ގެސްޓްހައުސް މެއިންޓަނެންސަށް ހާއްސަކޮށްގެން ސްޓިމިއުލަސް ޕެކޭޖެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޒޫމް މެދުވެރިކޮށް ގެސްޓްހައުސް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު، ޓުއަރިޒަމް މިނިސްޓްރީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެ މިނިސްޓްރީން ގެސްޓްހައުސްތަކަށް ކޮށްދެވިދާނެ ކަންކަމާއި ގުޅޭގޮތުން ގިނަ ވާހަކަތަކެއް ވަނީ ދައްކާފައެވެ.

ޓުއަރިޒަމް މިނިސްޓަރު ވިދާޅުވީ ގެސްޓްހައުސްތަކުގެ މެއިންޓޭނަންސަށް ހާއްސަކޮށްގެން ސްޓިމިއުލަސް ޕެކޭޖެއް ތައާރަފު ކުރުމުގެ މަސައްކަތް އެމިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

މީގެއިތުރުން ފެން ބިލާއި ކަރަންޓުބިލު ފަދަ ބިލުތައް ދެއްކުމަށް ގެސްޓު ހައުސްތަކަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިބައްދަލުވުމުގައި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު އެސިނާއަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އަދި އެސިނާއަތަށް ދިމާވެފައިވާ ކަންބޮޑުވުންތައް ޓޫރިޒަމް މިނިސްޓަރާ ހިއްސާކޮށްފައި ވެއެވެ.

ގެސްޓުހައުސްތައް ހުޅުވަން އަންނަމަހު 15 ގައި ހަމަޖެހިފައިވީ ނަމަވެސް މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް އަންނަމަހު 15 ގައި ނުހުޅުވަން ވަނީ ނިންމާފައެވެ.

މާލެ ސަރަހައްދުގައި ގެސްޓުހައުސްތައް ހުޅުވަން ގޮތެއް ނިންމާނީ ކޮވިޑް ކޭސްތައް ފަހެއް އިންސައްތަ ދަށްވުމުން ކަމަށް މިނިސްޓަރ މައުސޫމް ވަނީ ވިދާޅުވެފައެވެ.

ކޮވިޑާ ގުޅިގެން ހަތަރުމަސް ވަންދެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ޓޫރިޒަމް މުޅިން ހުއްޓާލާފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވައިލީ މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ.

އެހެންނަމަވެސް އެތާރީހުން ފެށިގެން ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް، ހުޅުވަން ހުއްދަ ދީފައިވަނީ މީހުން ދިރިނޫޅޭ ރަށްރަށުގައި ހިންގާ ރިސޯޓު، ހޮޓާފަދަ ތަންތަނަށެވެ.