މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 402،089 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް ރާއްޖެއަށް 402،089 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 65.1 އިންސައްތަ ދަށް އަދަދެކެވެ.

މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުުރުވެރިން ޒިޔާރާތް ކޮށްފައިވަނީ އިޓަލީ ވިލާތުންނެވެ. އެގޮތުން އެގައުމުން ޖުމްލަ 45،169 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވާ އިރު މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 11.5 އިންސައްތަ އެވެ.

ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އިންޑިއާއިން ޒިޔާރާތްކުރިއިރު، އެގައުމުން 35،000 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފަ އެވެ. މިއީ ޖުމްލަ ފަތުރުވެރިންގެ 8.9 އިންސައްތަ އެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާ މިފަހަރު އޮތީ ލިސްޓުގެ ތިން ވަނައިގައެވެ. އެގޮތުން ޗައިނާއިން 33،939 ފަތުރުވެރިން ޒިޔާރާތްކުރިއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 8.7 އިންސައްތަ އެވެ.

މިއަހަރުގެ މިހާތަނަށް ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެގައުމުން 33،789 ފަތުރުވެރިން ޒިޔާރާތްކުރިއެވެ.

މީގެއިތުރުން ރަޝިއާ އިން 29،424 ފަތުރުވެރިން، ޖަރުމަންވިލާތުން 28،678 ފަތުރުވެރިން، ފަރަންސޭސިވިލާތުން 22،144 ފަތުރުވެރިން، އެމެރިކާ އިން 12،277 ފަތުރުވެރިން، ސްވިޒަލޭންޑުން 9،291 ފަތުރުވެރިއަކު ޒިޔާރަތްކުރިއިރު ޖަޕާނުން 8،324 ފަތުރުވެރިން ވަނީ މިއަހަރުގެ މިހާތަނަށް ޒިޔާރާތްކޮށްފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ހަތަރުމަސް ވަންދެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ފަތުރުވެރިކަން މުޅިން ހުއްޓާލާފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވައިލީ މިއަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. އެއަށްފަހު ބޭރުގެ ބައެއް އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، ބޭރުގެ އިތުރު އެއާލައިން ތަކުންވެސް ރާއްޖެއަޒް ދަތުރުތައް ފެށުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.