ދިމުޤްރާތީ ނިޒާމެއް ހަރުދަނާކަމާއެކު ދެމެހެއްޓުމަށްޓަކައި، ނިޒާމްގެ އަސާސްތަކަށް އިހްތިރާމްކުރާ ރައްޔިތުންތަކެއް އުފެއްދުން މުހިންމު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން މިހެން ބުނެފައި މިވަނީ ދުނިޔޭގެ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ދިމުޤްރާތީ ނިޒާމެއް ހަރުދަނާކަމާއެކު ދެމެހެއްޓުމަށްޓަކައި، ދިމުޤްރާތީ ނިޒާމްގެ އަސާސްތަކަށް އިހްތިރާމްކުރާ ރައްޔިތުންތަކެއް އުފެއްދުން މުހިންމު ކަމަށެވެ.

ރައްޔިތުންގެ މެދުގައި ކަމާގުޅޭ އެކަށީގެންވާ މައުލޫމާތާއި، ހުނަރުތަކާއި، ސިފަތަކާއި ގަބޫލުކުރުންތައް އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި ހޭލުންތެރި އަދި ޒިންމާދާރު ރައްޔިތަކު ބިނާކުރުމަށާއި، ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ޑިމޮކްރަސީއާއި ތަރައްގީއާއި ހަމަޖެހުން ވާރުތަކޮށްދިނުމަށްޓަކައި މިމަސައްކަތް އިތުރަށް ހަރުދަނާވެ ފުޅާވާންޖެހޭ ކަމަށެވެ.

އެހެންކަމުން، ލިބިފައިވާ ޑިމޮކްރެސީގެ ފޮނިމީރުކަން ބޭނުންކުރާއިރު، ހައްގުތަކާ އެކުއެކީގައި ޒިންމާތަކެއްވެސް ވާކަން ގަބޫލުކުރަން ޖެހޭކަން ފާހަގަކޮށް ކޮމިޝަންގެ ބަޔާނުގައި ވަނީ، ތިމާއަށް ލިބޭ ހައްގެއް ބޭނުންކުރުމުގައި އަނެކާއަށް ކުރާނޭ އަސަރު ދެނެގަންނަންޖެހޭ ކަމަށެވެ.

"މުޖްތަމައަކީ އެއްބަޔެއްގެ ގޮތުގައި ތަރުބިއްޔަތުވެ، އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ކުރުމުގެ ރަނގަޅު ސިފަ މުޖްތަމައުގައި އަށަގެންނެވުމަކީ އެންމެންގެ ޒިންމާއެއް."
އިލެކްޝަންސް ކޮމިޝަން

ޒަމާނީ ޑިމޮކްރަސީއަކީ ރައްޔިތުންގެ ބާރު ކަމަށާއި ދިވެހިރާއްޖޭގެ އައު ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ވަނީ ރައްޔިތުންގެ ބާރު ކަށަވަރުކޮށްދީ، އަސާސީ ހައްގުތައް ރައްކާތެރިކޮށްދީފައި ކަމަށް ކޮމިޝަންގެ ބަޔާނުގައިވެއެވެ.

އަދި ޒަމާނީ ޑިމޮކްރަސީ ނިޒާމެއްގައި، ދައުލަތް ހިންގުމުގައި، ވެރިކަން ކުރުމުގެ ބާރާއި، އަދުލުއިންސާފު ގާއިމް ކުރުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރު ވަކިކުރެވިފައި އޮންނަންޖެހޭއިރު، ދިވެހިރާއްޖެ ޑިމޮރެސީއަށް ކުރާ ދަތުރުގައި، ތިންބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމުން، ރާއްޖެއިންދަނީ ވަރަށް މުހިންމު ތަޖްރިބާތަކެއް ކުރަމުންކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އެގޮތުން، ސަރުކާރު ހިންގުމުގެ ބާރާއި އަދި ގާނޫނުތައް ހެދުމުގެ ބާރުގައި ތިބޭ ފަރާތްތަކަކީ ރައްޔިތުންގެ ތާއީދާއެކު އިންތިޚާބުވެގެން އަންނަބަޔެއް ކަމަށާއި އެހެންކަމުން، ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، މިނިވަންކަމާއެކު، އިންސާފުވެރި ގޮތެއްގައި އެމަގާމުތަކަށް މީހުން އިންތިޚާބުކުރުމުގެ ބުރަ ޒިންމާއަކީ އިލެކްޝަންސް ކޮމިޝަނުން އުފުލަމުން ގެންދާ ޛިންމާއެއް ކަމަށް އެ ކޮމިޝަނުން ދެކެއެވެ.

"ރާއްޖޭގައި، ބޭއްވޭ އިންތިޚާބުތަކަކީ ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބުތަކެއް ކަމުގައިވާންޖެހޭ. އަދި އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ހުރިހާ އެންމެން ބައިވެރިވުމީ ޤައުމުގެ މުސްތަގުބަލަށާއި ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް. އެހެންކަމުން، މިނިވަން އަދުލުވެރި އިންތިޚާބުތައް ގައުމުގައި ބޭއްވެންޖެހޭ. މިނިވަން މިމާނަކުރެވެނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުރިހާ ޕާޓީތަކަށާއި ވަކިވަކި ފަރުދުންނަށް ލިބުމާއެކު އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ބޭއްވޭ އިންތިޚާބުތަކަށް."
އިލެކްޝަންސް ކޮމިޝަން

ނުފޫޒެއް، ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ އަސާސީ ހައްގެއް ކަމަށާއި ތިމާޔަށް އެއްޗެއްދޭ މީހަކަށް ވޯޓުލާކަށް މަޖުބޫރެއް ނުކުރެވޭނެކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ވަކިމީހަކަށް ވޯޓުލައިގެން ނުވަތަ ނުލައިގެން އަދަބެއް ނުދެވޭނެ ކަމަށާއި މިނިވަންކަމާއެކު އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްޤެއް ކަމަށް ބަޔާނުގައިވެއެވެ.

ޑިމޮކްރެސީ ދުވަސް ކުރިމަތިލާ މިދުވަސްވަރަކީ، ރާއްޖޭގެ އިޖްތިމާއީ ހަޔާތުގައި، ދުވަހަކުވެސް ތަޖްރިބާ ކޮށްފައިނުވާ ފަދަ، ބިރުވެރި ނުރައްކާތެރި ރޯގާއެއް ކުރިމަތިވެފައިވާ ދުވަސްވަރެއް ކަމަށާއި ޑިމޮކްރެސީ ދުވަހުގެ މުނާސަބަތު ފާހަގަ ކުރުމަށް ކުރިން ހިންގި ހަރަކާތްތަކެއް ހިންގުމަށްވެސް އެކަށީގެންވާ މާހައުލެއްނެތިކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.