ހިއުމަން ރައިޓްސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރައްވާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރެއްގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންތައް ހުށަހަޅުއްވާފައިވަނީ، 2020 ޖުލައި 22 ވަނަ ދުވަހު އެކޮމިޝަނުގެ މެންބަރެއް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމުން ވަކިކުރައްވާފައިވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރެއްވުމަށްޓަކައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވަނީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގެ މެންބަރުކަމުގެ މަގާމަށް ތިން ބޭފުޅަކު މިމަހު 8 ވަނަ ދުވަހު އައްޔަން ކުރައްވާފައެވެ.

ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވި ތިން ބޭފުޅުންނަކީ ސ. ފޭދޫ، ޑޯރެންސީވިލާ، އާމިނަތު ޝިފާޢަތު އަބްދުއްރައްޒާގާއި، މ. ޖިއެނާ، މުއުމިނާ ވަހީދު އަދި މއ. މާވެޔޮގެ، ޑޮކްޓަރ އަހުމަދު އަދުހަމް އަބްދުﷲއެވެ.

މި ތިން ބޭފުޅުން އައްޔަންކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 190 ވަނަ މާއްދާގެ (ށ) އާއި، ގާނޫނު ނަންބަރު 2006/6 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.