ފަރުވާއެއް މިހާތަނަށް ހޯދިފައިނުވާ ކޮވިޑު-19 މިވަނީ މުޅި ދުނިޔެ ހުއްޓުވާލާފައެވެ. އެއް ގައުމުން އަނެއް ގައުމަށް، އެއް ރަށުން އަނެއް ރަށައް، އަދި އެއް އަވަށުން އަނެއް އަވަށައް ދަތުރުކުރުން މިވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. އެމީހަކު ހުރި ތަނެއްގައި ބަންދުވެވިގެން ތިބެން މަޖްބޫރުވެފައެވެ. މިއީ އެތައް ބަޔަކަށް ބޮޑު ހިތްދަތިކަމެކެވެ.

މިދިޔަ އެޕްރީލްމަހު މާލެއިން ކޮވިޑު-19 ގެ ފުތަރަމަ ބަލިމީހަކު ފެނުމާއެކު މާލެ ފުރަބަންދު ކުރިއެވެ. އެތައް ހާސްބަޔަކު މާލޭގައި ބަންދުވެ، އެތައް ބަޔަކު ހާލުގައި ޖެހުނެވެ. އަމިއްލަ ރަށަށް ނުދެވި މާލޭގައި އެއްބަޔަކު ބިކަވިއިރު އަނެއް ބަޔަކު އެތިބީ ރަށު ބަންދުގައި ތާށިވެފައެވެ.

ކޮވިޑު-19 އާއެކު އެތައް ބައެއްގެ ވަޒީފާ މިވަނީ ގެއްލިފައެވެ. ރިސޯޓުތަކުގައި ވަޒީފާ އަދާކުރި އެތައްބަޔަކު އަމިއްލަ ރަށުގައި ބިކަވެފައެވެ. ރަށުގައި ކުރާނެ ކަމެއްނެތި ރަށު ބަންދުގައެވެ.

ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހާއްސަ ހުއްދައަކާއެކު މާލެއިން ރަށްތަކަށް ދަތުރުކުރާ އެންމެން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހުނަސް، މިބަލި ރަށްރަށުގައި ފެތުރިދާނެކަމުގެ ބިރުވެސް އެހާމެ ބޮޑެވެ. މި ބިރާއެކު އެތައްބަޔަކު ތިބެންޖެހެނީ ގޭބަންދުވެ، ރަށު ބަންދުވެފައެވެ.

ރަށުގައި ތިބެ އަމިއްލަ މަސައްކަތްކޮށް އުފައްދާ ތަކެތި މާލެ ވިއްކައި ނަފާ ހޯދަމުން އައި އެތައްބަޔަކު މިއަދު މިތިބީ އެމަސައްކަތް ހުއްޓި އާމްދަނީ ލިބޭނެ ގޮތެއް ނެތިފައެވެ. އެމީހުން ކާންބޯން ކުރި މަސައްކަތުގެ އަގެއް މިދުވަސްވަރަކު ނެތެވެ. އެެހެންވެ އެފަދަ މީހުން އެތިބީ މަސައްކަތް ހުއްޓި ރަށު ބަންދުވެފައެވެ.

ވިސްނަންޖެހޭ ކަމަކީ ވެރިރަށާއި އެހެން ރަށްރަށް ވަރަށް ތަފާތުކަމެވެ. ވެރިރަށުގެ އާބާދީ ބޮޑުވުމާއި، ވިޔަފާރީގެ ހަރަކާތްތައް ގިނަކަމުން ރަށްރަށަށް ވުރެ ގިނަ ގޮތްގޮތް އާންމުންނަށް ތަނަވަހެވެ. ވަޒީފާވެސް ގިނައެވެ.

ރަށްރަށާއި މާލެއާ އޮތް ވިޔަފާރީގެ ގުޅުމަކީ، ރަށްފުށުގެ ދިރިއުޅުމުގެ އެއް ބައެވެ. އަނެއް ބަޔަކީ ރިސޯޓްތަކާއެކު ދަމަހައްޓަމުން އަންނަ ވިޔަފާރީގެ ފުރުސަތުތަކެވެ. އެކަމަކު ޓޫރިޒަމް ހުއްޓުމުން އެ ފުރުސަތުތައް މިހާރު މިވަނީ ގެއްލިފައެވެ. އޭގެ މާނައަކީ ރަށުގައި އުފައްދާ އެއްޗެއް ވިއްކައިގެން، މަހަށް ގޮސްގެން، ކުނިކެހުން ފަދަ ކަންކަމުގައި ބައިވެރިވެގެން ހޯދަމުން އައި އާމްދަނީ ލޯމަތިން ގެއްލުމެވެ.

އެ ރައްޔިތުންނަށް ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟ އެންމެ އަސާސީ ކަންކަންވެސް ފުއްދާނީ ކިހިނެއް ހެއްޔެވެ؟ މީހެއްގެ ކައިރިއަށް ސަލާން ޖަހަން ނުގޮސް ތިބެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

މި ސުވާލުތަކަށް ސީދާ ޖަވާބެއް ނެތެވެ. އެކަމަކު މި ދަތި ހާލަތުގައި ކޮންމެ މީހެއްގެ ހިތަށްވެސް މިފަދަ ސުވާލުުތައް އަރައި ފައިބާނެއެވެ. ޖަވާބެއް ވިސްނޭތޯ އުޅޭނެއެވެ. އެކަމަކު ސީދާ ޖަވާބެއް ލިބުމަށް ވުރެ، ދެމިގެންމިދާ އަނދިރިކަން އަދިވެސް ފެންނަނީ ބޮޑުކޮށެވެ.

ކޮވިޑު-19 އާ އެކު ކުރިމަތިވި "ރަށު ބަންދަކީ" ވޭނަކަށް ވެގެން މިއުޅެނީ، މިހާރު މިދާގޮތުން ކުރިމަގާ މެދު ސީދާ ކަށަވަރުކަމެއް ނެތުމުންނެވެ. ނަމަވެސް މިފަދަ ކޮންމެ ކަމެއް "އޯކޭއަކުން" ބައެއް މީހުން ފުއްދާލަފާނެއެވެ. އެއީ ވަށައިގެން އޮތް ސާފު ސަބަބުތައް ކިތައްމެ ރަނގަޅަށް އެނގުނަސް، އެކަން ނުދަންނަ ކަމަށް ހަދައިގެންއުޅޭ މީހުންނެވެ. އެއީ ކިތައްމެ ސީރިއަސް ކަމެއްވެސް ކަމަކަށް ނުހަދާ މީހުންނެވެ.

ރާއްޖެ މިއޮތް ހާލަތުގެ އަސްލު ބޮޑު މަންޒަރަކީ، ގިނަ މީހުން ތަހައްމަލްކުރަމުން މިގެންދާ ވޭނެވެ. އެހެންކަމުން މި ވޭން، މި ހުއްޓުން، އަދި މި ބަންދު އެއްގޮތަކަށްވެސް "އޯކޭއެއް" ނޫނެވެ. އޯކޭ ވާން ޖެހޭނީ، މިކަމުން ސަލާމަތްވެ، އެންމެންނަށް ވެސް މިނިވަންކަމާއެކު އުޅެ، ބިރެއް ނެތި މަސައްކަތްކުރެވި، އާމްދަނީގެ ދޮރުތައް ހުޅުވިގެންނެވެ. އެކަން ވާންއޮތީ އެންމެން ގުޅިގެން، އެންމެންގެވެސް ފަރުދީ ޒިންމާ ނަގައިގެންނެވެ. "ކޮވިޑު ހުއްޓުވާނީ އަހަރެން" ކަމަށް ކަނޑައަޅައި، އެ މަގުން އަޒުމަކާއެކު ހިނގައިގެންނެވެ.

ނޯޓު: މިއީ، ދިވެހި މީޑިއާ ގުޅިގެން ކުރިއަށްގެންދާ "ކޮވިޑް ހުއްޓުވާނީ އަހަރެން" މި ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.