ވަރަށް އިހުގައި ރައްޖޭގައި އެކި އެކި ބަލިތައް ޖެހޭ މީހުން، އެހެން މީހުންނާއި ދުރުގައި ގެންގުޅޭކަން އެނގިފައިވެއެވެ. ބައެއް ބަލިތައް ޖެހޭ މީހުން ވަކި ރަށަކަށް ބަދަލުކޮށް މީހުންނާއި ވަކިން ދިރިއުޅެން ޖެހުނުއިރު އެއްބަޔަކު އުޅެންޖެހުނީ ރަށުގެ ވަކި އަވަށެއްގައި، ރަށުގެ އެހެން ރައްޔިތުންނާއި ދުރުގައެވެ. އެފަދަ ރަށަކަށް ނުވަތަ އަވަށަކަށް އެ ބަލި ނުހުންނަ ބަޔަކު ނުދެއެވެ. ވަރަށް ފަހަކާ ޖެހެންދެންވެސް މިފަދަ މީހުންނަށް، ނުވަތަ އެ އާއިލާއަކަށް ނިސްބަތްވާ މީހުންނާއިމެދު ތަފާތުކުރުން އޮވެއެވެ. ޚާއްސަކޮށް އެފަދަ ރަށަކަށް، ނުވަތަ އަވަށަކަށް ނިސްބަތްވާނަމަ، އެމީހަކާއިމެދު ދެރަކޮށް ކަންކަންކޮށް، ތަފާތުކުރުން ގެންގުޅުމަކީ މިހާރުވެސް ބައެއް ރަށްރަށުން މަދުން ނަމަވެސް ފެންނަމުންދާ ކަމެކެވެ.

އެކަން މަޑުޖެހިފައި އޮތުމަށްފަހު މިހާރު އަނެއްކާވެސް މިފަދަ ކަންކަން މަދުން ނަމަވެސް ފެންނަން މިވަނީ ފަށާފައެވެ.

ކޮވިޑް-19އަކީ މުޅި ދުނިޔެއަށްވެސް ފެތުރިފައިވާ ބައްޔަކަށްވާއިރު މިބަލި ކޮންމެ މީހަކަށްވެސް ޖެހިދާނެކަމަށް އެންމެންވެސް ތިބެނީ ވިސްނަައިގެންނެވެ. އެ ބިރުވެރިކަމުގައެވެ. ކިތަންމެ ބަލައިގެން އުޅުނުކަމުގައިވިޔަސް މި ބަލި ޖެހިފައިވެސް އެބަހުއްޓެވެ. އެހެންކަމުން އެފަދަ މީހުންގެ ހިތަށްކުރާނެ އަސަރު، ބަލި ނުޖެހޭ މީހަކަށް ނުވިސްނިދާނެއެވެ.

މިފަހުން ފާހަގަކުރެވެމުން މިދަނީ ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނާމެދު ތަފާތު ކުރުން ގެންގުޅޭކަމެވެ. އެމީހުންދެކެ ރުޅިއަންނަކަމެވެ. ރަށެއްގައިނަމަ މިކަން އަދި ވަކިން ބޮޑެވެ. އެއްވެސް މީހަކު އަމިއްލައަށް އެއްވެސްކަހަލަ ބައްޔެއްގެ ޝިކާރައަކަށްވާން ބޭނުން ނުވާނެއެވެ. ބައްޔެއް ޖެހުމުން، ޚާއްސަކޮށް ފަރުވާއެއް ނެތް ކޮވިޑް-19 ފަދަ ބައްޔެއް ޖެހުމުން ބަލިމީހާއަށް ކުރާނެ އަސަރު ހިތަށްވެސް ގެންނަން ނޭނގޭނެއެވެ. ބަލީގެ އަލާމާތްތަކާއި، އެބަލިޖެހުމުން ކުރާ އަސަރާއި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މީހުންނަށްކުރާ އަސަރު ބޮޑެވެ.

މިކަން ތަހައްމަލުކުރަމުންދާ މީހަކު ވީނިއުސްއަށް މިވާހަކަތައް ހިއްސާކުރަމުން ބުނީ އޭނާގެ އާއިލާގެ ދެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށާއި، ޕޮޒިޓިވްވެފައިވަނީ މާލެއިން، ރަށަށްގޮސް ކަރަންޓީނުގައި ތިއްބާކަމަށެވެ. އެހެންކަމުން އެމީހުން އުޅެމުންދިޔައީވެސް ވަކިންކަން ފާހަގަކޮށް އެމީހާބުނީ އެ އާއިލާގެ މީހުންނާއިމެދު އެރަށުގެ ބައެއް މީހުން އަމަލުކުރަނީ ވަރަށް ހިތްދަތިވާގޮތަށްކަމަށެވެ. އާއިލާގެ މީހަކު ފިހާރަކަށް ދިޔަޔަސް، ފިހާރައިގައި ތިބޭ މީހުންވެސް އެ ޝަކުވާކުރާކަމަށާއި، ޕޮޒިޓިވްވި ދެމީހުންނާއިބެހޭގޮތުން ދޮގުވާހަކަތައްވެސް ދައްކާކަމަށެވެ. އެކަމުގެ ސަބަބުން އެ ބަލި ދެމީހުންނާއި އާއިލާއަށް ނަފްސާނީ ގޮތުންވެސް ވަރަށްބޮޑަށް އަސަރުކޮށްފައިވާކަން އެމީހާ ފާހަގަކުރިއެވެ.

އާއިލާގެ މީހަކު ފެނުނަސް ބިރެއް ފެންނަހެން އުޅެނީ. ވަރަށް ގިނަ ދޮގުތައްވެސް ހަދާ. ކަރަންޓީނުގައި ހުރެފައި ބޭރަށްވެސް ދާކަމަށް އަޑުފަތުރާ. ފިހާރައަކަށް ދިޔަޔަސް، އެކަމާ ކަންބޮޑުވެގެން އެންމެން ސުވާލުކުރޭ. އެހެން އުޅޭތީ ވަރަށް ދެރަވެފަ ގޭ މީހުން ތިބެނީ. އަހަރެމެން ކުށެއް ކޮށްގެން ނޫނެއްނޫންހޭ މި އުޅެނީވެސް ކިޔާ ދެރަވެގެން. މާލޭގައި ތިބެފަ ނުދެވުނު ނަމައޭވެސް ހިތައް އަރައޭ ބުނޭ.
ޕޮޒިޓިވްވެފައިވާ އާއިލާއެއްގެ މެމްބަރެއް

މިފަދަ ތަފާތުކުރުން ހުންނަކަން ފާހަގަވެ، ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދު ބަލިޖެހިފައި ހުރި މީހަކާއިމެދު އެފަދައިން އަމަލުކުރަމުންދާއިރު މާދަމާ އަޅުގަނޑުމެންނަށް ނުވަތަ އާއިލާމީހަކަށްވެސް މި ބަލިޖެހިދާނެކަމަށާއި އެދުވަހަކުން އެފަދަ ގޮތަކަށް އެހެންބަޔަކު ތިމާއާއިމެދު ތަފާތުކޮށް، އެގޮތަށް އަމަލު ކުރަން އެކަކުވެސް ބޭނުން ނުވާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެކަން އެގޮތަށް ނުކުރުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮވިޑަށް ޕޮޒިިވްވާ މީހުންނާ އަދި ބައެއް ފަހަރު އެމީހުންނާ ކޮންޓެކްޓުވާ މީހުންނާ މެދުވެސް އަދި އެމީހުންގެ އާއިލާތަކާ މެދުވެސް ތަފާތު ކުރުން ގެންގުޅުމާ އެމީހުންނަށް ރުޅިވެރިކަން އަމާޒުކުރާކަން އަޅުގަނޑުމެންނަށް މިހާރު ކޮންމެވެސް ވަރަކަށް ފެންނަމުން އެބަދޭ. އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ ބަލިޖެހުމަކީ މީހަކު ކުށްވެރިވާ ނުވަތަ ތަފާތުކުރަން ޖެހޭ ކަމެއް ނޫން. އެއްވެސް ބައްޔެއް ޖެހުމަކީ. ކޮންމެ މީހަކަށް ވެސް ބަލި ޖެހިދާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ
ޑރ. ނަޒްލާ

ތަފާތުކުރުން ގެންގުޅުމުގެ ސަބަބުން ނަފްސާނީ ގޮތުންވެސް މީހާ ބަލިކަށިވާކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވަނީ އެކަން އެހެން ނުކޮށް އެކަކު އަނެކަކަށް އޯގާތެރިވެ، އެހީތެރިވާން އިލްތިމާސްކުރައްވާފައެވެ.

މިފަދަ ބަލިމަޑުކަމަކުން އަރައިގަނެވޭނީ މުޖުތަމައު އެކަތިގަނޑަކަށްވެ، އެއްބައިވަންތަކަމާއިއެކު މަސައްކަތް ކޮށްގެން ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ވިސްނަންވީ އެކަކު އަނެކަކަށް ވީހާވެސް އޯގާތެރިކަމާއިއެކު މުއާމަލާތުކުރަން. ބަލިވެއްޖެނަމަ ނަފްސާނީ ގޮތުންވެސް އެކަހެރިވިޔަ ނުދީ، އެހީތެރިވެދީ އެމީހުންނާއިއެކު ތިބިކަން އަންގައިދޭން
ޑރ. ނަޒްލާ

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހަކު ފެނުނުތާ މިހާރު 6 މަސްވެފައިވާއިރު، ކޮވިޑް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު މި އަދަދު ތިރިވާނެކަމަށް ބެލެވެނީ މިމަހުގެ ފަހުކޮޅުކަަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.