ވީޑިއޯ ގޭމްތަކަށް ލޯބިކުރާ ގިނަ ފަރާތްތަކުން އަބަދުވެސް އެންމެ އިންތިޒާރު ކުރާ އީއޭ ސްޕޯޓްސްގެ ފީފާ ގޭމް ސީރީޒްގެ އެންމެ ފަހުގެ ގޭމް ފީފާ 21ގެ ޕްލެޔާ ރޭޓިންގްސްތައް ދައްކާލައިފިއެވެ.

ފުޓުބޯޅައިގެ މިގޭމްގެ ކުޅުންތެރިންގެ ރޭޓިންގްސް އާންމު ކުރުމާއި އެކު ޕްރޮފެޝަލަން ފުޓުބޯޅަ ކުޅުންތެރިންގެ އިތުރުން ގިނަ ސަޕޯޓަރުންތަކެއް ދަނީ ރޭޓިންގްސްތަކާއިމެދު ހިތްހަމަ ނުޖެހޭކަން ފާޅުކޮށް ގޭމާއި މެދު ނުރުހުން ފާޅުކުރަން ފަށާފައެވެ.

ރޭޓިންގްސް ތަކާއިމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން ބުނާ ގޮތުގައި ކުޅުންތެރިންގެ ފެންވަރާ އެ ކުޅުންތެރިން ދައްކާ ކުޅުމަށް ބަލާ ގޭމުގައި އެ ކުޅުންތެރިންގެ ރޭޓިންގްސް ތައް ހުރީ އިންސާފުވެރި ގޮތެއްގައި ނޫން ކަމަށެވެ.

އެގޮތުން ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ވުރެ ލިވަޕޫލްގެ ޓިފެންޑަރު ވާޖިލް ވެން ޑައިކުގެ އޯވަރޯލް ރޭޓިންގްސް މަތި ވުމަކީ ފުޓުބޯޅަ ބަލާ ފަރާތްތަކަށް ގަބޫލު ނުކުރެވޭނެ ކަމެއް ކަމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި މިކަމަށް ބަހުސް ކުރާ ބައެއް ފަރާތްތަކުން ބުނަމުން ދެއެވެ. އަދި މިހާރުވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުންދާ ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ ރޭޓިންގްސް 4 އަހަރަށް ފަހު ދަށްވުން ބަލައި ނުގަނެވޭނެ ކަމަށްވެސް ބައެއް ފަރާތް ތަކުން ބުނަމުން ދެއެވެ. މެސީގެ އޯވަރޯލް ރޭޓިންގްސް ވަނީ 94ން 93ށް ވެއްޓިފައެވެ.

މިފަހަރުގެ ފީފާ ގޭމްގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ބޮރޫޝިއާ ޑޯޓްމަންޑްގެ ޒުވާން ސްޓްރައިކަރު އާލިން ހާލެންޑް އެވެ. ފީފާ 20 ގައި 73 ގައި އޯވަރޯލް ރޭޓިންގްސް އިން ހާލެންޑް އަށް ފީފާ 21އި ވަނީ 11 ޕޮއިންޓްގެ ކުރިއެރުމެއް ލިބި 84ށް އަރާފައެވެ، މީގެ އިތުރުން ޒުވާން ގިނަ ކުޅުންތެރިން ތަކަކަށްވެސް މިފަހަރުގެ ގޭމުގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. މީގެ ތެރޭގައި ޕީއެފްއޭގެ އަހަރުގެ އެންމެ މޮޅު ޒުވާންކުޅުންތެރިއާގެ މަގާމް ހޯދާފައިވާ ޓްރެންޓް އެލެކްސަންޑްރާ އާނޯލްޑް ހިމެނެއެވެ. އޭނާއަށް ވަނީ 4 ޕޮއިންޓްގެ ކުރިއެރުމެއް ދީފައެވެ.

ފީފާ 21ގައި އެންމެ ބޮޑަށް ރޭޓިންގްސް ދައްވެފައިވާ އެއް ކުޅުންތެރިއަކީ ފީފާ 20 ގައި ރޭޓިންގް އެންމެ މަތި 4 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރެއާލް މެޑްރިޑުގެ ބެލްޖިއަމް ފޯވާޑް އެޑެން ހަޒާޑެވެ. އަނިޔާގެ ގިނަ މައްސަލަތަކަކާއި ހެދި ސީޒަނުގެ ގިނަ މެޗުތަކެއްވެސް ގެއްލިފައިވާ ހަޒާޑް ވަނީ ރޭޓިންގްސް 91ން 88ށް ވެއްޓިފައެވެ. ފީފާ 21ގެ ޓޮޕް 20 ގައިވެސް ހަޒާޑްގެ ނަމެއް ނެތެވެ. ހަޒާޑް ގެ އިތުރުން ލޫކާ މޮޑްރިޗް، ޖޯޖިއޯ ޗިއެލެނީ، އަދި އެންޓޮއިން ގްރީޒްމަން އަށްވެސް ވަނީ ރޭޓިންގްސް ވެއްޓި ޓޮޕް 20 ގައި ހިމެނުމުގެ ފުރުސަތު ގެއްލިފައެވެ.

ފީފާ 21 ރޭޓިންގްސްގެ އެންމެ މޮޅު 10 ކުޅުންތެރިން: (އޯވަރޯލް ރޭޓިންގްސް އެއްވަރުނަމަ ރޭންކިންގް ކަނޑައަޅާނީ ޓެކްނިކަލް ސްޓެޓްސްއަށް ބަލާފައެވެ).

10- ސާޑިއޯ މާނޭ (90)

9- މުހަންމަދު ސަލާހް (90)

8- ކިލިއަން އެމްބާޕޭ (90)

7- ވާޖިލް ވެން ޑައިކް (90)

6- އޮބްލަކް (91)

5- ނޭމާ (91)

4- ކެވިން ޑި ބްރުއިނޭ (91)

3- ރޮބާޓް ލެވަންޑޮސްކީ (91)

2- ކްރިސްޓިއާނޯ ރޮނާލްޑޯ (92)

1- ލިއޮނެލް މެސީ (93).

ފީފާ 21ގެ ރޭޓިންގްސް އާ މެދު ހިތްހަމަ ނުޖެހުނު ނަމަވެސް މިފަހަރުގެ ގޭމުގައި ހިމެނިފައިވާ އައު ފީޗާޒްތަކާއި ގޭމްޕްލޭ އަދި ގްރެފިކްސް ވަރަށް ބޮޑުތަން ރަނގަޅުވާނެ ކަމަށް ގޭމުގެ ޓްރެއިލާ ބެލި ގިނަ ފަރާތްތަކުން ގަބޫލް ކުރެއެވެ. މިގޭމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުއެވެ.