްޔާގެ ޖަލްސާތައް ބޭއްވުމަށް ފަސޭހަވެ، މެންބަރުންގެ މެދުގައި އެކުވެރިކަމާއި ރަހުމަތްތެރިކަން ބަދަހިކުރަން ވަރަށް ބޮޑު އެހީއަކަށް ވެގެންދާކަމަށެވެ.

ބީވީއައިއެސްއެމްއަކީ އަހަރުތެރޭގައި ތަފާތު ގިނަ ހަރަކާތްތައް ބާއްވަމުން އަންނަ ޖަމިއްޔާއެކެވެ. މި ޙިދުމަތް މެދުވެރިކޮށް މަދަހަ މުބާރާތްތަކާއި، ޤުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޕްރޮގުރާމްތައް ހިމެނެއެވެ. އަދި ޖަމިއްޔާގެ މެންބަރުންގެ މެދުގައި ހިންގޭތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ތައުލީމީ ޕްރޮގުރާމްތައް ކުރިއަށް ގެންދިއުމަށްވެސް ބީވީއައިއެސްއެމް އިން މި ހިދުމަތް ބޭނުންކުރާކަމަށް ދިރާގުން ބުނެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ބީވީއައިއެސްއެމް އިން ވަނީ މި ޚިދުމަތް މެދުވެރިކޮށް ހިސާބު، ލެޓިން، އަރަބި، އަދި ގުރުއާން ފަދަ ކްލާސްތައް ކުރިއަށް ގެންގޮސްފައެވެ. ކޮވިޑް-19ގެ ސަބަބުން ލޮކްޑައުންގެ ހާލަތުގައިވެސް ބީވީއައިއެސްއެމްއިން މި ހިދުމަތް މެދުވެރިކޮށް މެދުކެނޑުމެއްނެތި ޖަމިއްޔާގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ވަކިން ހާއްސަކޮށް ކޮވިޑް-19 އާއި ގުޅިގެން އެޖަމިއްޔާއިން ސިއްހީ ހޭލުންތެރިކަން އަދި އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ ހޭލުންތެރިކަން އިތުރު ކުރުމުގެ މުހިންމު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވާކަން ދިރާގުން ފާހަގަކުރެއެވެ.

ދިރާގުން މި ހިދުމަތް ދިނުމުގެ މައިގަޑު ބޭނުމަކީ ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، އެފަދަ ފަރާތްތަކަށް ހިތްވަރުދީ، މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ދިރާގުގެ އަމާޒަކީ މުސްތަގުބަލުގައި ވެސް މިފަދަ އިޖުތިމާއީ ކަންކަމުގައި އިތުރަށް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.