ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ރައީސް އަލްއުސްތަޛް މައުމޫން އަބްދުލް ގައްޔޫމް ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު މިއަދު ދޫކޮށްލައިފިއެވެ.

އެކަން ހާމަކުރައްވާފައިވަނީ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައެވެ.

ޓްވީޓްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ، ކޮވިޑްބަލިން ޝިފާލިބިގެން ހެޔޮހާލުކޮޅުގައި މިއަދު ގެއަށް ވަޑައިގެންފި ކަމަށެވެ. އަދި އެކިއެކި ބަލިބަލި ތަހައްމަލް ކުރަމުންދާ ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއަށް އެދިވަޑައިގެން ރައީސް މައުމޫން ދުޢާ ކުރައްވާފައި ވެއެވެ.

"މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ކޯވިޑް ބަލިން ޝިފާ ލިބިގެން ހެޔޮޙާލުގައި އަޅުގަނޑު މިއަދު ދަރުމަވަންތަ ހޮސްޕިލުން ގެޔަށް އަތުވެއްޖައިން. އެކިއެކި ބަލިބަލި ތަޙަންމުލު ކުރައްވާ ހުރިހާ ބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރަން"
ރައީސް މައުމޫން

ރައީސް މައުމޫން ފަހުން ކުރެއްވި ޓްވީޓެއްގައިވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ މެނޭޖްމަންޓާއި، މެޑިކަލް ސްޓާފުންނާއި، އެހެން ސްޓާފުންގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމަށް ޝުކުރު އަދާކުރާއްވާފައެވެ.

ރައީސް މައުމޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެކަން ހާމަކުރެއްވީ، މިދިޔަ އޮގަސްޓްމަހުގެ 25 ވަނަދުވަހު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ރާއްޖޭގެ ރައީސްކަން 30 އަހަރު ކުރެއްވި ރައީސް މައުމޫނާކީ، ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ ތެރެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި އެންމެ އިސް ލީޑަރެވެ.

ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ ގުޅިގެން ރާއްޖޭގެ އެތައްބަޔަކު ސޯޝަލް މީޑިއާގެ ވަސީލަތްތަކުންނާއި، އެނޫންވެސް ގޮތްގޮތުން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ހެޔޮދުޢާކޮށް، ހެޔޮއެދުމުގެ ޝުއޫރުތައް ފާޅުކުރިއެވެ.

ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި، ސަރުކާރުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި، އެނޫންވެސް ބޭރުގެ ބައެއް ފަރާތްތަކުން ރައީސް މައުމޫނަށް ހެޔޮ ދުޢާކޮށް މެސެޖްތައް ފޮނުއްވިއެވެ.