ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލުގެ ސަބަބުން އެއްވެސް ޕްރިންސިޕަލެއްގެ ޙައްޤަކަށް އުނިކަމެއް ނާންނާނެކަން އެޑިއުކޭޝަން މިނިސްޓްރީން ކަށަވަރުކުރާނެ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީ ބުނީ މިއީސަރުކާރުގެ ސްކޫލްތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް، ސްކޫލްތަކަށް އެންމެ ބޭނުންވާ ޤާބިލް ޕްރިންސިޕަލުން ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ސްކޫލްތަކުގައި ދައުރުވާ ގޮތަށް ހަމަޖެއްސުމުގެ މަގުސަދުގައި ކަނޑައެޅުނު އުސޫލެކެވެ. އަދި އައު ޚިޔާލުތަކާއި އައު ވިސްނުންތައް ސްކޫލްތަކުގެ ހިންގުމުގެ ނިޒާމަށް ގެނެސް ސްކޫލްތަކުން ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރު މަތިކުރުމާއި، ސިސްޓަމުގައި ތިބި ތަޖުރިބާކާރު ޕްރިންސިޕަލުންގެ ޢިލްމާއި ތަޖުރިބާ އަދި ސްކޫލްތައް ތަރައްޤީ ކުރުމުގައި ގެންގުޅުއްވާ ވިސްނުން ގިނަ ސްކޫލްތަކަށް ފޯރައި، ސްކޫލްތަކުގެ ޚިދުމަތުގެ ފެންވަރު މަތިކުރުންވެސް މި އުސޫލުގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި އުސޫލާއި އެއްގޮތަށް އެއް ސްކޫލެއްގައި ގިނަވެގެން ހުރެވޭނީ ވިދި ވިދިގެން 8 އަހަރުކަމަށާއި އެއީ 4 އަހަރުގެ 2 ޓާރމުގެ މުއްދަތުކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މި އުސޫލަށް ޢަމަލުކުރެވެން ފެށުމުން އެޑިޔުކޭޝަން ސިސްޓަމަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ.

އޭގެ ތެރޭގައި ތަފާތު ކުރުމެއްނެތި ސްކޫލްތަކުގައި ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް ފުރުޞަތު ލިބިގެންދިއުމާއި، ސިސްޓަމްގައި ތިބި ހިންގުންތެރި، ޤާބިލް ޕްރިންސިޕަލުންގެ ޚިދުމަތް ގިނަ ސްކޫލްތަކަށް ލިބި، އެ ސްކޫލްތައްވެސް އިތުރަށް ތަރައްޤީވުމަށް ފުރުޞަތު ފަހިވެގެންދާނެ.މީގެ އިތުރުން އެއް ރަށެއްގައި ނުވަތަ ސަރަހައްދެއްގައި ކިޔަވައިގެން އައިސް ސްކޫލް ހިންގުމުގެ ދާއިރާއިން ޕްރިންސިޕަލެއްގެ ގޮތުގައި ރަށަށް ނުވަތަ އަތޮޅަށް ޚިދުމަތްކުރުމުގެ ފުރުޞަތު ނުލިބިތިބި ފަރާތްތަކަށް އެފަދަ ފުރުޞަތު ހުޅުވިގެންދާނެ.
އެޑިޔުކޭޝަން މިނިސްޓްރީ

މި އުސޫލުގެ ސަބަބުން ޕްރިންސިޕަލުންނަށް ލިބިފައިވާ ޢިލްމާއި ތަޖުރިބާ ތަފާތު މާޙައުލެއްގައި ބޭނުންކޮށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާއިރު ދަރިވަރުންގެ އާބާދީ މަދުވުން، ސްކޫލް އިންފްރާ ސްޓްރަކްޗަރ، މުވައްޒަފުންގެ އަދަދު ފަދަ ތަފާތު އެކި ސަބަބުތަކާ ހުރެ މިހާރު މަސައްކަތްކުރާ ތަނުގައި ތަޖުރިބާ ކުރެވެން ނެތް އާ ކަންކަން ތަޖުރިބާކޮށް ނަތީޖާ ނެރުމަށް ފުރުސަތު ފަހިވެގެންދާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އަމިއްލަ ނަފްސުގެ ކުރިއެރުމާއި ތަރައްޤީއަށް ކުރިން މަސައްކަތްކުރި މާޙައުލުން ލިބެން ނެތް އާ ފުރުސަތުތައް ފަހިވެގެންދާނެއެވެ.

މި އުޞޫލަށް އަމަލުކުރަން ފެށުނު ނަމަވެސް މިހާރު ތިބި ޕްރިންސިޕަލުން މަޤާމުގައި ދެމިތިބޭނެކަމަށާއި އަދި އެޑިއުކޭޝަން މިނިސްޓްރީން މި އުސޫލާ އެއްގޮތަށް މަސައްކަތްކުރާ ސްކޫލް ކަނޑައަޅައި 4 އަހަރުގެ ޓެނުއަރ ޙަވާލުކުރާ ތާރީޚުން ފެށިގެން އެ ސްކޫލެއްގައި ދެމިތިބޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި އުސޫލުން އެއްވެސް ޕްރިންސިޕަލަކު ނުރުހުމުގައި އެއްވެސް ތަނަކަށް ބަދަލު ނުކުރާނެކަމަށާއި އެ ޕްރިންސިޕަލަކު މަސައްކަތްކުރަން ޝައުޤުވެރިވާ ސްކޫލެއް ނުވަތަ ސްކޫލްތަކެއް ބަލައި އުސޫލުގައި ބުނެފައިވާ ގޮތަށް އެ ސްކޫލަކަށް ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ގެންދެވޭނެކަަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެެވެ.

އުސޫލުގެ ދަށުން ޓެނުއާރ ފަށާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ލިޔުމުން އެކަން ކަނޑައަޅައި ހަވާލުކުރާ ތަރީޚުން ފެށިގެންނެވެ. ފުރަތަމަ 4 އަހަރުގެ ޓެނުއަރ ނިމި، އިތުރު 4 އަހަރަށް އެ ސްކޫލުގައި ހުންނަން ބޭނުންނަމަ، އެކަމަށް އެދި ހުށަހެޅޭނެއެވެ. ނުވަތަ ޝައުޤުވެރިވާ އެހެން ސްކޫލަކަށް ބަދަލުވަން ބޭނުންވާނަމަ އެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

އަދި ވިދި ވިދިގެން 8 އަހަރު އެއް ސްކޫލެއްގައި ހަމަކުރުމަށްފަހު، އެހެން ސްކޫލަކަށް ޚިދުމަތްކުރުމަށް ބަދަލުވާންޖެހޭނެ އެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް އުސޫލު ޢާއްމު ވުމާއެކު މި އުސޫލަށް އަމަލުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި ނަމަވެސް، އުސޫލާއި އެއްގޮތަށް ޓެނުއަރޝިޕް ހަމަޖައްސައި، ޕްރިންސިޕަލުން ސްކޫލްތަކަށް ފޮނުވުމުގެ ކުރިން ހަދަންޖެހޭ ޤަވާއިދު ހަދައި އެކަން ކުރާނެ ގޮތުގެ ތާވަލު އެކުލަވާލެވުމުން އެ މަސައްކަތް ފެށިގެންދާނެކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

މި އުސޫލުގެ ސަބަބުން ސަރުކާރުގެ ސްކޫލްތަކުގެ ޤާއިމުކުރެވިފައި ސްކޫލް ނެޓްވޯކް ތެރޭގައި ހިމެނޭ ހުރިހާ ސްކޫލްތަކަށްވެސް ޕްރިންސިޕަލުންގެ ހިންގުންތެރި ވިސްނުމާއި އާ އީޖަދުތަކާއި ކަންކަން ތަޖުރިބާ ކުރުމުގެ ފުރުޞަތުލިބި، ސްކޫލްތަކުގެ ހިންގުމުގެ ފެންވަރު މަތިވެ، އެ ސްކޫލްތަކުން ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.