ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ބޭފުޅުންގެ ނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި އަހްމަދު ސުލައިމާން، ކޮމިޝަންގެ މެމްބަރު ކަމުންނާއި އަދި ކޮމިޝަންގެ ރައީސްކަމުގެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

ރައީސް އިބްރާހިމް މުހަންމަދު ސާލިހް، އެންއައިސީގެ މެމްބަރުކަމުންނާއި ރައީސްކަމުން އަހްމަދު ސުލައިމާން ވަކިކުރެއްވީ، އެމަގާމުތަކުން އޭނާ ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް 21 ޖުލައި 2020 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރުމާ ގުޅިގެންނެވެ.

ކޮމިޝަނުން ސުލައިމާން ވަކިކޮށްފައިވާ އިރު ކޮމިޝަނުން ވަކިކުރުމަށް ނިންމާފައިވާ ކޮމިޝަނުގެ ނައިބު ރައީސް ހައްސާން ހަމީދުއާއި، މެމްބަރު އަހްމަދު އަމީންގެ އިތުރުން މެންބަރު ޚަދީޖާ އަބްދުﷲ ވަނީ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ގުޅޭގޮތުން މިނިވަން މުއައްސަސާގެ ކޮމެޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް އިއްވައިދެއްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކުރިން ވިދާޅުވެފައި ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް އިހުމާލުވެފައިވާ މައްސަލަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީން ކުރި ދިރާސާތަކުން ދައްކާ ކަމަށެވެ.

އެގޮތުން ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި، ގެއްލިފައިވާ އަހުމަދު ރިލުވާނުގެ މައްސަލަ މޯލްޑިވުސް ޕޮލިސް ސަރވިސްއިން ތަހުގީގު ކުރުމުގައި އެސަރވިސްގެ އިހުމާލެއް ނެތްކަމަށް ކަނޑައަޅައި ނެރުނު ރިޕޯޓުގައި މޯލްޑިވުސް ޕޮލިސް ސަރވިސްގެ މައްސަލައެއް ނެތްކަމަށް ކަނޑައަޅާފައި ވަނީ އޭރުގައި ކޮމިޝަނަށް ލިބިފައިވާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ސަލާމާތީ ޚިދުމަތްތަކާބެހޭ ކޮމެޓީން ހިއްސާކުރި މައުލޫމާތުތަކަށް ރިއާޔަތް ކުރާއިރު އެ މައުލޫމާތުތައް ކުރިން ކޮމިޝަނަށް ލިބުނުނަމަ ކޮމިޝަންގެ ނިމުން ތަފާތުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކޮމެޓީގެ ބައްދަލުވުމުގައި އެންއައިސީގެ މެމްބަރުން ވިދާޅުވެފައިވާކަމަށް މީކާއިލް ވިދާޅުވިއެވެ.

އަދި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އެންއައިސީން އަދާކޮށްފައި ނުވާކަން ކޮމެޓީއަށް ފާހަގަވެފައިވާ ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވެފައި ވަނީ މިމަހުގެ 3 ވަނަ ދުވަހުގައެވެ.