ފުވައްމުލައް ސިޓީގެ ރިންގްރޯޑުގެ ތާރު އެޅުމުގެ މަސައްކަތާއި މަގުބައްތި ހަރުކުރުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގެ ރިންގްރޯޑުގެ އެންމެ ފަހުގެ މައުލޫމާތުތައް ވީނިއުސްއާއި ހިއްސާ ކުރައްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ރިންގްރޯޑުގެ ތާރުއެޅުމާއި މަގުބައްތި ހަރު ކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ.

މަގުގެ މަސައްކަތްތަކުގެ ތެރެއިން މަގުގެ ދުވާރުގެ އަރިމަތީ ގާބަރީގެ 69 އިންސައްތައިގެ މަސައްކަތް ނިމިފައިވާ ކަމަށާއި ދުވާރުގެ 5 އިންސައްތައިގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް އާޒިމް ވިދާޅުވެއްޖެއެވެ.

ރިންގް ރޯޑުގައި ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި މަގުގެ ކުރެހުންތަކުގެ މަސައްކަތްތަކާއި މަގުގެ ބަންޕަރުގެ މަސައްކަތް ހިމެނޭ ކަމަށާއި އަމާޒަކީ ރިންގް ރޯޑްގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން އެއްކޮށް ނިއްމާލުން ކަމަށް އާޒިމް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގެ ރިންގް ރޯޑުގެ މަސައްކަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެ ކުންފުންޏާއި އެމަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ މާރޗުމަހުގެ 27 ވަނަ ދުވަހުއެވެ. ރިންގްރޯޑު ތަރައްގީކުރުމުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 17 ވަނަ ދުވަހުއެވެ.

މިއީ ދައުލަތުގެ ބަޖެޓުން 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ފުވައްމުލައް ސިޓީ ރިންގްރޯޑު ތަރައްގީކުރުމުގެ އިތުރުން އެސިޓީގެ އެތެރޭގެ މަގުތައް ހިމެނޭހެން 16 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ރަށުގެ އެތެރޭގެ މަގުތަކުގެ މަސައްކަތް ހަލުވި ކަމާއިއެކު ކުރަމުން އަންނައިރު މަސައްކަތް ނިމޭއިރު ރަށުގެ 31 މަގެއްގެ 15،932 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރެވޭނެ ކަމަށްވެސް އެމްޓީސީސީން ވަނީ މީގެކުރިން ބުނެފައެވެ.