މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ، ރާއްޖޭގައި ހުންނަވާ އިންޑިއާ ހައި ކޮމިޝަނަރ ސަންޖޭ ސުދީރުއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މިނިސްޓަރ އާއިޝަތު ނަހުލާއާއި، އިންޑިއާގެ ހައި ކޮމިޝަނަރގެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވަނީ، އިންޑިއާގެ އެހީގައި ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ ޓްރާންސްޕޯޓުގެ ދާއިރާއާ ގުޅުންހުރި ބައެއް މަޝްރޫއުތަކާ ގުޅޭގޮތުންނެވެ.

ދެބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، އިންޑިއާގެ ކޮޗިންއާއި ދިވެހިރާއްޖެއާ ދެމެދު މިމަހު ފެށުމަށް ތައްޔާރުވަމުންދާ ފެރީ ދަތުރާ ގުޅޭގޮތުންނެވެ.

މިއީ، ކޮޗިން – ކުޅުދުއްފުށި – މާލެ ކާގޯ ފެރީގެ ޚިދުމަތެވެ.

ކާގޯ ފެރީގެ ޚިދުމަތާއެކު ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށާއި ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލް ކަމަށްވުމާއެކު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެގޮތުން ކުރިއެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ކުރިން ބުނެފައި ވެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއި، އިންޑިއާގެ ހައި ކޮމިޝަނަރ ސަންޖޭ ސުދީރާ ދެބޭފުޅުން މިއަދު މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި އިންޑިއާގެ މާލީ އެހީތެރިކަމުގައި ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރުމަށް ފަށާ މަޝްރޫއުވެސް ހިމެނެއެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތުގެ ބިންގާ އެޅުމަށް ތައްޔާރުވަމުންދަނީ މިއަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އަދި އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ހަނިމާދޫ އެއަރޕޯޓް އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަކީ، އިންޑިއާއިން ދިވެހިރާއްޖެއަށް ދިނުމަށް ނިންމާފައިވާ 800 މިލިއަން އެމެރިކާ ޑޮލަރުގެ ކްރެޑިޓްލައިންގެ ތެރެއިން ހިންގުމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރުމުގެ އިތުރުން، އިންޑިއާއިން ދޭން ނިންމާފައިވާ ކްރެޑިޓްލައިންގެތެރެއިން ހިންގާ އެހެން މަޝްރޫއުތަކުގެ ތެރޭގައި، 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި، އައްޑޫސިޓީގެ މަގުހެދުމާއި، މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމާއި، ބިންހިއްކުމާއި، ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް ހެދުމާއި، ހުޅުމާލޭގައި 100 އެނދުގެ ކެންސަރު ހޮސްޕިޓަލެއް ގާއިމްކުރުމާއި، ބައިނަލްއަގްވާމީ ޕޯޓެއް ތަރައްގީކުރުމުގެ މަޝްރޫއާއި، ގެމަނަފުށްޓާއި ފެލިވަރު މިފްކޯ ފެސިލިޓީ ތަރައްގީކުރުންވެސް ހިމެނެއެވެ.

ކްރެޑިޓްލައިންގެ އިތުރުންވެސް، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި ދަނީ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.