މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ދިވެހިރާއްޖޭގެ "މަލްޓި ހަޒާރޑް އެޓްލަސް" އިފްތިތާހުކޮށްފިއެވެ.

މި އެޓްލަސް އިފްތިތާހުކޮށްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން މިކަމަށް ހައްސަކޮށް ބޭއްވި ވަރޗުއަލް ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑ.ރ ހުސެން ރަޝީދު ހަސަން ވިދާޅުވީ މިއެޓްލަސް ގެ ސަބަބުން، ތަރައްޤީގެ އެއި މަޝްރޫއުތަކާއި ބެހޭ ނިންމުންތައް ނިންމުމުގައި، ދިރާސާތަކުގެ މައްޗައް ނުވަތަ އެވިޑެންސްބޭސްޑް ޑެސިޝަން ނެގުމުގައި އެހީތެރިވެދޭނެ ކަމަށެވެ.

މީގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި، ގުދުރަތީ އެކިއެކި ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި، މާލީ އެހީދޭ ފަރާތްތަކުން ފޯރުކޮށްދޭ އެހީ އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރެވިގެންދާނެ ކަމުގެ ޔަޤީންކަން އެފަރާތްތަކަށް އިތުރުކޮށްދެވޭނެ ކަމަށްވެސް މިނިސްޓަރ ހުސެއިން ރަޝީދު ވަނީ ވިދާޅުވެފައެވެ.

މި އެޓްލަސްއަކީ އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ފަންނީ އެހީ އާއިއެކު، "ކްލައިމެޓް ރިސްކް ސްކްރީނިންގ ފޯރ މެއިންސްޓްރީމިންގ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން އިންޓު ޑިވެލޮޕްމަންޓް އެކްޓިވިޓީސް އެންޑް ޕޮލިސީސް" ޕްރޮޖެކްޓްގެ ދަށުން ދިރާސާކުރެވި ތައްޔާރުކުރެވިފައިވާ އެޓްލަސްއެއް ކަމަށް އެންވަޔަަރަންމަންްޓުް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މި އެޓަލަސްގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ، ތަރައްޤީގެ އެކިއެކި މަޝްރޫއުތައް ބައްޓަންކުރުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އަދި ގުދުރަތީ އެކިއެކި ކާރިސާތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން، މަޝްރޫއުތައް ފަރުމާކުރުމުގައި އެހީތެރިވެދޭނެ މައުލޫމާތުތައް ކަމަށެވެ.

މިއެޓްލަސް ތައްޔާރު ކުރެވިފައިވަނީ ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމް (ޖީ.އައި.އެސް) ޕްލެޓްފޯމެއްގެ މައްޗަށެވެ. އަދި މި މައުލޫމާތު އާއްމުކޮށް ލިބޭނެގޮތަށް އޮންލައިން ކުރުމަށް މަސައްކަތް ކުރަމުންގެންދާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ. އެޓަލަސްގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް މިހާރުވެސް ލިބެން ހުންނާނެއެވެ.