ތޮއްޑޫ ކައުންސިލްގެ ދެވަނަ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ބަޑީ ސްކޮޑް ހޯދައިފި.

ބަޑީ ސްކޮޑް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި ވަރިހަމަ ޓީމުގެ މައްޗަށް ހަތަރު ގޭމް ދެ ގޭމުން ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗް ނިމުމުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހެމާން ތޮއްޑޫ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އިބްރާހިމް ވަޙީދުއެވެ.

މި މުބާރާތަކީ ތޮއްޑޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ދެވަނަ މުބާރާތެވެ. މި މުބާރާތަކީ ތޮއްޑޫގައި ބެޑްމިންޓަންގެ ރޫޙު އާލާކޮށް ޤައުމީ ފެންވަރުގައި ބެޑްމިންޓަން ކުޅޭނެ ރަނގަޅު ކުޅުންތެރިންތަކެއް ބިނާކޮށް ބެޑްމިންޓަން ކުޅޭހިތްވާ ދެ ޖިންސުގެ ޒުވާނުންނަށް އެ ފުރުޞަތު ހޯދައިދިނުމުގެ ބޭނުމުގައި ބޭއްވި މުބާރާތެއް ކަމަށް ތޮއްޑޫ ކައުންސިލުން މަޢުލޫމާތުދެއެވެ.

މިމަހުގެ ތިނަކުން ތޭރައިގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން 52 ކުޅުންތެރިން ބައިވެރިވެފައިވާކަމަށް ތޮއްޑޫ ކައުންސިލުން މަޢުލޫމާތުދެއެވެ.