ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތިން ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ތިން ސްކޫލެއް އަޅައިިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައިވާއިރު، ބަޔަކު ހޯދަނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުންނެވެ. އަދި މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތް ހޯދުމުގެ މަސައްކަތް ކުރިއަށްގެންދަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ހުލުމާލެގެ ދެވަނަ ފިޔަވަހީގައި ތިން ސްކޫލެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ މި މަސައްކަތުގެ ދަށުން ކޮންމެ ސްކޫލެއް އިމާރާތްކުރުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 850،000ރ. ހުށަހަޅަންޖެހޭ ކަމުގައެވެ. ބިޑް ސެކިއުރިޓީ ހުށަހެޅުމުގެ މުއްދަތަކީ ބޮޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ކަނަޑައަޅާފައެވެ.

މީގެއިތުރުން ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް، ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1500ރ. ހުށަހަޅަންޖެހެއެވެ. މި ފައިސާ ބަލައިގަތުން ހަމަޖައްސާފައިވަނީ މިއަދުން ފެށިގެން އޮކްޓޫބަރު 19 ގެ ނިޔަލަށެވެ. އަދި ބީލަން ހުޅުވުން އަންނަ މަހުގެ އަންނަ މަހުގެ 20 ވަނަ ދުވަހަށް ހަމަޖައްސާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 ފަންގިފިލާގެ 7000 ފްލެޓު އަަޅައި ނިމި، އެތަނުގައި މީހުން އާބާދުވާއިރު އެތަނުން އަސާސީ ތައުލީމުގެ ހިދުމަތް ލިބެން ހުރުން ވަރަށް މުހިއްމުކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ މީގެ ކުރިން ވިދާޅުވެފައިވެއެވެ. އަދި މާލެ ސަރަހައްދުގައި އާބާދި އިތުރުވާ މިންވަރަށް ބަލައި، ކުރިއަށް އޮތް އަހަރުތަކުގައި ސްކޫކްތައް އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާނެ ކަމަށް މިނިސްޓަރ ޑރ. އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.