ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ފަރުމާކުރި ޑްރާފްޓާއިމެދު އަންނަ ހަފްތާގެ ތެރޭގައި ބަންޑާރަ ނައިބުގެ އޮފީހާއެކު މަޝްވަރާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ޑްރާފްޓާއި ގުޅޭގޮތުން ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ އެކުލަވާލެވުނު ޑްރާފްޓާއި ބަންޑާރަ ނައިބުގެ އޮފީހާއި ހިއްސާކުރުމަށް އަންނަ ހަފްތާގެ ތެރޭގައި ހުށަހަޅާނެ ކަމަށެވެ.

ޑްރާފްޓާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއިއެކު މަޝްވަރާ ކުރުމަށް ފަހު މި މަހުގެ ތެރޭގައި ފައިނަލް ޑްރާފްޓް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާނޭ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އޭގެ ފަހުން ބަންޑާރަ ނައިބުގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން އެ ގާނޫނު ފާސްވުމާއެކު ޕާޓީތަކަށް އިތުރު ފުރުސަތުތަކެއް ލިބި އަދި ޕާޓީތައް ރެގިއުލޭޓް ކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަކީވެސް ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ހިންގާ މުއައްސަސާތަކެއްކަން ފާހަގަކޮށް އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ކޮމިޝަނުން ދޫކުރާ ފައިސާ ހޭދަކުރާގޮތް އެންޓިކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްއަށް ބެލޭނެ ކަމަށެވެ.

އަލަށް އެކުލަވާލާ ޑްރާފްޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ އޮފީހަށް ވަދެ އޮޑިޓް ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދާނެ ކަމަށާއި ޕާޓީތަކުން ގަވާއިދާ ޚިލާފަށް ފައިސާ ހޭދަކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ދައްކާނަމަ އެންޓިކޮރަޕްޝަން ކޮމިޝަނަށް އެމައްސަލަ ހުށަހެޅުމުގެ ބާރުވެސް އެ ކޮމިޝަނަށް ލިބިގެންދާނެ ކަމަށެވެ.