ކޮރޯނާވައިރަސް ޓެސްޓްކިޓް އުފައްދާ ފެސިލިޓީއެއް އިތިއޮޕިއާއިން ގާއިމްކޮށް މަސައްކަތް ފަށައިފިއެވެ.

ޓެސްޓްކިޓް އުފައްދާ ފެސިލިޓީއެއް އިތިއޮޕިއާއިން މި ގާއިމްކުރީ، އެގައުމުގައި ކޮވިޑް-19 ބަލި ފެތުރުން ވަރަށް ބޮޑަށް އިތުރުވެގެން ދިއުމާ ގުޅިގެންނެވެ.

ޓެސްޓްކިޓް އުފައްދާ ފެސިލިޓީއެއް ގާއިމްކޮށް މަސައްކަތް ފެށިއިރު، އިތިއޮޕިއާ ސަރުކާރުން ބުނެފައިވަނީ، ވެކްސިނެއް ތަރައްގީކޮށް އެ ވެކްސިން ޓެސްޓްކުރުމުގެ މަސައްކަތްވެސް އެގައުމުގެ ރިސާޗަރުން މިހާރު ކުރަމުންދާ ކަމަށެވެ.

ކޮވިޑަށް ޓެސްޓްކުރުމަށް އިތިއޮޕިއާގައި ޓެސްޓްކިޓް އުފެއްދުމުގެ މަސައްކަތް ފެށީ، ޗައިނާގެ ކުންފުންޏަކާއެކު ގުޅިގެން ބީޖީއައި ހެލްތު އިތިއޮޕިއާގެ ނަމުގައި އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކުންނެވެ.

އިތިއޮޕިއާއިން މިހާތަނަށް 64،000 އާއި ގާތްކުރާ އަދަދަކަށް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ބަލީގައި މިހާތަނަށް 1،000 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް އިތިއޮޕިއާ ސަރުކާރުން ބުނެއެވެ.

އިތިއޮޕިއާ ސަރުކާރުން މިއަދުވަނީ، ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ 200 މީހަކަށް ފަރުވާ ދިނުމަށް ފީލްޑް ހޮސްޕިޓަލެއްވެސް ގާއިމްކޮށް ހުޅުވާފައެވެ. ހޮސްޕިޓަލް ހުޅުވުމާއެކު ބަލިމީހުން އެޑްމިޓްކުރަން ފަށާފައި ވެއެވެ.

ބަލިމީހުން ހޯދުމަށާއި، ބަލީގެ ހާލަތު ދެނެގަތުމަށް އިތިއޮޕިއާއިން މިހާތަނަށްވަނީ 1.1 މިލިއަނަށްވުރެ ގިނަ ޓެސްޓްތައް ހަދާފައެވެ. އިތިއޮޕިއާ ވެފައިވަނީ އެފްރިކާ ބައްރުންވެސް ތިންވަނައަށް އެންމެ ގިނަމީހުން ޓެސްޓްކުރި ގައުމަށެވެ.