ހަމަސް ފަހުން އިންޑިއާ ޕާލަމެންޓް ޖަލްސާއެއް ބާއްވައިފިއެވެ.

ޕާލަމެންޓް ޖަލްސާ މިއަދު ބޭއްވިއިރު ޖަލްސާއަށް ހުރިހާ މެމްބަރުންވެސް ވަޑައިގެންނެވީ މާސްކް އަޅުއްވައިގެންނެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ހުންނެވީ މާސްކް އަޅުއްވައިގެންނެވެ.

މެމްބަރުން މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވިއިރު، ޖަލްސާކުރާ މާލަމުގައި ހުރީ، އެއް މެމްބަރަކާއި އަނެއް މެމްބަރަކާ ދެމެދު ވަކިވާގޮތަށް ބިއްލޫރި ޕާޓިޝަންތައް ޖަހާފައެވެ.

މިއީ، ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެގޮތުން ފަރުވާކުރެވުނު ގޮތެއް ކަމަށް މީޑިއާއިން ބުނެފައި ވެއެވެ.

ޕާލަމެންޓް ދެ ގޭގެ ޖަލްސާތައް ދެ ގަޑިއެއްގައި ބާއްވާގޮތަށްވެސް މިހާރުވަނީ ނިންމާފައެވެ.

އެގޮތުން، ޕާލަމެންޓް ދަށުގޭގެ ޖަލްސާތައް ހެނދުނު އަދި ޕާލަމެންޓް މަތިގޭގެ ޖަލްސާތައް މެންދުރުފަހު ބާއްވާ ގޮތަށްވެސް މިހާރުވަނީ ނިންމާފައެވެ.

ޕާލަމެންޓް ޖަލްސާ ފެށުމުގެކުރިން މީޑިއާއާ ވާހަކަ ދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ، ކޮވިޑް ބައްޔަށް އެއްވެސް ބޭހެއް އަދި ހޯދިފައި ނެތުމުން އެއްވެސް ކަމެއްގައި ފަރުވާކުޑަކޮށްލެވެން ނެތް ކަމަށެވެ.

"ދުނިޔޭގެ ކޮންމެ ހިސާބަކުން އައި ކަމުގައިވެސް އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް އަވަހަކަށް ވެކްސިނެއް ލިބުން" މޯދީ

ހަމަސްފަހުން ޕާލަމެންޓްގެ ޖަލްސާއެއް މިއަދު ބޭއްވިއިރު، ބޮޑުވަޒީރު މޯދީގެ އެންމެ އަރިސް ބޭފުޅާ އަދި ހޯމް މިނިސްޓަރ އަމިތު ޝާހް ޖަލްސާގައި ވަޑައިގެން ނެތެވެ.

ކޮވިޑަށް ޕޮޒިޓިވް ވެގެން އަމިތު ޝާހް ނިމިގެންދިޔަ އޮގަސްޓްމަހުގެ ގިނަ ދުވަސްތައް ހޭދަކުރެއްވީ ހޮސްޕިޓަލުގައެވެ. ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް، ހަފްތާ ބަންދުގައި އަނެއްކާވެސްވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

ހޮސްޕިޓަލުން ބުނެފައިވަނީ ހޯމް މިނިސްޓަރ އަމިތު ޝާހް އަލުން އެޑްމިޓްކުރީ މެޑިކަލް ޗެކަޕެއް ހަދަން ކަމަށެވެ.

ކޮވިޑް ބަލީގެ ހާލަތު އިންޑިއާގައި ހައްތަހާ ގޯސްވަމުންދާއިރު، މިއަދު އެކަނިވެސް އިންޑިއާއިން 90،000 އަށްވުރެ ގިނަމީހުން ޕޮޒިޓިވް ވެފައި ވެއެވެ. އިންޑިއާއިން ބަލިޖެހުނު މީހުންގެ އަދަދު މިހާރުވަނީ 5 މިލިއަނާ ގާތްކޮށްފައެވެ.