މި އަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށްޓަައި "މޯލްޑިވްސް ޔޫތު ކޭމްޕް 2020" ގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ޒުވާނުންނަށް ހުޅުވާލައިގެން ވާޗުއަލްކޮށް ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ އަންނަ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހަކީ މިއަހަރުގެ ގައުމީ ޒުވާނުންގެ ދުވަސްކަމަށް ވާތީ ކުލަގަދަ ގޮތެއްގައި މި ދުވަސް ފާހަގަކުރުމަށްޓަކައި އެމިނިސްޓްރީއާއި އެހެނިހެން ފަރާތްތައް ގުޅިގެން ތަފާތު އެކި ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާކަމަށެވެ. އެގޮތުން ބޭއްވުމަށް ނިންމި މި ކޭމްޕްގެ މައިގަނޑު މަޤްސަދަކީ ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ޒުވާނުން ބާރުވެރިކުރުމާއި، ޒުވާނުންނާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމުގައި ޒުވާނުންގެ އިސްނެގުމާއި، ބައިވެރިވުން އިތުރުކުރުންކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޭމްޕްގެ ޝިޢާރަކީ " ޔޫތު، ޕީސް އެންޑް ސެކިއުރިޓީ" އެވެ. އަދި މިކޭމްޕް ނިންމުމުގެ ގޮތުން "މޯލްޑިވްސް ޔޫތު ކޭމްޕް 2020" ގެ ޤަރާރެއް އެކުލަވައިލެވި އެ ޤަރާރު ސަރުކާރާއި ޙިއްސާކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މިކޭމްޕްގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ގޫގްލް ފޯމް ލިންކް: https://forms.gle/v4T1NRFr5nx6voFB9 މެދުވެރިކޮށް ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 13 އާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ.