މަގުބައްތި ޖެހުމުގެ މަޝްރޫއާއެކު ރައްޔިތުން އުފުލި ތަކްލީފުތަކަށް ބޮޑު ލުޔެއް ލިބިގެން ހިނގައްޖެ ކަމަށް ކޮޅުފުށި ކައުންސިލްގެ ރައީސް ހުސެއިން ޝާމިލް ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި މ. ކޮޅުފުށީގައި މަގުބައްތި ޖެހުމުގެ މަޝްރޫއު ނިންމާލުމާއި ގުޅިގެން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ކޮޅުފުށި ކައުންސިލްގެ ރައީސް ހުސެއިން ޝާމިލް ވިދާޅުވީ، މީގެކުރިން ރަށުގައި މަގުބައްތިތައް ނެތް ޒަމާނުގައި ރައްޔިތުން ދިރިއުޅެމުން އައީ ކަނުއަނދިރީގައި ކަމަށެވެ.

މީހުން ދިރިއުޅެމުން އަންނަ ސަރަހައްދުތަކުގައި މީގެކުރިން މަގުބައްތި އެއްގޮތަކަށްވެސް ނުހުންނަ ކަމަށާއި ހަމައެކަނި ގޭގެ އިންފާރުގައި ހަރުކޮށްފަ ހުންނަ ބައްތި ފިޔަވައި އެހެން އެއްވެސް އަލިކަމެއް މަގުގެ ބޭނޫންކުރާ ރައްޔިތުން ނުލިބޭ ކަމަށް ޝާމިލް ވިދާޅުވިއެވެ.

"ކުރިމަތިން ދިހަވަރަކަށް ފޫޓު ދުރުން އަންނަ މީހާއަކީ ކާކުކަމެއްވެސް ނޭގޭނެ. އެންމެ ބޮޑު ދައްޗަކީ އިރުއޮއްސުމަށް ފަހު ކުޑަކުދިން ޚާއްސަކޮށް އަންހެނުން އަދި އުމުރުން ދުވަސްވީ މީހުންނަށް ހިތްހަމަޖެހިގެން އެ ދާން ބޭނުންވާ ތަނަކަށް ދިޔުމުގެ ބަދަލުގަ ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއްގެ ތެރޭގައި އެމީހަކު ހިނގާފަ ދާނީ. ހިނގާފަދާ މީހާވެސް ފޯނުން އަލިކޮށްގެން ނޫނީ ނުދެވޭނެ."
ކޮޅުފުށި ކައުންސިލްގެ ރައީސް ހުސެއިން ޝާމިލް

ރަށަކީ ފެންތިލަ ރަށެއް ކަމުން ފެންބޮޑުވާ ދުވަސްވަރުގައި ވަރަށް ގިނަ މީހުން ސައިކަލުން ވެއްޓި ބޮޑެތި އަނިޔާތައް މީގެކުރިން ވަނީ ލިބިފައި ކަމަށާއި އަދި އުމުރުން ދޮށީ މީހުންވެސް ކައްސާލައިގެން ވެއްޓި އަނިޔާ ލިބޭކަމުގެ ޝަކުވާ ކައުންސިލަށް މީގެކުރިން ލިބިފައި އެބަހުރިކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"މަގުބައްތި ހަރުކުރެވުނީމަ ރައްޔިތުންގެ މިފަދަ ބޮޑެތި އެތައް ކަމެއްގެ ކަންބޮޑުވުންތަކަކަށް ލުޔެއް ލިބިގެން މިދިޔައީ. މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދެއްގައި މިހާރުވާނީ މަގުބައްތި ހަރުކޮށްފަ."
ހުސެއިން ޝާމިލް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެދަށުން ކޮޅުފުށީގައި މަގުބައްތި ޖެހުމަށް ހިންގި މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް މިއަދު ވަނީ ވަރޗުއަލް ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު އަދި ކޮޅުފުށި ކައުންސިލްގެ ރައީސް ހުސައިން ޝާމިލް ބައިވެރިވެވަޑައިގަތެވެ.

1.5 މިލިއަން ދިވެހި ރުފިޔާގެ މިމަޝްރޫއަކީ އިންޑިއާއިން 2019 ވަނަ އަހަރު ދެއްވާފައިވައިވާ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ހިންގުނު މަޝްރޫއެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކޮޅުފުށިގެ މަގުތަކުގައި މަގުބައްތި ޖެހުމުގެ މަޝްރޫއަކީ އެރަށުގެ ރައްޔިތުންނަށް ވަރަށް މުހިއްމު ޕްރޮޖެކްޓެއް ފާހަގަކުރައްވައި، އެކަމަށް ބޭނުންވާ އެހީ ހަމަޖައްސަވައި ދެއްވިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮޅުފުށީގެ މަތުގަތައް އަލިކުރެވުމުން، އެރަށުގައި ހިންގާ ކުށްތައް މަދުކުރެވި، ރަށުގެ ރައްޔިތުންނަށް މަގުތައް ބޭނުންކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދެއްވާފައިވާ 106 މިލިއަން ރުފިޔާގެތެރެއިން ހިންގާ މަޝްރޫއުތައް މެނޭޖްކުރަމުންދަނީ މަޝްރޫއު ހިންގާ ރަށްތަކާއި، ސަރުކާރުގެ އިދާރާތައް ގުޅިގެންނެވެ.