އައްޑޫސިޓީގެ ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢު ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރެވިފައިވަނީ 11 ސެޕްޓެމްބަރ 2019 ގައެވެ.

މި މަޝްރޫޢުގެ ދަށުން 8103 އަކަ މީޓަރު ސަރަޙައްދެއްގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވިފައިވެއެވެ. އަދި ފުޓްބޯޅަ ދަނޑު ވަށައިގެން ޕޭވްމަންޓް ހަދައި ނިންމާފައިވެއެވެ. މި މަސައްކަތުގެ ދަށުން ދަނޑުގެ ވެލިގަނޑު އެއްވަރު ކުރުމާއި، އަޑީގައި ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތްވެސް ވަނީ ކުރެވިފައެވެ. މި މަޝްރޫޢަކީ 2.49 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޓުބޯޅަ ދަނޑު އެޅުމުގެ މަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށް ގިނަ ރަށްރަށެއްގައި ވަނި މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އެގޮތުން ނ.ހޮޅުދޫ އާއި ފ.ނިލަންދޫ އާއި ނ.ކެނދިކުޅުދޫ އާއި ތ.ވިލުފުށީ ދަނޑުގެ މަސައްކަތް ނިންމާލާފައިވާއިރު ބައެއް ދަނޑުތަކުގެ ސަބް ބޭސް ނުވަތަ ބިން އެއްވަރުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިޔަށެވެ.