ކޮވިޑް-19 އާ ގުޅިގެން ޢާމްދަނީއަށް އަސަރުކުރި މީހުންނަށް، ސަރުކާރުން ދޭ އިންކަމް ސަޕޯޓު އެލަވެންސުގެ ގޮތުގައި 59.1 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް 6،388 މީހަކަށް އިންކަމް ސަޕޯޓު ވަނީ ދޫކޮށްްފައެވެ.

މިއެލަވަންސް ދޭން ނިންމާފައިވަނީ އެޕްރީލް މަހުން ފެށިގެންނެވެ. މިގޮތުން ދޭން ކަނޑައަޅާފައިވަނީ 5000ރ. އާ ހަމައަށެވެ. އެލަވަންސް ހޯދުމަށް ޖޮބް ސެންޓަރުގައި ރަޖިސްޓަރީކުރަން ޖެހެއެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށްދޭ ޢިނާޔަތާގުޅޭ އުސޫލުގައި ވާގޮތުން ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންކަމަށް ބަލާނެ މިންގަނޑަކީ، ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި، މުސާރަ ނުލިބޭގޮތަށް ނޯޕޭލީވްއަށް ފޮނުވާފައިވާ މީހުންގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ ޢަދަދުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ.

މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް މިހާރު ލިބޭ އަދަދު 5،000ރ. އިން އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.

މިއުސޫލުގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސް ދޭނެގޮތްވެސް ސަރުކާރުން ހިމަނާފައިވެއެވެ. އޭގެތެރޭގައި މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް މީހުން ހިމެނެއެވެ.

ޖުލައި މަހުގެ އެލަވެންސަށް އެދުމުގެ ފުރުސަތު ސެޕްޓެމްބަރު 15 ގެ ނިޔަލަށް އަދި އޮގަސްޓު މަހުގެ އެލަވެންސަށް އެދުމުގެ މުއްދަތު ސެޕްޓެމްބަރު 30 ގެ ނިޔަލަށް އޮންނާނެއެވެ.

އަދި ސެޕްޓެމްބަރު މަހުގެ އެލަވެންސަށް އެދުމުގެ މުއްދަތަކީ ސެޕްޓެމްބަރު އެކަކުން އޮކްޓޯބަރު 30 އަށެވެ.