މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްޓީސީސީއިން ކުރި އިއުލާނެއްގައި ބުނީ، އަހަރީ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ "ފައިވޯޓު" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.

މިޖަލްސާގައި ބައިވެރިވޭނީ އިއްޔެގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށް އެނިކަމަށް އެކުންފުނިން ބުނެއެވެ.

މިޖަލްސާގައި ހިއްސާދާރުންނަށް ބަހާނެ ފައިދާ އާއި ގުޅޭގޮތުން ކުންފުނީގެ ބޯޑުން ނިންމާފައިވާ ނިންމުންތަކަށް ވޯޓަށް އެހުމާއި ކުރިއަށް އޮތް ދައުރަށް އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރާނެ ފަރާތްތައް ކަނޑައެޅުމަށް އިންތިހާބު ބޭއްވުމަށް ވަނީ އެެޖެންޑާ ކޮށްފައެވެ.

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 53 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެ ކުންފުނީގެ ބޯޑުން ވަނީ ހިއްސާއަކަށް ދެރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް ނިންމައިފައެވެ.