ކޮވިޑް-19 އާއި ގުޅުންހުރި މަސައްކަތްތަކަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ވޮލަންޓިއަރުން ހޯދަން ފަށައިފިއެވެ.

މިކަމާއި ގުޅިގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނެއްގައި ވޮލަންޓިއަރުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހޮސްޕިޓަލަށް އަންނަ މީހުން މޮނިޓަރ ކުރުމާއި، އަދި ފްރަންޓްލައިންގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މި ހުރިހާ ކަމަކަށް ބޭނުންވާ ތަމްރީނު ދެވޭނެ ކަމަށްވެސް އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނެއެވެ.

ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، އެމީހުންގެ ސީވީ އެހޮސްޕިޓަލަށް މެއިލްކުރުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުން މިވަގުތު ވޮލަންޓިއަރުން ހޯދަން އިއުލާނުކޮށްފައިވަނީ ހޮސްޕިޓަލުގައި ސްޓާފުންގެ ދަތިކަން ހުރުމުގެ ސަބަބުން ކަމަށެވެ.

އައްޑޫގައި މިވަގުތު ކޮވިޑް-19 ގެ އެކްޓިވް ކޭސްއެއް ނެތެވެ. އެހެންނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އެ ހޮސްޕިޓަލުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބަލިމީހުންނަށް ޒިޔާރަތްކުރުން މެދުކަނޑާލައި، ބަލި މީހުން ޑޮކްޓަރަށް ދައްކަން އަންނައިރު ގިނަވެގެން ގެނެވޭނީ 1 އެހީތެރިއަކު ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ޑޮކްޓަރަށް ދައްކަން ނޫން ގޮތަކަށް ކުޑަކުދިން ހޮސްޕިޓަލަށް ވެއްދުން މަނާކުރުމާއި، އަދި ހޮސްޕިޓަލަށް ވަނުމުގެ ކުރިން ހުން ބެލުން ފަދަ ކަންކަން ހިމެނެއެވެ.