މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އޮގަސްޓު މަހު ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 97.6 އިންސައްތަ އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިރާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޯގަސްޓު މަހު އެއޮތޯރިޓިން ވަނީ 1.71 ބިލިއަން ރުފިޔާ ބަލައިގަނެފައެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 97.6 އިންސައްތައިގެ އިތުރު އަދަދެއް ކަމަށް މީރައިން މައުލޫމާތުދެއެވެ.

މީރާއިން ބުނީ، އޮގަސްޓު 2019 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓު މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ގިނަ ސުންގަޑިތައް، ކޮވިޑް-19 އާ ގުޅިގެން، އޮގަސްޓު މަހަށް ލަސްކޮށްފައިވުމެވެ. އެގޮތުން، ބޭންކް ޕްރޮފިޓް ޓެކްސް، 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ، 2019 ވަނަ އަހަރުގެ ބީ.ޕީ.ޓީ ފައިނަލް ޕޭމަންޓް އަދި 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ފުރަތަމަ އިންޓަރިމް ޕޭމަންޓް އޮގަސްޓު މަހަށް ލަސްކުރި ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ މި ސުންގަޑިތަކަކީ 2019 ވަނަ އަހަރު ކުރީ މަސްތަކުގައި އައިސްފައިވާ ސުންގަޑިތަކަށް ވުމުން، މިދިޔަ އަހަރުގެ އޮގަސްޓު މަހު މި ސުންގަޑިތަކުގެ ފައިސާ ބަލައިގަނެފައިނުވުމުން، އޮގަސްޓް 2019 އާ އަޅައިބަލާއިރު އޮގަސްޓު 2020 ގެ އާމްދަނީ އިތުރުވެފައިވާ ކަމަށެވެ. މީގެ އިތުރުން، ލީސް ޕީރިއަޑް 99 އަހަރަށް އިތުރުކުރުމަށްޓަކައި ދައްކަންޖެހޭ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ވެސް މި މުއްދަތުގެ ތެރޭގައި ލިބިފައިވުމަކީ ވެސް މި އަހަރުގެ އޮގަސްޓު މަހުގެ އާމްދަނީ އިތުރުވެފައިވާ ސަބަބެކެވެ.

އޮގަސްޓު 2020 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހެވެ. އެއީ 46.0 އިންސައްތަ ނުވަތަ 783.76 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީ އިންނެވެ. އެއީ 27.8 އިންސައްތަ ނުވަތަ 474.57 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ޖީ.އެސް.ޓީގެ ގޮތުގައި 293.91 މިލިއަން ރުފިޔާ، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.93 މިލިއަން ރުފިޔާ، ރެސިޑެންޝަލް ޕަރމިޓްގެ ގޮތުގައި 21.49 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 54.96 މިލިއަން ރުފިޔާ ހިމެނޭ ކަމަށް މީރަގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީރާއިން ބުނީ އޮގަސްޓު 2020 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 21.67 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.