• ތެޔޮޓޭންކަރު ސްރީލަންކާ ކަނޑުގެ ސަރަހައްދުން ދުރަށް ގެންދިއުމަށް ލަންކާއިންވަނީ އަންގާފައި

ސްރީލަންކާ ކައިރިން އަލިފާން ރޯވި ތެޔޮ ޓޭންކަރުން ކަނޑަށް ތެޔޮފޭބުން ހުއްޓުވައިފިއެވެ.

ސްރީލަންކާ ކަނޑުގެ ސިފައިން މިއަދު ބުނެފައިވަނީ، ކަނޑަށް ތެޔޮ ފައިބަމުންދިޔައީ ޓޭންކަރުގެ އިންޖީނުރޫމުން ފެންޓޭންކަކާ ގުޅާފައި ހުރި ހޮޅިތަކެއް ހަލާކުވެގެން އެއިން ކަމަށެވެ.

ނަމަވެސް، ޑައިވަރުން ކުރި މަސައްކަތުން ކަނޑަށް ތެޔޮ ބޭރުވަމުންދިޔަ ބާގަނޑު މިހާރު ބައްދާލާފައިވާ ކަމަށް، ސްރީލަންކާ ކަނޑުގެ ސިފައިން ބުނެފައި ވެއެވެ.

ހޮޅިތައް ހަލާކުވެގެން ކަނޑަށް ފައިބާފައިވަނީ ޑީސަލް ކަމަށެވެ. ކަނޑަށް ފޭބި ޑީސަލް ވަނީ، ކަނޑުގެ ދެކިލޯ މީޓަރު ސަރަހައްދަކަށް ފެތުރިފައެވެ. އެއީ، ކަނޑަށް ފައިބާފައިވަނީ ޓޭންކަރު ދުއްވަން ބޭނުންކުރާ ޑިސަލުން ބައެކެވެ.

ސެޕްޓެމްބަރުމަހުގެ 3 ވަނަދުވަހު ޓޭންކަރުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ މިދިޔަ ބުދަދުވަހުއެވެ. އަދި އަލިފާން އެއްކޮށް ނިއްލާވައި، އަލިފާނުގެ ހާދިސާގެ ސަބަބުން ޓޭންކަރަށް ލިބިފައިވާ ގެއްލުންތައް، ކަމާބެހޭ ޓީމުތަކުން ވަނީ ބަލަން ފަށާފައެވެ.

ޓޭންކަރަށް އެރި ނެދަރލޭންޑްސްގެ ތަޖުރިބާކާރުންގެ ޓީމުން ބުނެފައިވަނީ، އަލިފާނުގެ ހާދިސާގެ ސަބަބުން ޓޭންކަރުގައި ހުރި 270،000 ޓަނުގެ ސާފުނުރާ ތެލަށް އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށެވެ. މިއީ، ގާތްގަނޑަކަށް ދެމިލިއަން ފީފާގެ ތެލެވެ.

ޓޭންކަރުގައި ރައްކާކޮށްފައި ހުރި ތެޔޮތައް ސަލާމަތްވި ނަމަވެސް، އަލިފާނުގެ ސަބަބުން ތެޔޮ ޓޭންކަރުގެ އިންޖީނުރޫމާއި، ޓޭންކަރުގެ މައިގަނޑަށް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

ތެޔޮ ޓޭންކަރު ދަތުރުކުރަމުންދިޔައީ ކުވައިތުން ފުރައިގެން އިންޑިއާގެ ޕަރަދިޕް ބަނދަރަށް ދިއުމަށެވެ.

ޓޭންކަރު މިހާރުއޮތީ ސްރީލަންކާގެ އިރުމަތީ އައްސޭރިފަށުން 45 ނޯޓިކަލް މޭލު ބޭރުގައެވެ.

މިހާރު މަޝްވަރާތައް ކުރަމުންގެންދަނީ، ޓޭންކަރުގައިހުރި ތެޔޮތައް އެހެން އެހެން ޓޭންކަރަކަށް ހުސްކުރުމުގެ މައްސަލާގައެވެ.

ތިމާވެށީގެ ކާރިޘާއެއް ހިނގާފާނެ ކަމަށްޓަކައި ސްރީލަންކާ ކަނޑުގެ ސަރަހައްދުގައި ޓޭންކަރު ބާއްވައިގެން އެކަން ކުރާކަށް ސްރީލަންކާއިން ބޭނުމެއް ނުވެއެވެ.

ސްރީލަންކާ ސަރުކާރުންވަނީ، ތެޔޮ ޓޭންކަރު ޓޯކޮށްގެން ސްރީލަންކާގެ އިގްތިސާދީ ސަރަހައްދުން ބޭރަށް ގެންދިއުމަށް، ޓޭންކަރުގެ ވެރިފަރާތުގެ ކިބައިން އެދިފައެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސްރީލަންކާ ކަނޑުގެ ސިފައިންނާއި، އިންޑިއާގެ ކޯސްޓްގާރޑާއި ޓަގު ބޯޓުތައް އަދިވެސް ތިބީ ތެޔޮ ޓޭންކަރު ކައިރީގައެވެ.